ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން ދިރިއުޅޭ ގެޔަށް ބަޑީގެ ހަމަލާތަކެއް އަމާޒުކޮށްފިއެވެ.

މުމްބާއީ ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ސަލްމާން ދިއުޅޭ ގެލެކްސީ އެޕާޓްމަންޓަށް އިއްޔެ ހެދުނު ސައިކަލުގައި ދިޔަ ދެމީހަކު ވަނީ ބަޑި ޖަހާފައެވެ. މި ޙަމަލާއާ ގުޅިގެން ފުލުހުންގެ ކްރައިމް ބްރާންޗުން އެކްޓަރު ދިރިއުޅޭ ގެލެކްސީ އެޕާޓްމަންޓު ހުރި ސަރަހައްދުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މުމްބާއީ ޕޮލިސް ކޮމިޝަނަރު ވިދާޅުވީ މުމްބާއީގެ ބެންޑްރާގައި ހުންނަ ސަލްމާން ޚާންގެ ގެ ގެލެކްސީ އެޕާޓްމަންޓުގެ ބޭރު ފާރުތަކަށް ބަޔަކު ބަޑިޖަހާފައިވާ ކަމަށާއި ހެކި އެއްކުރުމުގެ މަސައްކަތް ފޮރެންސިކް ސައިންޓިސްޓުން ހިމެނޭ ޓީމުން ކުރަމުންދާ ކަމަށެވެ.

ހަމައެއާއެކު ކްރައިމް ބްރާންޗުގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން ހެލްމެޓު އަޅައިގެން ތިބި ދެ މީހަކު ފަސް ބުރަށް ވައިގެތެރެއަށާއި އެޕާޓްމަންޓުގެ ފާރަށް ބަޑިޖެހިއެވެ. އެ ސަރަޙައްދުގައި ހުރި ސީސީޓީވީ ކެމެރާގެ ކޮލިޓީ ދަށްވުމުން ހަމަލާދިން މީހުން ދަތުރުކުރި ސައިކަލުގެ ރަޖިސްޓްރޭޝަން ނަމްބަރު ސާފުނުވާ ކަމަށްވެސް ކްރައިމް ބްރާންޗްގެ އޮފިޝަލަކު ވަނީ މަޢުލޫމާތު ދީފައެވެ.

ސަލްމާން މަރާލާނެ ކަމުގެ އިންޒާރު މީގެކުރިންވެސް ދިޔައީ ދެމުންނެވެ. އެގޮތުން 2022 ވަނަ އަހަރުން ފެށިގެން އެކި ގޮތްގޮތަށް މަރުގެ އިންޒާރު ދަނީ ދެމުންނެވެ.

ލޯރެންސް ބިޝްނޯއީ ގޭންގުން ސަލްމާން ޚާނަށް މަރުގެ އިންޒާރުތައް ދެމުންދާތީ ފުލުހުން ދަނީ ސަލްމާނަށް އެންމެ ހައި ސެކިއުރިޓީ ދެމުންނެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެއްވެސް ހަރަކާތެއް ނުބޭއްވުމަށް އޭނާގެ ޓީމަށް ވަނީ އަންގާފައެވެ. އިންޑިއާގައި ޖަލަށްލާފައިވާ ގޭންގްސްޓާ ލޯރެންސް ބިޝްނޯއީގެ އެހީތެރިޔާ ގޯލްޑީ ބްރާރްގެ އިންޒާރުގެ އީމެއިލްތަކެއް ލިބިފައިވާތީ ސަލްމާނު ވަނީ ބުލެޓްޕްރޫފް އެސްޔޫވީ ކާރެއްވެސް ގަނެފައެވެ.

މީގެ އިތުރުން އަމިއްލަ ހަށި ރައްކަލަށް ޚާއްސަ ހުއްދައެއްގެ ދަށުން އަމިއްލަ ހަތިޔާރު ގެންގުޅުމުގެ ހުއްދަވެސް ފުލުހުން ވަނީ ސަލްމާން ޚާންއަށް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކައިދާ

    މަރުގެ އިންޒާރު ދެމުންދާއިރުވެސް އޭނާ ދިރިއުޅޭ ހިސާބު ގަނޑުގައި ކޮލިޓީ ކެމެރާ ހަރުކުރަން ޖެހޭނެ ނޫންބާ ސަލްމާން އަމިއްލަ ޚަރަދުގައި ނަމަވެސް

    32
    0
  2. Anonymous

    ސަލްމާނު އުޅޭ ފާޑުން އެހެންވަނީ! ވެދާނެ ގޭންގްސްޓާރަކާ ނުހަމަ އަނެއް އަތު ގުޅުމެއް ހިންގާފާ އޭނަ ކީ އަގެއް ނުދީ ހުރީ ކަމަށް ވެސް! މީހަކާ ނީދެ ޅަ ފިރިހެން ކުދިން ގްރޫމް ކޮށް ބައެއް ކުދިން ނަށް އެކަނި ފިލްމީ ފުރުސަތު ހޯދާދެނީ! ވާނެ ގޮތްވީ ތި!

    2
    10