މަސްގަނޑު ތައްޔާރު ކުރުން

ބޭނުންވާ ތަކެތި:

2 ފިޔާ

¼ ގިތެޔޮ މިރުސް

7 ހިކަނދި ފަތް

1/3 އިނގުރު

½ ލުނބޯ

1 މަސްދަޅު

3 ސައިސަމުސާ ކުކުޅު ހަވާދު

3/2 ސައިސަމުސާ ލޮނު

2 މޭޒުމަތީ ސަމުސާ ތެޔޮ

3 އިންޗީގެ ރާނބާ

4 ކާފޫރުތޮޅި (ކުޑަކޮށް ހުޅުވާލާފައި)

3 އިންޗީގެ ފޮނިތޮށި

½ 2 ސައިސަމުސާ ހަކުރު

ތައްޔާރުކޮށްލާނެ ގޮތް:

އެއް ފިޔާ ހަތަރު ބަޔަށް ފަޅާލާފައި ތުނިކޮށް ކޮށާލާށެވެ. ކޮށާނީ ހުރަހަށެވެ. ދެން އޮތް ފިޔާ ކޮށާނީ ފަހުންނެވެ. ގިތެޔޮ މިރުހާއި ހިކަނދިފަތުގެ ތެރެއިން ހަތަރު ފަތް ތުނިކޮށް ކޮށާށެވެ. ބާކީ ހުރި ހިނކަދި ފަތްކޮޅު ބޭނުން ކުރާނީ ފަހުންނެވެ. ތުނިކޮށްކޮށި ފިޔާ، ގިތެޔޮމިރުސް، ލުނބޯ ހުތް އަދި ހިނކަނދިފަތް ބޮޑު ބޯތައްޓަކަށް އަޅާށެވެ. ގޭނި އިނގުރުވެސް ބޯތައްޓަށް އަޅާށެވެ. ދެން ރަނގަޅަށް މޮޑެލާށެވެ. މޮޑޭނީ ފިޔާތައް މަޑުވެ އެއިން ދިޔަ ނިކުންނަ ވަރަށެވެ. ދެން މަސްދަޅު (ފުރާނާލާފައި)، ކުކުޅު ހަވާދު އަދި ލޮނު ބޯތަށީގެ ތެރެއަށް އަޅާށެވެ. ރަހަ ބަލާލާފައި ބޭނުން ގޮތަކަށް ރަހަ ހެޔޮވަރު ކޮށްލާށެވެ. ދެން އިރުކޮޅަކަށް ބަހައްޓާލާށެވެ. މަސްގަނޑު ތައްޔާރު ކުރުމުގެ ފުރަތަމަ ބައި މި ނިމުނީއެވެ. ބާކީ އޮތް ފިޔާ ތުނިކޮށް ދިގަށް ކޮށާލާށެވެ. ތެޔޮކޮޅު ތެއްޔެއްގެ ތެރެއަށް އަޅާ ހޫނު ކުރާށެވެ. ހޫނު ވީމައި ދިގަށް ކޮށި ފިޔާ، ބާކީ އޮތް 3 ހިކަނދި ފަތް، ރާނބާފަތް، ކާފޫރުތޮޅި އަދި ފޮނިތޮށި ތެއްޔަށް އަޅާށެވެ. ފިޔާކޮޅު މަޑުވެ އެއަށް ކުޑަކޮށް ރަންކުލަ އަރާލަންދެން ކައްކާށެވެ. ދެން މަސްގަނޑު ތައްޔާރު ކުރުމުގެ ފުރަތަމަ ބައިގައި މޮޑެފައި ބެހެއްޓި މަސްގަނޑު ތެލީގެ ތެރެއަށް އަޅާލާށެވެ. ހަކުރު ވެސް ތެއްޔަށް އަޅާށެވެ. ދެން މަޑު ގިނީގައި ހުރިހާ އެއްޗެއް އެއްކުރަމުން 5 ވަރަކަށް މިނިޓު ކައްކާލާށެވެ. އަނެއްކާވެސް ރަހަ ބަލާލާ ހެޔޮވަރު ކޮށްލެވިދާނެއެވެ. މަސްގަނޑު ތައްޔާރުކޮށް މި ނިމުނީއެވެ.

ފުށްގަނޑު ތައްޔާރުކުރާނެ ގޮތް:

ބޭނުންވާ ތަކެތި:

2 ޖޯޑު ފުށް

3/2 ސައިސަމުސާ ލޮނު

4 މޭޒުމަތީ ސަމުސާ ތެޔޮ

24 މޭޒުމަތީ ސަމުސާ ހޫނުފެން

ތައްޔާރުކޮށްލާނެ ގޮތް:

ބޮޑު ބޯތައްޓަކަށް ފުށް ފުރާނާލާށެވެ. ދެން ލޮނުކޮޅު އަޅައި އެއް ކޮށްލާށެވެ. ފުށުގެ ތެރެއަށް ތެޔޮ އަޅާފައި އެއްކޮށްލާށެވެ. މަޑުން ފުށުގެ ތެރެއަށް ހޫނު ފެން އަޅާށެވެ. އަޅާނީ ބަލައިގެން ފަހަރަކު މޭޒުމަތީ ސަމުސަލެއްގެ ފެނެވެ. ފެން އަޅާފައި ފުށާއި ފެން އެއްކުރަމުން ގެންދާށެވެ. ފުށްގަނޑު މޮޑޭށެވެ. ރަނގަޅަށް މޮޑެވުނީމައި ފުށްގަނޑު އޮންނާނީ މަޑުކޮށް އަދި ކުޑަކޮށް އިލާސްޓިކްކޮށެވެ. ރަނގަޅަށް މޮޑެވުނީމައި އިނގިލީގައި ފުށްގަނޑު ތަތްލާ ގޮތެއް ނުވާނެއެވެ. އަދި މާބޮޑަށް ހިކި ކޮށެއްވެސް ނޯންނާނެއެވެ. ފުށްގަނޑު ފަސް ބަޔަށް ބަހާލާށެވެ. ބަހާލާއިރު ސެންޓިމީޓަރެއްހާ އެތިކޮޅަކުން ކުޑަ ގުޅައެއް ހަދާލާފައި ބާއްވާށެވެ. އޭތިކޮޅު އަހަރުމެން ބޭނުން ކުރާނީ ތެލުލާއިރު ތެޔޮގަނޑު ހޫނުވިތޯ ޗެކްކުރާށެވެ. ބައިކުރި ފަސް ބައިން އެއްބައި ނަގާފައި ރޮށިދަމާ އެތި ބޭނުން ކޮށްގެން ރޮށިދަމާ ގޮތަށް ވަށްކޮށް ދަމާލާށެވެ. ދަމާނީ ރޮށީގެ މެދުން ރޮނގެއް ދަމައިފިނަމަ އެ ރޮންގުގެ ދިގުމިނުގައި 7 ވަރަކަށް އިންޗި ހުންނާނެ ވަރަށެވެ. ދެން އެ ރޮށި ތޫނު ވަޅިއަކުން އެއްވަރުގެ 4 ބަޔަށް ކަފާލާށެވެ. ކެފި އެތިކޮޅުތައް ސާފު ތަށްޓެއް ނޫނީ ތަބަކެއްގައި އަތުރާށެވެ. މަތީގައިވާ ގޮތަށް ރޮށި ދަމާ ކަފަމުންގޮސް ފުށްގަނޑު ހުސްކޮށްލާށެވެ.

ބަޖިޔާ ތައަޔާރުކޮށްލުން:

ކެފި ރޮށިތަކުން އެތިކޮޅެއް ނަގައި އަތްތިލަ މަތީގައި ބާއްވާލާށެވެ. ދެން ކުރިން ތައްޔާރުކުރި މަސްގަނޑުން 2 ސައިސަމުސާ ވަރުގެ އެތިކޮޅެއް ނަގާފައި އަތުގައި އޮތް ރޮށި ފަޅީގެ މެދަށް އަޅާށެވެ. ރޮށީގެ ތެރެއަށް މަސްގަނޑު އެޅުމުގެ ކުރިން ކާފުރުތޮޅި އާއި ފޮނިތޮށްޓާއި ރާނބާފަތް މަސްގަނޑުގެ ތެރެއިން ނަގަން ވާނެއެވެ. އަތުގައި އޮތް ރޮށި ފަޅީގެ ކަނާތު ކަނުގައި ހިފާފައި ރޮށީގެ މެދަށް އެޅި މަސްގަނޑުގެ މަތިން ފަތްޖަހާލާށެވެ. މި ގޮތަށް ފަތްޖަހާލީމައި މަސްގަނޑުގެ ދެބައިކުޅައެއްބަޔަށް ވުރެ ހަމަ ކުޑަ ތަންކޮޅެއް ބޮޑަށް އޮންނާނީ ނިވާވެފައެވެ. އިނގިއްޔެއް ތެންމާލާފައި ފަތްޖެހި ފަޅިން ރޮށީގެ އަރިމަތީގައި ކުޑަ ފެންފޮދެއް އުނގުޅާލާށެވެ. ދެން ވާތުކަނުގައި ހިފާފައި ރޮށިފަޅި ފަތް ޖަހާލާށެވެ. މިހާރު އަތުގައި އޮންނަންވާނީ ތިނެސްކަން ބަޖިޔާއެކެވެ. މުޅި ބަޖިޔާ ރަނގަޅަށް ބެދިފައިވާކަން ޔަގީން ކުރަން އަރިމަތިތަކަށް މަޑުމަޑުން އޮބާލާށެވެ. މަތީގައިވާ ގޮތަށް ބަޖިޔާ ބައްދައިގެން މަސްގަނޑާއި ފުށްގަނޑު ހުސްކޮށްލާށެވެ.

ބަޖިޔާ ތެލުލުން

ބޭނުންވާ ތަކެތި:

ތެޔޮ

ތައްޔާރު ކުރާނެ ގޮތް:

ތެޔޮ ތެއްޔަކަށް އަޅާފައި ހޫނު ކުރާށެވެ. ހޫނު ކުރަން ޖައްސާފައި ތެޔޮ ހޫނު ވެއްޖެތޯ ބަލަން ތައްޔާރު ކޮށްފައި ބޭއްވި ކުޑަ ފުށްގުޅަ ތެލުގެ ތެރެއަށް ވައްޓާލާށެވެ. ފުށްގުޅައިގެ ވަށައިގެން މެދު ދުވެލީގައި ބޮކިޖަހަންދެން މަޑު ކުރާށެވެ. ބޮކިޖަހައިގަތީމައި ބަޖިޔާކޮޅެއް ތެލުގެ ތެރެއަށް އަޅާށެވެ. އެއްފަހަރާ ހުރިހާ ބަޖިޔަލެއް ތެލުލުމުގެ ބަދަލުގައި ބަޖިޔާ ތެލުލާނީ ބައިބަޔަށް ބަހާލައިގެންނެވެ. ބަޖިޔާތަކަށް ރަންކުލަ އަރަންދެން ތެލުލާށެވެ. ތެލުލެވެމުން ދާއިރު ބަޖިޔާތައް އެއްފަހަރު ފުށުން ޖަހާލަން ޖެހޭނެއެވެ. ތެލުލެވުމުން ބަޖިޔާތައް ނަގައި ދަގަނޑު ފުރޭންޏެއްގެ ތެރޭގައި ތެޔޮކޮޅު ފުރާނާލައި ދެން ޓިޝޫ އަޅާފައި ހުރި ތައްޓެއްގައި އަތުރާލާށެވެ. މިހެން ހެދީމައި ބަޖިޔާތައް ހުންނާނީ މުރަނަ ކޮށެވެ. މަތީގައިވާ ގޮތަށް ބަޖިޔާތައް ތެލުލާ ހުސްކޮށްލާށެވެ.