އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ ބޮން އަޅައި ހިންގަމުން ގެންދާ ގަތުލުއާންމުގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ އެއް ޖަމާއަތް ކަމުގައިވާ އިސްލާމިކް ޖިހާދުގެ ޑެޕިއުޓީ ހެޑް ޝަހީދުކޮށްލާފައިވާ ކަމަށް އިސްރާއީލުން މިއަދު ބުނެފިއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ހާމަކޮށްފައިވާ ގޮތުގައި ޣައްޒާ އަށް ވައިގެ މަގުން ދިން ހަމަލާއެއްގައި ޝަހީދުކޮށްލާފައި ވަނީ އިސްލާމިކް ޖިހާދުގެ ޕްރޮޕެގެންޑާ ޔުނިޓްގެ ޑެޕިއުޓީ ހެޑް ވާއިލް އަބޫ ފަނޫނާހްއެވެ. އޭނާއަކީ އިސްލާމިކް ޖިހާދުގެ އެކިއެކި ވީޑިއޯތަކާއި ފޮޓޯތައް މީސް މީޑިއާގައި އާންމު ކުރުމުގައި އެންމެ އިސްކޮށް އުޅޭ މީހާ ކަމުގައި އިސްރާއީލްގެ އަސްކަރިއްޔާ އިން ތުހުމަތު ކުރެއެވެ. މިކަމާ ގުޅިގެން އިސްލާމިކް ޖިހާދުން އަދި ވަކި އެއްޗެއް ނުބުނެއެވެ.

އިސްލާމިކް ޖިހާދުގެ ޑެޕިއުޓީ ހެޑަކީ އިސްރާއީލަށް ފޮނުވާލާ ރޮކެޓް ހަމަލާތަކުގެ ވީޑިއޯ އާއި އެމީހުންގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ވީޑިއޯ ތައްޔާރުކޮށް އެ ވީޑިއޯތައް އާންމުކުރުމުގައި ވެސް އެންމެ އިސްކޮށް އުޅޭ މީހާ ކަމުގައި އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެއެވެ.

އިސްރާއީލުން ބުނާ ގޮތުގައި އަބޫ ފަނޫނާއަކީ އިސްލާމިކް ޖިހާދުގެ އިސް މާގާމުތަކެއް ވެސް ފުރި މީހެކެވެ. އަދި އޭނާއަކީ އިސްލާމިކް ޖިހާދުގެ އުތުރު ޣައްޒާގެ ކޮމާންޑަރު ހަލީލް ބަތީނީގެ އެސިސްޓަންޓް ކަން ކުރި މީހެއް ކަމަށް ވެސް އިސްރާއީލުން ބުންޏެވެ.

ޣައްޒާގައި އިސްރާއީލުން ހިންގަމުން ގެންދާ ގަތުލުއާންމުގައި ޣައްޒާގެ މެދުތެރެއިން ހަތިޔާރުތަކެއް ހުރި އިމާރާތެއް ހޯދާފައިވާ ކަމަށް އިސްރާއީލުން ބުނެއެވެ.