ނިރުބަވެރި އިސްރާއީލުން ލުބުނާނަށް ހަމަލާދީފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއާއި ހަވާލާދީ މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ނިރުބަވެރި އިސްރާއީލުން ހަމަލާދީފައިވަނީ ލުބުނާނުގެ ދެކުނުގައި ހުންނަ ހިޒްބުﷲގެ ބައެއް ސަރަހައްދުތަކަށެވެ.

ނިރުބަވެރިން މި ހަމަލާދިފައިވަނީ ރޭގެ ވަގުތެއްގައި ހިޒްބުﷲއިން އިސްރާއީލަށް ގިނަ އަދަދެއްގެ މިސައިލާއި ރޮކެޓް ހަމަލާތަކެއް އިސްރާއީލުގެ އުތުރުގެ ބައެއް ސަރަހައްދުތަކަށް ދިންކަން ހާމަކޮށްފައިވަނިކޮށެވެ. ހިޒްބުﷲއިން އިސްރާއީލަށް ދިން ހަމަލާގައި މިހާތަނަށް އެއްވެސް މީހަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ނުލިބޭ ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.

މިހަމަލާއާއި ގުޅިގެން އިސްރާއީލުން ލުބުނާނަށް ހަމަލާއެއް ދިން ނަމަވެސް ހަމަލާއާއި ގުޅިގެން ލުބުނާނުން ވަކި އެއްޗެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އިސްރާއީލާއި ޣައްޒާއާއި ދެމެދު މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ފެށުނު ހަނގުރާމައިގެ ތެރޭގައި ލުބުނާނާއި އިސްރާއީލާއި ދެމެދު ވެސް އަންނަނީ ހަމަލާ ބަދަލު ކުރުންތަކެއް ހިންގަމުންނެވެ. އެގޮތުން މިހާތަނަށް ގިނަ އަދަދެއްގެ ހަމަލާ ބަދަލު ކުރުންތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، ލުބުނާނުން 350 މީހަކު އަދި އިސްރާއީލުން 22 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.