ދުނިޔޭގައި އެންމެ ފުޅާދާއިރާއެއްގައި އޮންލައިން ރީޓެއިލް ވިޔަފާރި ހިންގާ އެމެރިކާގެ އެމޭޒަން އިން ވިއްކާފައިވާ ބައެއް ޕަވަރބޭންކްތައް "އޯވަރ ހީޓްވެ" ގޮވާފާނެ ކަމަށްޓަކައި، އެ ޕަވަރބޭންކްތައް އަލުން އަނބުރާ އެކުންފުންޏަށް ރައްދު ކުރުމަށް އަންގައިފިއެވެ.

އެ ކުންފުނިން ބުނިގޮތުގައި، ޕަވަރބޭންކްތައް ރައްދު ކުރުމަށް އެންގީ، ފާއިތުވެދިޔަ ދުވަސްތަކުގައި، އެ ކުންފުނިން ވިއްކާފައިވާ ޕަވަރވބޭންތަކުގެ ސަބަބުން އަލިފާނުގެ ހާދިސާތައް ހިނގަމުންދާކަމުގެ ރިޕޯޓްތައް ލިބެމުންދާތީ އެކަން ބެލުމަށްފަހުގައި ކަމަށެވެ.

އެ ކުންފުނިން ބުނީ، އަނބުރާ ރައްދު ކުރުމަށް އަންގާފައި ވަނީ އެމެރިކާ ސަރަޙައްދުގެ ޤައުމުތަކަށް ވިއްކި 260000 އެއްހައި ޕަވަރބޭންކް ކަމަށެވެ. އޭގެ ތެރޭގައި ހަ ވައްތަރެއްގެ ޕަވަރބޭންކް ހިމެނޭ ކަމަށާއި، މި ހުރިހައި ޕްރޮޑަކްޓުތަކަށްވެސް އެއް މައްސަލަ ކުރިމަތިވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

އެމޭޒަން އިން ހާމަކޮށްފައިވާ ގޮތުގައި ޕަވަރބޭންތައް އޯވަރ ހީޓްވާ ކަމުގެ 53 މައްސަލައެއް މިހާތަނަށް އެ ކުންފުންޏަށް ވަނީ ރިޕޯޓް ކުރެވިފައެވެ. މީގެ ތެރޭގައި އެތަކެތި ގޮވައި އޭގެ ތެރޭގައިވާ ބެޓަރިތަކުން އެސިޑް ލީކްވުން ފަދަ ހާދިސާތައް ހިމެނޭ ކަމަށް އެކުންފުނިން ބުނެފައި ވެއެވެ.

އެމޭޒަން އިން ވަނީ، އެކުންފުންޏަށް އަނބުރާ ރައްދު ކުރުމަށް އަންގާފައިވާ ޕަވަރބޭންކްތައް އެއްވެސް ކަސްޓަމަރަކު ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ޕަވަރބޭންކްތައް ރައްދު ކުރުމުން އޭގެ ރީފަންޑު ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.