"ސޫޓްސް" ޓީވީ ސީރީސްގެ އެންމެ މުހިންމު އެއް އެކްޓްރެސްގެ މަގާމުން އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ މެންބަރެއްގެ މަގާމަށް ދިޔަ މޭގަން މާކެލްގެ ޚަބަރެއް ނުލިބޭ ދުވަހެއް މިހާރު ނާދެއެވެ. ޕްރިންސް ހެރީ އާއި މޭގަންގެ ކޮންމެ ހަރަކާތަކަށް މުޅި ދުނިޔެ މިހާރު ބަލައެވެ.

މިއަދު މީޑިއާތަކުން އަނެއްކާވެސް ކުރާ ސުވާލީ މޭގަން ބަނޑުބޮޑުވީ ހެއްޔެވެ؟ ޝާހީ އާއިލާ އަށް އިތުރު މެންބަރަކު އިތުރު ވާން އުޅެނީ ހެއްޔެވެ؟

މޭގަން އާއި ޕްރިންސް ހެރީ ވަނީ އެމީހުން ވަރަށް އަވަހަށް ދަރިއަކު ހޯދަން ބޭނުންވާ ކަމަށް ބުނެފައެވެ. މިހާރު ދެކަނބަލުންގެ ކައިވެންޏަށް ހައެއްކަ މަސް ވެފައި ވާއިރު އަދި އެފަދަ އުފާވެރި ޚަބަރެއް ނުލިބުނު ނަމަވެސް މިހާރު މީޑިއާ އިން ސުވާލު އުފައްދާ ސަބަބުތަކެއް އެބަހުއްޓެވެ.

މޭގަން ބަންޑުބޮޑުވީތޯ މީޑިއާ އިން އެންމެ ގަދައަށް މިއަދު ސުވާލު އުފައްދަމުން ގެންދަނީ މޭގަން އާއި ޕްރިންސް ހެރީ ރަސްމީ ދަތުރުފުޅެއްގައި އޮސްޓްރޭލިއާ، ނިއުޒިލެންޑް، ފިޖީ އަދި ޓޮންގޯ އަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅަށް ބައެއް ބަދަލުތައް ގެންނެވުމުންނެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު ހަމަޖެހިފައިވާ ގޮތުން ފިޖީ އާއި ޓޮންގޯ އަށް ޕްރިންސް ހެރީ އާއި މޭގަން ވަޑައެއް ނުގަންނަވާނެއެވެ. އެއީ ކީއްވެކަން ރަސްމީ ފަރާތަކުން ހާމައެއް ނުކުރެއެވެ.

ނަމަވެސް ނޫސްވެރިން ލަފާކުރާ ގޮތުގައި އެއީ ފިޖީ އާއި ޓޮންގޯގައި ޒިކާ ވައިރަސް ފެތުރެމުން ދާތީއެވެ. މާބަނޑު މީހުން ޒިކާ ވައިރަސް އުޅޭ ގައުމުތަކަށް ދަތުރު ނުކުރަން ސިއްހީ ތަޖުރިބާކާރުން ލަފާދެއެވެ. އެހެންކަމުން މިހުރިހާ ކަމެއް ގުޅުވާލުމުން ނަތީޖާ އަކަށް އަންނަނީ މޭގަން މިހާރު ބަނޑުބޮޑެވެ. ނުވަތަ ދަރިއަކު ވަރަށް އަވަހަށް ހޯދުމުގެ ޕްލޭނެއް ޕްރިންްސް ހެރީ އާއި މޭގަންގެ އެބައޮތެވެ.

މޭގަން އާއި ޕްރިންސް ހެރީގެ ޚަބަރުތަކުގެ އިންތިޒާރުގައި ތިބި މީހުން މިހާރު އެދިއެދި ތިބީ މޭގަން ބަނޑުބޮޑު ކަމުގެ އުފާވެރި ޚަބަރު މީޑިއާ އާއި އަވަަހަށް ހިއްސާ ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޝްރަފް

    އަހަރެމެންނަށް ކޮން ބަލާއެއް!!!! މިވެސް ދިވެހިންނަށް މުހިންމު ޚަބަރެއްތަ؟

  2. އެދުރުބެ

    ޢިނގިރޭސީންގެ ދަށުން އަދިވެސް މިނިވަން ނުވަނީތަ؟