ފަތުރުވެރިކަމުގެ ދާއިރާގެ އިސް ސަފުގައި ދިވެހި އަންހެން ކަނބަލުން މަދެވެ. ނަމަވެސް މިހާރު ދާއިރާގައި އަރަމުން އަންނަ ޒުވާން އަންހެނުން ގިނަވާން ފަށައިފިއެވެ. ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްގެން، ދާއިރާގައި ނަން ވަރުގަދަ ކުރެވޭތޯ މަސައްކަތް ކުރަމުންދާ އަންހެނުންވެސް މަދެއް ނޫނެވެ. މިއީ އެފަދަ ނަމެކެވެ. ސައި ލެގޫންގެ ޓްރެއިނިންގ އެންޑް ކޮލެޓީ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރާ އާމިނަތު މައީޝާ އާސިފް 25އ. އެވެ. އޭނާއަަށް ޓޫރިޒަމް ދާއިރާއަށް ބޮޑު ޝައުގުވެރިކަމެއް އުފެދުނީވެސް ސްކޫލް ދައުރުގައެވެ.

އިސްކަންދަރު ސްކޫލްގައި އުޅުނުއިރު މައީޝާއަށް އޭނާ ކުރިއަށް ދާނީ ޓޫރިޒަމް ދާއިރާއިންކަން ޔަގީންވިއެވެ.

"އިސްކަންދަރު ސްކޫލްގައި ދިޔަ ޓުއާއަކުންނާއި، ޕްލަސް ސޯޝަލް ސްޓަޑީސް މާއްދާ ތެރޭގައި ޓޫރިޒަމް ދާއިރާ ކިޔާދިން ފަހުން ހިތައް އެރީ، މިއީ ރާއްޖޭގެ އެންމެ ބޮޑު ކޮންޓްރިބިއުޓިންގ އިންޑަސްޓްރީއޭ، އަހަރެން މި ދާއިރާއަށް ވަންނަން ބޭނުންވެޔޭ،". ގްރޭޑް 6ގައި އުޅުނުއިރު ދާއިރާ ތައާރަފްވެ ޝައުގުވެރިކަން އުފެދުނު ވާހަކަ ހިއްސާ ކުރަމުން މައީޝާ ބުނެފައި ވެއެވެ.

އޭގެ ފަހުން އަމީނިއްޔާ ސްކޫލަށް ގޮސް އޮޕްޝަނަލް މާއްދާއެއްގެ ގޮތުގައި އޭނާ ޓްރެވެލް އެންޑް ޓޫރިޒަމް ނެގިއެވެ. އެ ދާއިރާ ރަނގަޅަށް ކިޔަވާ ދޭން ޓުއާތަކާއި، ޓްރިޕްތަކަށް ރިސޯޓްތަކާއި، ރާއްޖެއިން ބޭރަށްވެސް ގެންދިޔައެވެ. އެއާއެކު އޭނާއަށް ހޮސްޕިޓަލިޓީ އިންޑަސްޓްރީ އެނގެން ފެށިއެވެ.

މައީޝާގެ ފުރަތަމަ އިންޓަނޭޝަނަލް ޓޫރިޒަމް ޓުއާގެ ތެރެއިން

"އޭގެ އެންމެ ނޯޓިސްވި ކަމަކީ ކޮންމެ މީހެއްގެވެސް އެކްސްޕީރިއަންސްއެއް އެބަ، މޭކް އޯ ބެރޭކް އެބަ ވެޔޭ އެ އިންޑަސްޓްރީގެ އެ މީހަކު ސާވް ކުރާ ގޮތަކުން. އަމިއްލަ ވިސްނާލިޔަސް، އެންމެ ބެސްޓް ޓްރިޕް އޮފް ޔުއާ ލައިފް މިސާލަކަށް، އެ އިމްޕެކްޓްކޮށްދިން ކޮންމެވެސް އެކަކުގެ މެމޮރީ، އޭގެން އަސްލު ބޮޑަށް އިންފްލުއެންޒް މި އިންޑަސްޓްރީއަށް ވަންނަން، އެއީ ހާދަ ބޮޑު ކަވާއެކޭ އެ ލިބެނީ، މީހެއްގެ މުޅި ދަތުރު، އެ ސާވިސް މައިންޑް އެ ހިސާބުން ކުޑަކޮށް އަންނަން ފެށީ،". ގްރޭޑް 8،9 ގައި އުޅުނުއިރު ތަޖުރިބާ ކުރި ދަތުރުތައް ހިއްސާ ކުރަމުން މައީޝާ ބުންޏެވެ.

އޭނާއަށް ޓޫރިޒަމް ދާއިރާއަށް އަށް ވަނުމަށް އެންމެ ބޮޑު ޝައުގުވެރިކަމެއް އައީ ކުރުނބާ އައިލެންޑް ރިސޯޓްގެ ދަތުރުގެ ތެރެއިންނެވެ. އެ ރިސޯޓް މުވައްޒަފުންގެ ހިދުމަތްތައް ފެނިފައި "މިއީ އަހަރެން ވަރަށް ބޮޑަށް އުޅެން ބޭނުންވާ ދާއިރާއެކޭ،" ހިތައް އެރިއެވެ. އެއީ އޭނާގެ ސިކުނޑި ހޮސްޕިޓަލިޓީ ދާއިރާއަށް ސެޓްވި ހިސާބުވެސް މެއެވެ.

ކަންވީވެސް އެހެންނެވެ. އޯލެވެލް ނިމުން ގޮތަށް އޭލެވެލްވެސް ކިޔަވަން އޭނާ ބޭނުމެއް ނުވިއެެވެ. އާއިލާއެކު ވަގުތުން ސްރީ ލަންކާއަށް ބަދަލުވިއެވެ. އަދި އެތަނުން ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ މެނޭޖްމެންޓް ދާއިރާއިން ޑިގްރީއަށް ކިޔަވަން ފެށިއެވެ. ހަ އަހަރު އޭނާ ލަންކާގައި އުޅުނުއިރު، ކިޔަވެވުމުގެ އިތުރުން މަސައްކަތުގެ ތަޖުރިބާ ހޯދަމުން ދިޔައެވެ.

މައީޝާ މި ވާހަކަތައް ހިއްސާ ކުރިއިރު، އޭނާ ކައިރިން އަހާލެވުނު ސުވާލަކީ މިއީއެވެ. މައިންބަފައިންގެ ހިތް މި ދާއިރާއަށް ރުއްސުނީ ކިހިނެއްތޯއެވެ. އެ ސުވާލަށް ޖަވާބު ދެމުން މާއިޝާ ބުނީ ޓޫރިޒަމް ދާއިރާގައި އޭނާގެ އާއިލާ އެއްވެސް މީހަކު ނޫޅުނު ނަމަވެސް، ބޭނުން ދާއިރާއަކުން ކުރިއަށްދާން މައިންބަފައިން ވަރަށް ބޮޑަށް ހިތްވަރު ދިން ކަމަށެވެ.

"ބައްޕައަކީ ބައްޕަގެ އިންޑަސްޓްރީން، އެއީ މީޑިއާއިން އިންޑަސްޓްރީން ވަރަށް ވަރަށް ޕެޝަނޭޓް މީހެއް، ބައްޕަ ވަރަށް ބޮޑަށް ދަސްކޮށްދިން އެއްޗެއް ޕެޝަން ފޮލޯ ކުރުމަކީ،".

މައީޝާ މަންމަ އާއި ބައްޕަ އާއެކު

ކުޑައިރުވެސް އެ ދާއިރާއަށް ކުރިއަށްދާން ބޭނުންވިކަން މާއިޝާ މައިންބަފައިން ކައިރީގައި ހިއްސާ ކުރުމުންވެސް ބުނީ ވާހަކައަކީ ޕެޝަންއަށް ފޮލޯ ކުރުމެވެ.

"މަންމަމެން ބުނާނެ ބޭނުން ކަމެއް ކުރާށޭ."

މައީޝާ ޓޫރިޒަމް ދާއިރާއިން ކިޔަވަން ފެށިއެވެ. ކިޔެވުމުގެ ތެރެއިން މަސައްކަތުގެ ތަޖުރިބާވެސް ހޯދަން ޖެހެއެވެ. މިގޮތުން ފުރަތަމަ ފުޑް އެންޑް ބެވަރޭޖް (އެފްއެންބީ)ގެ ޕްރެކްޓިކަލްއެއް ހަދަން އޭނާއަށް ޖެހުނެވެ.

"ބުފޭގެ ތަޖުރިބާއަކަށް، ބުފޭގެ ސާވް ކުރަން، މިއީ އަސްލު ވަރަށް މަޖާ ފެށުމެއް، އޮޅިގެން މި ދެވުނީ ލަންކާގެ ކެސީނޯއަކަށް މަަސައްކަތް ކުރަން، އެއިރު އުމުރުން ވާނީ 16 ނޫނީ 15. އެ އޭޖްގައި ގޮސްފައި އެކަހަލަ މާހައުލަކަށް ދެވުނީމަ ވަރަށް އުނދަގޫތައްވެސް އައި، ވަރަށް ޗެލެންޖިންގ މާހައުލެއް، ޕްލަސް ރޭގަނޑު ޝިފްޓުގައިވެސް މަސައްކަތް ކުރުން، އެހާ ޅަ އުމުރުގައި އަންހެން ކުއްޖަކަށް، އެހާ ރަނގަޅު ކަމަކަށް ވެސް ނުވެދާނެ އެއިރު. އެކަމަކު މަސައްކަތް ކުރިން. އެ މަސައްކަތް ފެށީވެސް ސްޓުވާޑަސްއެއްގެ ގޮތުގައި، 12-10 ގަޑިއިރު، ކެސީނޯގެ ބަދިގެ ފަޅީގައި އުލާއި ސަމްސާ ސާފްކޮށް ކަންކަމުގައި،". އޭނާ ކިޔައިދިނެވެ.

އޭނާ އެތަނުގައި ހުރިއިރު، ވެއިޓަރުން ގޮސް ގެސްޓުންނާއި ވާހަކަ ދައްކާ ގޮތް ބަލަމުން ދިޔައެވެ. އެކަމުންވެސް އޭނާއަށް ގެސްޓުންނާއި މުއާމަލާތް ކުރަން ދަސްވިއެވެ.

"އޮޅުމަކުން އައި ތަޖުރިބާ މިވީ ދަސްކުރަން ލިބުނު ފިލާވަޅަކަށް،". އެތަނުގައި އޭނާ މަސްތަކެއް ވަންދެން މަސައްކަތް ކުރިއެވެ. އެއީ އެކަމަށް ދީފައިވާ ވަގުތު ހަމަވަންދެންނެވެ. މިއީ މައީޝާ އެފްއެންޑްބީއަށް ޝައުގުވެރިކަން އައި ހިސާބެވެ. ދެން ބޭނުންވީ ބޮޑެތި ބްރޭންޑްތަކާއެކު މަސައްކަތް ކުރާށެވެ. އެގޮތުން ހިލްޓަންއާއެކު ހުރިހާ ބެންކުއިޓިންގ އިވެންޓްތަކަށް ދާން ފެށިއެެވެ. ސިނަމަންގައިވެސް މަސައްކަތް ކުރިއެވެ. ތާޖްގައި އެފްއެންޑްބީ މެނޭޖްމެންޓް ޓްރެއިނީއެއްގެ ގޮތުގައި މެނޭޖްމެންޓް އިންޓާންޝިޕެއްވެސް ހެދިއެވެ.

މައީޝާ މިހާރު މަސައްކަތް ކުރަނީ ހިލްޓަން ޕްރޮޕަޓީއެއްގައި

ޖެހިގެން އައި އަހަރު ފްރޮންޓް އޮފީސް ކިޔަވަން ފެށިއެެވެ. އެެއާއެކު ދެން އެނގުނީ ބޮޑަށް ގެސްޓުންނާއި ދިމާވެ ވާހަކަ ދެއްކޭނީ އެ ދާއިރާގައި ކަމެވެ.

"މައްސަލަތައް ހައްލު ކުރުމަކީ އެއީ އެ އުމުރުގައި އެންމެ ބޮޑަށް މަދުވި އެއްޗަކީ، އެހެންވެ ޗެލެންޖްއަކަށް ނަގައިގެން ގެސްޓުންގެ މައްސަލަތައް ހައްލު ކުރުމަށް ބަދަލު ކުރީ ފްރޮންޓް އޮފީސް، އެއިރު ހިލްޓަންގައިވެސް އުޅުނިން، މިހެންދާ ސްޓާފެެއްގެ ގޮތުގައި، ޕާމަނަންޓެއް ނޫން، އެއިރުވެސް ދާއިރުގައި ހިލްޓަންގެ ވެލިއުސް ވަރަށް އިހުތިރާމް ކުރިން، މިހާރުވެސް މި އުޅެނީ ހިލްޓަންގެ ޕްރޮޕަޓީއެއްގައި،". އެއިރު އޭނާ ހިލްޓަންގައި އުޅެންވެސް ބޭނުންވިކަން ފާހަގަކުރަމުން މައީޝާ ބުންޏެވެ.

މައީޝާ ޓޫރިޒަމް ދާއިރާގައި

ޑިގްރީ ނިންމުމަށްފަހު، ފަހުން ކެލްސިއަން ހައުސް ކިޔާ ބުޓީކް ހޮޓެލްއެއްގައި ފްރޮންޓް އޮފީސް މެނޭޖަރެއްގެ ގޮތުގައި އޭނާ ވަނީ މަސައްކަތް ކޮށްފައެވެ. އަދި ހިލްޓަންގެ ޕްރޮޕަޓީއެއްގައި މަސައްކަތް ކުރުމަށް ވަަޒީފާ ހަމަޖެހުނު ތަނާ ލަންކާގައި އީސްޓާ ބޮން ގޮއްވާލި ހާދިސާއެކު އޭނާއާ އާއިލާ ރާއްޖެ އަންނަން ޖެހުނެވެ.

ރާއްޖެ އައުމުގެ ކުރިން، އޭނާ އެކި ރިސޯޓްތަކަށް މެއިލް ކުރަން ފެށިއެވެ. ވަޒީފާ ހަމަޖެހޭތޯއެވެ.

މައީޝާ ގްރެޑުއޭޝަން ހަފްލާގެ ތެރެއިން

"ލަކްސް ސައުތް އަރި އެޓޯލްއިން އައީ ކޯލްއެއް، އެއީ ހުސައިން އަފީފް، ގުޅާލާފައި ބުނީ ހައު އިޒް ޔުއާ ފެމެލީއޭ ހުރިހާ ކަމެއް އޯކޭހޭ ބޮމިންގސް ތެރޭގައި، ސިޓުއޭޝަން ރަނގަޅުހޭ، ދެޓް ސްޓަކްޑް، އެ އަހާލި ގޮތުން، އެއީ ޖެނުއިން ކެއާ، ހޮސްޕިޓަލިޓީގައި އިންނަ ވަރަށް ބޮޑު ވެލިއުއެއް ޖެނުއިން އޮތެންޓިކް ހާޓް ފެލްޓް ސާވިސް،". މިއާއެކު އޭނާ ލަކްސްއަށް ޝައުގުވެރިކަން އުފުދުނެވެ.

މައީޝާގެ ހުރިހާ މެންޓާސް، އޭނާގެ ވާތް ފަޅީގައި އިށީންދެގެން އާދަމް ނަސީރު، ކޮޅަށް ހުސައިން އަފީފް، މައީޝާގެ ވާތް ފަޅީގައި ބައްޕަ

ރާއްޖެ އައިސް ލަކްސްގައި ފުރަތަމަ މަސައްްކަތް ކުރީ މެނޭޖެމެންޓް އިންޓާންއިން ފްރޮންޓް އޮފީސްގައެވެ. އޭނާ އެތަނުގައި އުޅެމުން ހަ މަސް ތެރޭގައި އެކި ޑިޕާޓްމެންޓްތަކުގައި މަސައްކަތް ކުރަން ޖެހޭ ގޮތަށް އޮތެވެ.

"މައިގެ މެންޓާ އަފީފް ބުނަނީ، އަންނާށޭ އެޗްއާރް އެންޑް ޓްރެއިނިންގއަށް އެއް ހަފްތާއަށް، އެކަަމަކު އަހަރެން ބުނިން އަފީފް ކައިރީގައި ހޮޓެލްގެ ކޮންމެ ޑިޕާޓްމެންޓެއްގައިވެސް މަސައްކަތް ކުރާނަމޭ، އެޗްއާރް އެންޑް ޓްރެއިނިންގގައި ނޫނޭ. އެއިރު އަހަރެންގެ ވަރަށް އެހެން ކަހަލަ ވިސްނުމެއް އިން އެޗްއާރްގައި،".

އެކަމަކު އަފީފް ބުނީ އެއް ހަފްތާއަށް އެތަނުގެ ތަޖުރިބާ ހޯދުމަށެވެ. އެއް ހަފްތާ ވީތަނާ އޭނާއަށް އެ ފީލްޑަށް މާ ޝައުގުވެރިވެއްޖެއެވެ. އެއީ މުވައްޒަފުންނަށް އޭނާއަށް ކަންކަން ކޮށްދެވޭކަން އެނގުމުން އެ ލިބޭ ހިތްހަމަޖެހުމާއި އެކުގައެވެ.

މައީޝާ ކިޔަވަން އުޅުނުއިރު

"އެޗްއާރް އެންޑް ޓްރެއިންގ އޯ ކޮލެޓީ ސައިޑްގައި އުޅެންޏާ، ގެސްޓުންނަށް އަދި ސްޓާފުންގެ ކަންކަމުގައި އެބަ އުޅެވޭ، ހޮލިސްޓިކް ގޮތަކަށް އެބަ ކަވާވޭ އެންމެ ބޭނުންވާ ކަންތައް،"

އޭގެ ފަހުން އެތަނުގައި މަސް ދުވަސް މަޑު ކުރަން ހުއްދައަށް އެދުނެވެ. އަދި އެ ފުރުސަތުވެސް ލިބުނެވެ. 2019ގައި އެޗްއާރް އެންޑް ޓްރެއިނިންގ ދާއިރާގައި މަސައްކަތް ކުރަން ފެށި ގޮތަށް އެ ރިސޯޓްގައި ދެ އަހަރަށް އެކަން ދެމިގެން ދިޔައެވެ. ކޯޑިނޭޓަރއެއްގެ ރޯލުން އޭނާ އެ ދާއިރާގައި މަސައްކަތް ކުރި ގޮތަށް އެ ދެ އަހަރު ތެރޭގައި އޮފިސަރެއްގެ ރޯލަށް ޕްރޮމޯޓްވެސް ވިއެވެ. އޭނާ އެއިރު ދިޔައީ އެ ތަނުގެ މުވައްޒަފުންނަށް އޮރިއެންޓޭޝަން އެއްޗެހި ދެމުންނެވެ. ބްރޭންޑާއި ގުޅޭ ވާހަކަތައް ދެއްކުމާއި، ރިސޯޓްގެ ޓުއާސް ދިނުން ކަންކަން ކުރިއަށް ގެންދިޔައެވެ. އަދި އިވެންޓްތައް ހޯސްޓް ކުރަމުން ދިޔައެވެ.

"މަޖާ ކަމަކީ ޕަބްލިކް ސްޕީކިންގއަކީ އަހަރެން ވަރަށް ބިރު ގަންނަ ކަމެއް. އެކަމަކު މިހާރު މިއީ މޯލްޑިވްސް ޕްރޮފެޝަނަލް ސްޕީކާސް އެސޯސިއޭޝަންގަވެސް އެކްސްކޯ މެންބަރެއް، ކޮންފަރެންސްތަކުގައިވެސް ސްޕީޗް ދީ ހަދަން،". ލަކްސްއިން ދިއުމުގެ ކުރިން އެ ބިރު ފަހަނައަޅާ ދިޔަކަމަށް މައީޝާ ބުންޏެވެ.

ސައުތް ޓްރެވެލް އެވޯޑްސްގައި މައީޝާ ހޯސްޓް ކުރަނީ

ލަކްސް ރިސޯޓުން އޭނާ ވަކިވި ހިސާބުން ދިމާވީ ކޮވިޑާއެވެ. ކޮވިޑް ތެރޭގައި ޓޯސް މާސްޓަރސް ކްލްބްގެ ކަންތައް ފެށުނެވެ. އެއީ ސްޕީކިންގ އިމްޕްރޫވް ކޮށްދޭ އެއްޗެކެވެ. އޭގައި އެންމެ ބޮޑު ކަމަކަށް ފާހަގަކުރީ ރާއްޖެއިން ބޭރުގެ މީހުންނާއި ދިމާވެ އެ މީހުންގެ ވާހަކަތައް އަޑުއެހުމުގެ ފުރުސަތު ލިބުމެވެ. މިއީ އޭނާއަށް ޕްރޮފެޝަނަލީ ސްޕީކިންގ ދާއިރާއަށް ވަދެވުނު ގޮތެވެ.

އަދި މީގެ ތެރެއިން ވޮއިސް އޯވާސްތައްވެސް ހެދިއެވެ. އެއީ ބައްޕަ އާސިފް، ފެށި ކުރުކޮށް ކިޔާ ނިއުސް އެޕްލިކޭޝަންއަކުން ފެށުނު މަސައްކަތެވެ. ބައްޕަ ބުނީ ފިޗަރ ވީޑިއޯއަކަށް އަޑު އަޅާ ދޭށެވެ.

މައީޝާ އިވެންޓެއްގެ ތެރެއިން

"ބައްޕަ ގައިޑްކޮށްދޭން ފެށީ އަޑު އަޅަން، މަހުރަޖާއި ޓޯންސް ތަކާއި އެއްޗެހި، ދަސްކޮށްގެން އޭތި ވަރަށް ކަމުދާ ކަމަކަށްވީ، އެގޮތަށް ނެރުނު އެއްޗެއް ފެނިގެން އެންމެ ފުރަތަަމަ ޕާޓްނަރ އަޕް މިވީ ޕަބްލިސިޓީ ބިއުރޯއާއެކު އެޗްޕީއޭގެ އެވެއަރނެސްތަކަކަށް އަޑު އަޅާދިނުމަށް، ދެން މަޑުމަޑުން އެޑްސް ހަދަމުން ގޮސް، އެގޮތަށް އޮކޭޝަނަލީ އައި އެއްޗެއް އެއީ، އެހާ ސީރިއަސްކޮށް ނޫނަގަން، ފެޝަން ޕްރޮޖެކްޓެއްގެ ގޮތަށް ދިޔަ އެއް އަހަަރު ވަންދެން،"،

އެހެން ގޮސް އޭނާ މަޖަލަށް ހެދި ޓިކްޓޮކްއެކެވެ. އިންޓަނޭޝަނަލް ވޮއިސް އޯވާ އާޓިސްޓަކާއި އެކު ހެދި ޑުއެޓެވެ. އިނގިރޭސިންގ އޭނާ އަޑު އެޅިތި ވަރަށް ގިނަބައެއްގެ ސަމާލުކަން ލިބިގެން ދިޔައެވެ. ހާއްސަކޮށް ބައްޕަ އާސިފް މީސް މީޑިއާއަށް ލުމާއެކު އޭތީގެ ވާހަކަ ދެކެވެން ފެށިއެވެ. އެތައް ބައެއްގެ ސަމާލުކަން އެއަށް ލިބިގެންދިޔައިރު، މިހާރު ރާއްޖޭގެ އެތައް ކުންފުންޏެއްގައި އޭނާގެ އަޑު ބޭނުން ކުރެއެވެ.


މިއާއެކު މިކަންވެސް އޭނާ ސިރިއަސްކޮށް ނެގިއެވެ. 30-40 އަހަރު ވަންދެން މިފަދަ ވޮއިސް އޯވަރތައް ހަދާފައިވާ ބައްޕަގެ އިރުޝާދުގެ ދަށުން ސީރިއަސްކޮށް މިކަން ނަގައިގެން އޭނާ މަސައްކަތް ފެށިއެެވެ. އަދި އޭނާ ވަނީ އަމިއްލަ ވޮއިސް އޮވާ ކުންފުންޏެއްގެވެސް އުފައްދާފައެވެ. އޭނާ މިހާރު ދަނީ ބޮޑެތި ކުންފުނިތަކާއި، ޖަމިއްޔާ ޖަމާއަތްތަކާއެކުވެސް މަސައްކަތް ކުރަމުންނެވެ.

ކޮވިޑުގެ ފަހުން ވަޒީފާއަކަށް އޭނާ ގުޅުނީ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް)ގެ ދަށުން ހިންގަމުންދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއެވެ. އެއީ ތަމްރީނު ދިނުމަށް ވަރަށް ބޮޑު ވޯކް ފޯސްއެއް ހޭންޑްލް ކުރަން ބޭނުންވެ އެ ތަޖުރިބާ ހޯދުމަށެވެ. 4،000 އަށްވުރެ އެކި އުމުރުގެ މުވައްޒަފުން މަސައްކަތް ކުރަމުންދާ އެ ކުންފުނީގައި މެނޭޖަރ ފޯ ލީޑަރޝިޕް އެންޑް އޯގަނިޒޭޝަން ޑެވެލޮޕްމެންޓްގެ މަގާމުގައި އޭނާ މަސައްކަތް ކުރިއެވެ.

"އެކޮޅުގައި ވަރަށް ބޮޑަށް ލިބުނު އަމިއްލަ ޕްރޮގްރާމްތަައް ޑެވެލޮޕް ކުރަން. އާދަމް ނަސީރުގެ ގައިޑެންސްއާއެކު މަސައްކަތް ކުރީ، އެ ހިސާބުން ދަސްވީ އަމިއްލަ އަށް ޓްރެއިންގތައް ހަދަން،".

ކުޑަގިރި ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

އޭނާ މިކަންކަން ކުރަމުންދިޔައިރު، ބައެއް މުވައްޒަފުންގެ ފަރާތުން ލިބެމުންދިޔަ ބަސްތަކަކީ، އާ ކުދިން އައިސް ކިޔާދޭނެ އެއްޗެއް ނޯންނާނެ ކަމެވެ. އެކަމަކު ވަރަށް ރަނގަޅަށް އެކަން ހެންޑްލްކުރިއެވެ. މިގޮތުން ތަޖުރިބާ ހުރި މުވައްޒަފުންނާއި ފައުންޑޭޝަންއެއް ބްލިޑް ކުރިއެވެ. ޓީމް ބްލްޑިންގ ފަދަ ހަރަކާތްތައް ހިންގިއެވެ. އޭނާ ބެލީ ބަދަލެއް ގެނައުމުގެ ބަދަލުގައި ގާތް ގުޅުމެއް މުވައްޒަފުންނާއި އުފެެއްދޭތޯއެވެ.

"އަހަރެންނަށް ގެރެންޓީކޮށް ބުނެވޭނެ، ފުރަތަމަ ޖޮއިން ކުރިއިރު އައި ނެގެޓިވް މައިންޑް ސެޓްތައް ބަދަލުކޮށްފައޭ ނުކުތީ. އެމްއޭސީއެލްއިން.".

އެއަރޕޯޓްގެ ވަޒީފާ ދޫކޮށްލާ އޭނާ އެނބުރި ދިޔައީ ރިސޯޓަށެވެ. ސައި ލެގޫންގެ އެޗްއޯޑީ މަގާމެއް އޭނާ ފުރަމުންދާއިރު، މުވައްޒަފުންނާއި ވަރަށް ގާތުން ދަނީ މަސައްކަތް ކުރަމުންނެވެ. އެތަނުގައި މައީޝާ މަސައްކަތް ކުރަމުންދާތާ މިހާރު އަހަރެއް ވެެއްޖެއެވެ. އޭނާ ބުނީ ސައިގައި މަސައްކަތް ކުރަން ފެށިއިރު، އެންމެ ބޮޑު އިސްކަމެއް ދިނީ ބްރޭންޑް ބިލްޑް ކުރަން ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ތެރޭގައި އޭނާ ވަނީ ބްރޭންޑް އާއި ސާވިސް އާ ގުޅުން ހުރި ކަންކަމުގައި 200 އެއްހާ މުވައްޒަފުން ތަމްރީނު ކޮށްފައެވެ.

ޓޫރިޒަމް ދާއިރާއަށް ޒުވާނުން ޝައުގުވެރި ކުރުވުމަށް ބޭއްވުި ސެޝަންތަކެއްގެ ތެރެއިން

"މައިޝާ އައިސް ކުރި ޗޭންޖްއެއް ކޮންމެ ޕްރޮގްރާމެއް ދޭއިރުވެސް، ވަން ފުލް ޑޭ ސާވިސްއަށް ފޯކަސްކޮށްފައި ދޭން، އެއީ ހޮސްޕިޓަލިޓީ އެގްޒިސްޓްއެއް ނުވާނެ ވިތްއައުޓް ދެޓް ކައިންޑް ޖެނުއިން އެތޮންޓިކް ސާވިސް،". މައީޝާ ބުންޏެވެ.

މައީޝާ އާއި ރިސޯޓްގައި މަސައްކަތް ކުރާ މީހުން

މައީޝާ ވަނީ އޭނާގެ ހުރި ތަޖުރިބާގެ އަލީގައި ރާއްޖޭގެ އެކި ކުންފުނިތަކުގައިވެސް ތަމްރީނު ޕްރޮގްރާމްތައް ހިންގާފައެވެ. އޭގެ ތެރޭގައި އާސަންދަ އާއި ސްޓެލްކޯ ފަދަ ކުންފުނިތައް ހިމެނެއެވެ.

އޭނާގެ ވިސްނުން ހުރީވެސް އިތުުރު އަމިއްލަ ޕްރޮގްރާމްތަކެއް ޑެވެލޮޕްކޮށްގެން ކުރިއަށްދާށެވެ. އަދި އެ ޕްރޮގްރާމްތައް ގައުމީ ފެންވަރުގައި ގެންދަން އޭނާ ބޭނުން ވެއެވެ. އޭގެ ތެރެއިން ޒުވާނުން ބާރުވެރި ކުރުވާ، ޓޫރިޒަމް ދާއިރާއަށް ވަންނަ ޒުވާނުން އިތުރު ކުރުމަށް، ސްކިލްސް އަދި ސާވިސް ވޮކޭޝަނަލް ޕްރޮގްރާމްތައް ހިންގުންވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނިޝާނާ

    ބައްޕަގެ ހުނަރުވެރިކަން ލިބިފަހުރި ދަރިއެއް.

    12
  2. އަޙްމަދު

    ޒުވާނުން ބިނާކޮށް ހަރުދަނާ ކޮށް މަސައްކަތްތަކަށް ހިތްޖެހޭފަދަ މަސައްކަތަކަށް އެދެން!