ސީރިއާގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ގެދޮރާއި މައިންބަފައިނާއި އާއިލާ ގެއްލިފައިވާ އެތައް ލައްކަ ކުދިންނެއް އެބަތިއްބެވެ. މައިންބަފައިން ކައިރީގައި ތިބި ނަމަވެސް ވަރަށް ހާލުގައި ދިރިއުޅެމުންދާ އެތައް ލައްކަ ކުދިންނެއް އެބަތިއްބެވެ. އަވައްޓެރި ގައުމުތަކަށް ހިޖުރަކޮށް، ބޮމާއި ބަޑީގެ ހަމަލާތަކުން ސަލާމަތް ވެވުނު ނަމަވެސް ރެފިއުޖީން ހޭދަ ކުރަމުން ގެންދަނީ ވަރަށް އުނދަގޫ ދިރިއުޅުމެކެވެ.

ތުރުކީގެ ރެފިއުޖީ ކޭމްޕެއްގައި ދިރިއުޅޭ ސީރިއާގެ އުމުރުން އެންމެ 11 އަަހަރުގެ ހަލީމާ ކުލާ އަކީ ވެސް ވަރަށް ވޭންދެނިވި ދިރިއުޅުމެއް އުޅެމުން އަންނަ ކުއްޖެކެވެ. ނަމަވެސް ހަލީމާ އެހެން ހުރިހާ ކުދިންނާއި ތަފާތެވެ. ކިޔެވުމަށް ބޮޑު ސަމާލުކަމެއް ދޭން ބޭނުންވާ ހަލީމާ ކުނި ގޯންޏެއްގެ ތެރެއަށް އެރި އިނދެ ފިލާވަޅު ހަދަމުން ދިޔަ މަންޒަރު މީހަކު ވީޑިއޯ ކޮށް މީސް މީޑިއާގައި ހިއްސާ ކުރުމުން ވަނީ ސަމާލުކަން ލިބިފައެވެ.

މިދިޔަ ހަފްތާގެ ކުރީކޮޅު ހަލީމާ ފިލާވަޅު ދަސްކުރަން އިނީ އިސްތަންބޫލްގެ އަރްނަވުކޯއީ ނަމަކަށް ކިސާ ސަރަހައްދުގައެވެ.

ވީޑިއޯ އާންމު ވުމާއި އެކު ތުރުކީގެ އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ވަނީ ހަލީމާ އައިސްފައެވެ. ތުރުކީގެ އެޑިއުކޭޝަން މިނިސްޓްރީ އިން މިހާރު ވަނީ ހަލީމާ އަށް ސްކޫލަކުން ފުރުސަތު ހޯދައި ދީފައެވެ.

https://www.youtube.com/watch?v=lh3cbT6KL_c

ތުރުކީގެ އެޑިއުކޭޝަން މިނިސްޓްރީ އިން ބުނާ ގޮތުގައި ވީޑިއޯ އިން އެފެންނަނީ ހަލީމާ އާއިލާ އަށް އެހީތެރިވުމުގެ ގޮތުން ކަރުދާސް ރިސައިކަލް ކުރުމުގެ މަސައްކަތުގައި އުޅެފައި ލިބުނު ހުސް ވަގުތުކޮޅެއްގައި އެއްޗެއް ލިޔަން އިންނަ މަންޒަރެވެ. ހަލީމާގެ އާއިލާ އިން ފައިސާ ހޯދަނީ ބޭނުން ކޮށްފައި ހުންނަ ކަރުދާސް ރިސައިލް ކުރުމަށް ވިއްކައިގެންނެވެ.

ކައުންސިލް އޮފީހުން މިހާރު ވަނީ ހަލީމާގެ ސްކޫލްގެ ހުރިހާ ޚަރަދެއް ހަމަޖައްސައިދޭނެ ކަމަށް ބުނެފައެވެ.

ހަލީމާ އޭނާގެ މަންމަ އާއި ބައްޕަ އާއި އެކު ތުރުކީއަށް ހިޖުރަ ކުރީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ.