މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ އަލަށް އުފެއްދި ކޮލަމާފުށި ދާއިރާގެ ގޮނޑި ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީ އަށް ލިބޭނެކަން "ވަގުތު" އިން ކުރި ސާވޭ އިން ދައްކައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ވޯޓުލުން ކައިރިވެފައި ވަނިކޮށް "ވަގުތު"ން ކޮލާމުފުށި މާމެންދޫގައި ނިންމާލި ސާވޭގައި 512 ރައްޔިތުން ބައިވެރިވެފައި ވެއެވެ. އެއީ ވޯޓު ލެވޭ އާބާދީގެ 22 އިންސައްތައެވެ.

މި ދާއިރާއަށް ވާދަކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓު އިބްރާހިމް ދީދީ އާއި އެމްޑީޕީ ކެންޑިޑޭޓް ސައްޔާހް ހަލީލް އާއި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓު ރިފާސް ހުސައިނެވެ.

ސާވޭ އިން ދައްކާ ގޮތުގައި މި ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާނެ ކަމަށް ދައްކަނީ ޕީއެންސީގެ އިބްރާހިމް ދީދީއެެވެ. ދެވަނަ އަށް އަމިއްލަ ކެންޑިޑޭޓް ރިފާސް ދާނެ ކަމަށް ސާވޭ އިން ދައްކާ އިރުގައި ތިން ވަނަ އަށް ދާނީ އެމްޑީޕީ ސައްޔާހެވެ.

މި ދާއިރާގެ 512 މީހަކާ ސުވާލުކޮށްގެން މި ސާވޭ ކުރިއަށް ގެންގޮސްފައިވާއިރު، 239 މީހުން ބުނެފައި ވަނީ އެމީހުން ވޯޓު ދޭނީ ދީދީ އަށް ކަމަށެވެ. އެއީ ސާވޭގައި ބައިވެރިވި %46.7 މީހުންނެވެ. ރިޔާސް އަށް ވޯޓު ދޭނެ ކަމަށް ބުނަނީ 138 މީހުންނެވެ. އެއީ ސާވޭގައި ބައިވެރިވި %27މީހުންނެވެ. އަދި ސައްޔާހް އަށް ވޯޓު ދޭނެ ކަމަށް ބުނަނީ 129 މީހުންނެވެ. އެއީ ސާވޭގައި ބައިވެރިވި %25.3 މީހުންނެވެ.

މި ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ އެ ދެ ރަށަށް "ވަގުތު" ނޫސްވެރިން ގޮސް ރައްޔިތުންނާއި ސުވާލުކޮށްގެންނެެވެ. މި ސާވޭގައި ބައިވެރިވެފައި ވަނީ ހަމައެކަނި އެރަށުގައި ވޯޓުލާ މީހުންނެވެ.

ރާއްޖޭގައި ބާއްވާ އިންތިހާބުތަކާ ދިމާކޮށް މީގެކުރިން ވެސް "ވަގުތު"ން ވާނީ ވަރަށް ގިނަ ސާވޭތަކެއް ކުރިއަށް ގެންގޮސްފައެވެ.

މި ހުރިހާ ސާވޭތަކެއްގެ ނަތީޖާ އާއި އިންތިހާބުގައި ނުކުންނަ ނަތީޖާތައް ދިމާވެފައި އެބަހުއްޓެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ނަތީޖާއަކީ މިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށުމުގެކުރިން ބޭއްވި ސާވޭއެވެ. އެ ސާވޭގައި ދެއްކި ގޮތުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް %54 ވޯޓު ލިބިވަޑައިގަންނަވާނެއެވެ. ދެވަނަ ބުރުގެ ނަތީޖާ ވެސް ނުކުތީ ހަމަ އެގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު