މާލޭގައި މަސައްކަތް ކުރަމުން އަންނަ ތިން އިމާރާތެއްގެ މަސައްކަތް ސަރުކާރުން ހުއްޓުވައިފިއެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ އެމިނިސްޓްރީ އިން ބެލި ބެލުމުގައި ތިން ސައިޓެއްގައި މަސައްކަތް ކުރަމުންދިޔައީ އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް ނާޅާކަން ފާހަގަކުރެވުމުން އެ ތިން ސައިޓުގެ މަސައްކަތް ހުއްޓާލުމަށް އަންގާފައިވާނެ ކަމަށެވެ.

ޕްލޭނިން މިނިސްޓަރ އަސްލަމް ވިދާޅުވީ 163 ސައިޓެއް އެ މިނިސްޓްރީން ވަނީ ބަލާފައެވެ. އޭގެ ތެރެއިން 70 ސައިޓެއްގެ މަސައްކަތް ގާތުން ބަލަމުން އަންނަ ކަމަށާއި 7 ސައިޓަކަށް ޚާއްސަ ސަމާލުކަމެއް މިނިސްޓްރީން ދެމުން އަންނަ ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

އެ މިނިސްޓްރީ އާއި ސަރުކާރުގެ ކަމާ ބެހޭ އެހެން މުއައްސަސާތައް ގުޅިގެން މިހާރު ދަނީ މާލޭގައި ހުރި ކޮންސްޓްރަކްޝަން ސައިޓުތަކުގެ ރައްކާތެރިކަން ވަޒަން ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެކަން ކުރަމުން ދަނީ، ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ކުޑަކުއްޖަކު ނިޔާވި ޙާދިސާއާ ގުޅިގެންނެވެ.

މި މަސައްކަތް، ޕްލޭނިންގ މިނިސްޓްރީ އިން ކުރަމުން ދަނީ މިނިސްޓްރީ އޮފް ހައުސިންގ، އެމްއެންޑީއެފް، މާލޭ ސިޓީ ކައުންސިލް، އާކިޓެކްސްޓް އެސޯސިއޭޝަން، އިންޖިނިއާސް އެސޯސިއޭޝަން އަދި އެޗްޑީސީއާ ގުޅިގެންނެވެ.

މާލޭގައި ހުރި ކޮންސްޓްރަކްޝަން ސައިޓުތަކުގެ ރައްކާތެރިކަން ވަޒަންކުރުމަށް އަންގަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހެވެ.