އިންޑޮނޭޝިއާ އިން ކޮވިޑް ޖެހިގެން އިއްޔެ ވެސް އިތުރު 1598 މީހުން މަރުވެއްޖެއެވެ. އިއްޔެ އިންޑޮނޭޝިއާ އިން އިތުރު 33,900 މީހުން ކޮވިޑަށް ފައްސިވިއެވެ.

އިންޑޮނޭޝިއާ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 3.4 މިލިއަނަށް އަރާފައެވެ. ކޮވިޑް ޖެހިގެން އިންޑޮނޭޝިއާ އިން މިހާތަނަށް 98,889 މީހަކު ވަނީ މަރުވެފައެވެ.

އިންޑޮނޭޝިއާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން އެގައުމުގެ ގިނަ ހޮސްޕިޓަލްތައް މިހާރު ވަނީ ފުރިފައެވެ. ބައެއް ހޮސްޕިޓަލްތަކުގެ އައިސީޔޫގައި އިތުރު އެންމެ ބަލި މީހަކު ބާއްވާނެ ޖާގައެއް ވެސް ނެތެވެ. އައިސީޔޫގައި ބަލި މީހަކު އެޑްމިޓް ކުރެވެނީ އައިސީޔޫ އިން މީހަކު މަރުވުމުންނެވެ.

އިންޑޮނޭޝިއާގެ އޮފިޝަލުން ބުނާ ގޮތުގައި އެގައުމުގެ ހާލަތު ކޮންޓްރޯލުން ނައްޓާލާފައި ވަނީ ކޮވިޑްގެ ޑެލްޓާ ވޭރިއަންޓްގެ ސަބަބުންނެވެ. ޑެލްޓާ ވޭރިއަންޓަކީ މާފަސޭހައިން އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ކޮވިޑް ވައިރަސް އުފުލާ ވޭރިއެންޓެކެވެ. އިންޑޮނޭޝިއާ ސަރުކާރުން މިހާރު ގެންދަނީ ޑެލްޓާ ވޭރިއަންޓްގެ ނުރައްކާތެރިކަން ހާމަކޮށް ރައްޔިތުން އިތުރަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނަސޭހަތްތެރިވަމުންނެވެ.

އިންޑޮނޭޝިއާ ސަރުކާރުން މިހާރު ވަނީ ކޮވިޑް މެނޭޖް ކުރުމަށް މަގުޗާޓެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށާފައެވެ. މިމަގުޗާޓްގައި ކޮވިޑްއަށް މީހުން ޓެސްޓް ކުރުމުން އިތުރު ކުރުމާއި، ކޮވިޑް ޖެހޭ މީހުންނާއި ބައްދަލުވާ މީހުން ފަސޭހައިން ދެނެގަނެވޭނެ ގޮތްތައް ހޯދުމާއި އަދި ފަރުވާ ދިނުމުގެ ކަންކަން ވެސް ކުރިއަށް ގެންދާނެ ގޮތް ހިމަނާނެއެވެ. މީގެ އިތުރުން ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންދާނެ ގޮތުގެ އިތުރު ތަފްސީލްތައް ވެސް މިމަގުޗާޓްގައި ހިމަނާނެ ކަމަށް ސަރުކާރުން ބުނެއެވެ.