ދިވެހިރާއްޖެ އިން ރަޝިއާއަށް ކަނޑައަޅާ ނަން ރެސިޑެންޓް ސަފީރު ކަމަށް މުހައްމަދު ހުސައިން ޝަރީފު (މުންދު) އައްޔަނު ކުރަން ނިންމައިފިއެވެ.

މި މަގާމަށް މުންދު އައްޔަން ކުރަން ނިންމާ ރައީސް އަބްދުﷲ ޔާމީން ވަނީ އޭނާގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ. މުންދުގެ ނަން ދިރާސާ ކުރުމަށް މަޖިލީހުގެ ކޮމެޓީއަށް ފޮނުވުމުގެ މައްސަލަ މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާ އަށް ވަނީ އެޖެންޑާ ކޮށްފައެވެ.

މި މަގާމަށް މުންދު އައްޔަން ކުރަން ނިންމެވިއިރު، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައިވާ ސަފީރުގެ މަގާމުގައި ވެސް ހުންނެވީ މުންދުއެވެ. ރަޝިއާ އަށް ކަނޑައަޅާ ނަން ރެސިޑެންޓް ސަފީރަކަށް މުންދު އައްޔަނު ކުރިނަމަވެސް ލަންކާގެ ސަފީރުކަމުގެ މަގާމުގައި މުންދު ދެމި ހުންނަވާނެއެވެ.

މުންދު ވަނީ މީގެކުރިން ރާއްޖެ އިން ޖަޕާނަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ މަގާމުވެސް އަދާކުރައްވާފައެވެ. މީގެއިތުރުން ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް އޭނާ އަދާކުރެއްވިއެވެ.