މަސްތުވާތަކެއްޗާ ދެކޮޅަށް ސްރީ ލަންކާގައި މިހާރު ކުރިއަށްދާ އޮޕަރޭޝަން "ޔުކްތިޔާ" އާ ގުޅިގެން ފާއިތުވެދިޔަ އެއް މަސް ދުވަހުގެ ތެރޭގައި 40،590 މީހުން ހައްޔަރުކޮށްފިއެވެ.

ލަންކާގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި ލަންކާގެ ޕޮލިސް ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) އިން ހިންގަމުންދާ އޮޕަރޭޝަންގައި ހައްޔަރު ކުރި މީހުންގެ ތެރެއިން 38،225 މީހުންނަކީ މަސްތުވާތަކެތީގެ އެކިއެކި ކުށްތަކާ ގުޅިގެން ހައްޔަރު ކުރި މީހުންނެވެ. އޭގެ ތެރެއިން ފުލުހުންގެ ބަންދުގައި އިތުރަށް ބައިތިއްބަން ނިންމާފައި ވަނީ 1،703 މީހުންނެވެ. އަދި 1،867 މީހުން ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތަކަށް ވަނީ ފޮނުވައިފައެވެ.

މި މައްސަލަތަކުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން 225 މީހުން ގާނޫނާއި ގަވައިދާ ހިލާފަށް ގެންގުޅުނު މުދާތައް ވަނީ ހިފަހައްޓައިފައެވެ. އަދި ހައްޔަރު ކުރި 2،801 މީހުންނަކީ އެސްޓީއެފް އާއި ނާކޮޓިކްސް ބިއުރޯ އިން ހޯދަމުން ދިޔަ ބައެކެވެ.

ލަންކާގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި މިހާތަނަށް އައިއިރު އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަގު 4،791 މިލިއަން ރުޕީސް އަށް އަރައެވެ. އަދި 725 މިލިއަން ރުޕީސްގެ މުދާ ވަނީ އަތުލައިގެންފައެވެ.

ސްރީލަންކާގައި އަންޑަވޯލްޑް އަދި މަސްތުވާތަކެއްޗާ ގުޅުންހުރި ހަރަކާތްތައް ހުއްޓުވުމަށް މުޅި ގައުމުގައި ސްޕެޝަލް އޮޕަރޭޝަން "ޔުކްތިޔާ" ނަމުގައި އޮޕަރޭޝަނެއް ފެށީ މިދިޔަ މަހުގެ 17 ގައެވެ.

މި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގަވާއިދާ ހިލާފަށް ހޯދާފައިވާ މުދަލާއި އަންޑަވޯލްޑް ލީޑަރުންނާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުގެ މުދާ މިހާތަނަށް ފުލުހުން ވަނީ އަތުލައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަބްދުﷲ

    ލަންކާއިން ތިކަހަލަ ކަންކަން ފެންވަރުގަ ކޮށްލާނެ.

  2. ކޮރަލް

    ރާއްޖެ އަޅާ ވެސް ނުލަ އެވެ.