މިއީ ދުއްވާ އެއްޗެހި ދުއްވުމަށް މިހާރު ހާއްސަކޮށްފައިވާ ބުރިޖަކުން ހުރަސް ކުރަން އުޅުނު ބައެކެވެ. މޮސްކޯގެ ގޯލްޑެން ބުރިޖުގެ ނަމުން ނަން ދީފައިވާ އެ ބުރިޖުން ދަތުރު ކުރަން ބޭނުން ވެގެން ހަތަރު މީހަކު ކާޑު ބޯޑުން ބަހެއް ހެދިއެވެ.

އަދި އެ ބަހުގައި ހިނގާފައި ބުރިޖު ހުރަސް ކުރަން އުޅުނެވެ. އެ މަންޒަރު ފެންނަ ވީޑިއޯތައް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯތައް ފެނިފައި އެތައް ބައެއްގެ ގާތަަށް ހިނިއެވެ.

ބަހެއްގެ ސިފައިގައި ކާޑު ބޯޑުން ހަދާފައި އެ ބަހުގައި އެ މީހުން އެ ބުރިޖަށް އެރިއެވެ. އަދި އެ ހަތަރު މީހުން އެ ކާޑު ބޯޑު އެއް ފަރާތުގައި ޖަހައިގެން ހިނގާފައިދާ މަންޒަރު ފެނެއެވެ.

އެ ބުރިޖުގެ ޓްރެފިކް ބޮޑުކަމުން 2015 ވަނަ އަހަރު އެތަން އެއީ ހަމައެކަނި ދުއްވާ އެއްޗެހި ދުއްވޭ ބުރިޖަކަށް ހެދިއެވެ. އޭގެ ފަހުން މީހުންނަށް ހިނގާފައި އެތަނުން ދަތުރު ނުކުރެވޭތީ، މި މީހުން ބޭނުންވީ އެކަން ކުރާށެވެ.

ނަމަވެސް މި މީހުންނަށްވެސް އެ ފުރުސަތު ނުލިބުނެވެ. އެތަނުގައި މަސައްކަތް ކުރާ ގާޑު ވަނީ މި މީހުން ހުއްޓުވާފައެވެ.

އެ މަންޒަރު ފެންނަ ވިޑިއޯ އެތައް ހާސް ބަޔަކު ޝެއާ ކުރިއިރު، އެ ވީޑިއޯ މިލިއަނެއްހާ މީހުން ބަލާފައި ވެއެވެ. އެ ހާދިސާ އާއި ގުޅިގެން ރަޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީން އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު