އިންޑޮނޭޝިއާގެ ލަޔަން އެއާގެ ފްލައިޓެއް އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހު ވެއްޓި އޭގެން ދަތުރުކުރި އެންމެން މަރުވީއެވެ. އެ ހާދިސާގައި ނޮވެމްބަރު 11 ވަނަ ދުވަހު ކައިވެނި ކުރަން އުޅުނު މީހަކުވެސް ވަނީ މަރުވެފައެވެ. އެ ދުވަހު ފިރިމީހާ ކަނޑުވުމުން އެކަނިމާއެކަނި ކައިވެނީގެ ހެދުމުގައި ނަގާފައިވާ ފޮޓޯތަކެއް އެ ފިރިހެން މީހާ ވާން އުޅުނު އަނބިމީހާ ވަނީ މީސް މީޑިއާއަށް ލާފައެވެ.

އިންތަން ސިޔަރީ ނަމަކަށް ކިޔާ އެ އަންހެން މީހާ ކައިވެނި ކުރަން އުޅުނީ އެ މަތިންދާ ބޯޓު ވެއްޓި ކަނޑުވި މީހެއްކަމުގައިވާ ރިއޯ ނަންދާ ޕްރަތްމާ އާއެެވެ.

ޖަކަރްތާގައި އޮތް ކޮންފަރެންސްއެއް ނިންމާލުމަށްފަހު ޕަންގކަލް ޕިނާގްއަށް ދަތުރު ކުރަން އުޅުނު އެ މެޑިކަލް ޑޮކްޓަރަށް އޭނާގެ ހަޔާތުގެ އެންމެ އުފާވެރި ދުވަހާއި ބައްދަލުނުވެ މަރުވީއެވެ. އެ ދުވަހަށް ހާއްސަކޮށް ދެ މީހުންވެސް ވަރަށް ތަކެތި ގަތެވެ. ގާތްގަނޑަކަށް ކައިވެނީގެ ހުރިހާ އެއްޗެއް ގަނެ ނިންމިއެވެ.

ނަމަވެސް މި ދެ މީހުންނަށް ކައިވެނި ނުކުރެވި ރިއޯ މި ދުނިޔެއާ ވަކިވެގެން ދިޔައީއެވެ. އެ ހިތާމާގައި ސިޔަރީ އުޅެމުން އަންނައިރު، އޭނާ ވަނީ ނޮވެމްބަރު 11 ވަނަ ދުވަހު ކައިވެނީގެ ހެދުމުގައި ނަގާފައިވާ ފޮޓޯތަކެއް މީސް މީޑިއާގައި ހިއްސާކޮށްފައެވެ. އެ ފޮޓޯތަކުގައި އޭނާ ހުދު ކުލައިގެ މަލެއް ހިފައިގެން އިންނަ މަންޒަރު ފެނެއެވެ. އެއް ފޮޓޯގައި ސިޔަރީ ވަނީ އޭނާގެ އިނގިލީގައި އަޅުވާފައިވާ އަގޮޓިވެސް ދައްކާފައެވެ.

"އަހަރެންގެ ދުލުން ބަޔާން ނުކުރެވޭހާ އަހަރެން ހިތާމަ ކުރަން. އެހެން ނަމަވެސް ތިބާއަށްޓަކައި އަހަރެން ހިނިތުންވާން އެބަ ޖެހޭ، ތިބާ އަހަރެން ކައިރީ ބުނި ފަދައިން އަހަންނަކީ ވަރަށް ހިތްވަރުގަދަ މީހަކަށް ވާނަން". އޭނާ ބުންޏެވެ.

ސިޔަރީ ވަނީ އޭނާގެ ވާން އުޅުނު ފިރިމީހާ މަރުވުމުގެ ކުރިން ކިޔާދިން ބައެއް ކަހަލަ ޖޯކްތަކުގެ ވާހަކަވެސް މީސް މީޑިއާގައި ހިއްސާކޮށްފައެވެ. އެެގޮތުން ކައިވެނި އޮންނާނެ ދުވަހު ލަހުން އައިސް ހަފްލާއަށް ނުދެވުން ފަދަ އެއްޗެހި އޭނާ ބުންޏެވެ.

މި ދެ މިހުން ދެ މީހުންނަށް އިނގޭތާ 13 އަހަރު ވެދާނެކަމަށް އެ މީހުން ވަނީ ބުނެފައެވެ.

ލަޔަން އެއާގެ މަތިންދާބޯޓު ވެއްޓުނީ 188 މީހުންނާއެކު ދަތުރު ކުރަމުން ދަނިކޮށެވެ. އެ ބޯޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތްވެފައެއް ނުވެއެވެ. އެ ބޯޓުން ވެއްޓެން މެދުވެރިވި ސަބަބު ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު