ކޮވިޑް-19 ގެ އާ ވޭރިއަންޓެއް ދާދި ފަހުން ސައުދީން ފެނުމާ އެކު، ނޭވާލާ ނިޒާމުގެ އިންފެކްޝަނުން ރައްކާތެރިވުމަށް މީހުން އެއްވެ އުޅޭ ތަންތަނުގައި މާސްކު އެޅުމަށް ސައުދީ ސިއްހީ އިދާރާތަކުން ގޮވާލައިފިއެވެ.

ޕަބްލިކް ހެލްތު އޮތޯރިޓީ (ޕީއެޗްއޭ) އިން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ނޭވާލާ ނިޒާމުގެ ބަލިތަކުން ތިމާއާއި އެހެން މީހުން ރައްކާތެރިކުރުމަށް މީހުން އެއްވެ އުޅޭ ތަންތަނަށް ދާއިރު މާސްކު އެޅުން މުހިންމު ކަމަށެވެ.

މި މަހުގެ ކުރީކޮޅު ޕީއެޗްއޭ އިން ވަނީ ކޮވިޑުން ދިފާއުވުމަށް ފަހުގެ ވެކްސިނެއް ލިބެން ހުންނާނެ ކަން އިއުލާނުކޮށް، ނުރައްކަލަށް ހުށަހެޅިފައިވާ ގްރޫޕްތަކަށް އެ ވެކްސިން ޖެހުމަށް ލަފާ ދީފައެވެ. އެގޮތުން މާބަނޑު އަންހެނުންނާއި، އުމުރުން 50 އަހަރުން މަތީގެ މީހުންނާއި، ސިއްހީ ޚިދުމަތްތެރިންނާއި އެކްޓިވް ކެންސަރު ފަދަ ކްރޮނިކް އިމިއުނޯސްޕްރެސިވް ޑިޒީޒްތަކުގެ ޝިކާރައަކަށްވާ މީހުންގެ އިތުރުން އަދި މާގިނައިން ފަލަވުމުގެ ސަބަބުން އިންފެކްޝަން ޖެހުމުގެ ނުރައްކާ އޮތް މީހުން ވެކްސިން ޖެހުމަށް ލަފާ ދީފައި ވެއެވެ.

ކޮވިޑުގެ އާ މި ވެކްސިނަކީ ބަލީގެ ކޮމްޕްލިކޭޝަންތަކުން ރައްކާތެރިވުމަށް ބޭނުންކުރާ ވެކްސިނެެެކެވެ. މި ވެކްސިނަކީ މިހާރު ފެތުރެމުންދާ ވޭރިއަންޓްތަކާ ދެކޮޅަށް ވެސް ކާމިޔާބު ވެކްސިނެއް ކަމަށް ޕީއެޗްއޭ އިން ބުނި އިރު، މި ވެކްސިން ޖެހޭނީ 18 އަހަރުން މަތީގެ މީހުންނަށެވެ. އަދި ކުރިން ޖަހާފައިވާ ޑޯޒްތަކަށް ބެލުމެއް ނެތި އެ ވެކްސިން ބޭނުން ކުރެވޭނެ ކަމަށް ބުނެފައި ވެއެވެ.

ކޮވިޑްގެ ޖޭއެން.1 ވޭރިއަންޓް އެ ގައުމުން ފެނިފައިވާ ކަމަށް ސައުދީގެ ސިއްހީ އިދާރާތަކުން މިދިޔަ މަހު ބުނެފައިވީ ނަމަވެސް އެއީ ކަންބޮޑުވާން ޖެހޭ ސަބަބެއް ނޫން ކަމަށް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    މިހާރު ދެން މީހަކަށް ބާރަށް ފޮޑިއެއްޖެހުނަސް އެއޮތީ ކޮވިޑްޖެހިފައި. އަވަހަށް މާސްކްއަޅުވާ!

    5
    6