އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ވަރުގަދަ ހަމަލާތަކުގައި ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 172 މީހުން ޝަހީދުކޮށްލައިފިއެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު މަދުވެގެން 24،620 އަށް އަރާފައިވާ ކަމަށާއި 61،830 މީހުން ޒަހަމްވެފައިވާ ކަމަށެވެ.

"ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން 15 މީހުން މަރާލައި 172 މީހުން މަރާލައި 326 މީހުން ޒަޚަމްކޮށްލި،" އެ މިނިސްޓްރީން ބުނެފަައި ވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިހާތަނަށް އައިއިރު، ވަރަށް ގިނަ ބަޔަކު ތިބީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައެވެ. އެގޮތުން 7،000 އަށް ވުރެ ގިނަ މީހުން އިމާރާތްތަކުގެ ދަށުގައި ތިބި ކަމަށް ބެލެވޭ އިރު، އެމީހުން ސަލާމަތް ކުރުމަށް އެހީތެރިން ދަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު، ބައެއް ތަންތަނަށް ވަނުމުގައި ބޮޑެތި އުނދަގޫތައް ކުރިމަތިވެފައިވާތީ ޒަހަމްވެފައިވާ މީހުންނާއި އެ ނޫން ވެސް މީހުން ޝަހީދުވާން ދޫކޮށްލަން ވަނީ ޖެހިފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގެ ސަބަބުން ބަދަލުހިފުމަށް ޔަހޫދީ އިސްރާއީލުން އަންނަނީ ޣައްޒާގެ އެކި ހިސާބުތަކަށް ހުއްޓުމެއް ނެތި ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އިސްރާއީލުން ހަމަލާތައް ދެމުން އަންނަނީ ވަކި ތަނެއް ބެލުމެއް ނެތިއެވެ. ހަމާސް އިން ހަމަލާތައް ދޭން ފެށި ފުރަތަމަ ދުވަހު ވެސް އިސްރާއީލްގެ 1،200 އަށް ވުރެ ގިނަ މީހުން މަރާލިއެވެ. އަދި 300 އަށް ވުރެ ގިނަ ސިފައިން މަރާލިއެވެ.