ބޯހިޔާވަހިކަމާއި ގެދޮރުގެ ދަތިކަން ޙައްލުކޮށްދިނުމުގެ ގޮތުގައި، ޖަޕާނުގައި ފަޅު ގޯތިތައް އާދަޔާއި ޚިލާފަށް އަގުހެޔޮކޮށް ވިއްކަން ނިންމައި އަދި ބައެއް ގެތައް ހިލޭ ބަހަން ނިންމައިފިއެވެ.

ޖަޕާނުގެ ކަމާއި ބެހޭ އިދާރާތައް ގުޅިގެން ފަށާފައިވާ ޚާއްސަ ޕްރޮގްރާމެއްގެ ދަށުން ނިންމި މި ނިންމުމަކީ، އެޤައުމުގައި ހާލުގައި ޖެހި ތިބި ގެދޮރުވެރިކަން ބޭނުންވާ މީހުނާއި ކައިވެނިކޮށްގެން ވަކިން ދިރިއުޅުން ފަށާ ޒުވާނުންނަށް ދިމާވެފައިވާ މައްސަލައަށް ޙައްލު ހޯދައިދީ، އެފަދަ މީހުންގެ ނިސްބަތް މަދުކުރުމުގެ މަޤުސަދުގައި ނިންމާފައިވާ ނިންމުމެއް ކަމަށް ވެއެވެ.

އާންމުން ގެދޮރުވެރިކުރުމަށް މިހާރު ޖަޕާނުގައި ފަށާފައިވާ މި ޕްރޮގްރާމުގެ ދަށުން، ގެތައް ލިބޭ ފަރާތްތަކަށް އެޤައުމުގެ ސަރުކާރުން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައެވެ. އެގޮތުން އެގެތަކުގެ ހާލަތަށް ބަލައި، ގެތައް މަރާމާތުކުރުމަށް ސަބްސިޑީ ދޫކުރުމަށް އެ ޕްރޮގްރާމުގެ ދަށުން ވަނީ ނިންމާފައެވެ.

ޖަޕާނުގެ ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި، އެކަނިވެރިކަންމަތީ މަރުވާ މީހުންނާއި އަމިއްލައަށް މަރުވުމުގެ ހާދިސާތަކުގެ އިތުރުން މާރާމާރީތައް ހިންގާފައި ހުންނަ ގެތަކުގައި ދިރިއުޅުމަކީ ނަސީބު ދެރަވާ ކަމެކެވެ. އެހެންކަމުން އެފަދަ ހާދިސާތައް ހިނގާފައި ހުންނަ ގެތައް ދޫކޮށް އެފަރާތްތަކުން ދިރިއުޅުން އެހެން ހިސާބުތަކަށް ބަދަލު ކުރުމަކީ ޢާންމު ކަމެކެވެ. ޖަޕާނުގެ ސަރުކާރުން 2013 ވަނަ އަހަރު ކުރިއަށްގެންދިޔަ ސާވޭއަކުން ދައްކާ ގޮތުގައި މިފަދަ ސަބަބުތަކަށްޓަކައި ދޫކޮށްލާފައިވާ އަށް މިލިއަނަށްވުރެ ގިނަ ގެތައް އެޤައުމުގައި އޭރު ހުއްޓެވެ.

ޢާންމު ގޮތެއްގައި ޖަޕާނުގައި ބަލަހައްޓާނެ ފަރާތެއް ނެތި ފަޅުވެފައި ހުންނަ ގެތަކާއި ގޯތިތައް ހި؛ލޭ ބަހައި އުޅެއެވެ. އެޤައުމުގެ ޝަހަރެއް ކަމަށްވާ އޯޝިމާލޭންޑް އަކީ މިފަދަ ގެތައް އެންމެ ގިނައިން ހުންނަ ސަރަޙައްދު ކަމަށްވާއިރު، ބައެއް ކަހަލަ ޤަބޫލުކުރުންތަކާއި އެކު އެ ޝަހަރު އެކީގައިހެން ވަނީ ފަޅުވެފައެވެ.