ބޮލީވުޑްގެ އެންމެ ގުޅޭ ދެ ޖޯޑު ކަމުގައިވާ ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގގެ ކައިވެނި މި ނޮވެމްބަރު މަހުގެ 14 އަދި 15 ވަނަ ދުވަހު ކުރެވިގެންދާއިރު، އެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އިޓަލީގައެވެ. މިހާރު ދެތަރިން މި ވަނީ އިޓަލީ އަށް ވެސް ގޮސްފައެވެ.

އެކުގައި ހަ އަހަރުވަންދެން އުޅުމަށްފަހު މިދިޔަ އޮކްޓޯބަރު މަސް ތެރޭގައި ކައިވެނީގެ ތާރީހު އިއުލާނުކުރި މި ދެތަރިން، ދުބާއީ މަގުުން އިޓަލީއަށް ދިއުމަށް ފުރާފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. މި ދެތަރިން ފުރާފައި ވަނީ ވަރަށް ހެނދުނުގެ ވަގުތެެއްގައި ކަމަށް ވެއެވެ.

މި ދެތަރިން ފުރުވުމަށް އެއާޕޯޓަށް ގިނަ ބަޔަކު ދިޔަކަމަށް ވެއެވެ. އަދި އެއާޕޯޓްގައި ފޮޓޯތަކަށް ހުއްޓުނު ކަމަށްވެސް ވެއެވެ. މި ދެތަރިންގެ އެ ދަތުގައި ރަންވީރުގެ އާއިލާއިންވެސް ވަނީ ބައިވެރިވެފައެވެ.

މި ދެތަރިންނަކީ އަބަދުވެސް އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާ ދެ މީހުންނެވެ. އެކަން ވަރަށް ގިނަ ކަންކަމަން ސާބިތުވާކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުުރުން މުޅި އިންޑަސްޓްރީގައިވެސް ތިބި އެންމެ ލޯބި ދެތަރިންގެ ގޮތުގައި ފާހަގަކުރެވޭ މި ދެތަރިންގެ ކައިވެނީގެ ހަފްލާ ބާއްވަން ހަމަޖެހިފައި ވަނީ އިޓަލީގެ ލޭކް ކޮމޯގެ ވިލާ ޑެލް ބަލްބިއަނެއްލޯގައެވެ.