މަންމައިން، ދަރިންނަށް ވާ ޤުރުބާނީގެ ބަދަލުގައި ކިތަންމެ ބޮޑު ހަދިޔާއެއް ދިންކަމުގައިވިޔަސް އެކަމުގެ ބަދަލު އަދާ ނުކުރެވޭނެކަން ޔަޤީނެވެ. ސަބަބަކީ، އެޤުރުބާނީގެ އަދަދު އެއަށްވުރެވެސް ބޮޑުވުމެވެ. އެހެންނަމަވެސް، ދަރިއަކު މަންމަ ދެކެ ވާ ލޯބި އަންގައިދޭން ކަންކަން ކުރެވިދާނެއެވެ.

އެގޮތުން، އުމުރުން 24 އަހަރުގެ މި މީހާ އޭނާގެ މަންމައަށް ދީފައިވަނީ ވަރަށްވެސް ބޮޑު ހަދިޔާއެކެވެ. އެއީ، ގިނަ އަދަދެއްގެ ފައިސާ އަޅާ ބަރުކޮށްފައި ހުރި ބޮޑު ފައިސާ ގޯންޏެވެ.

ބޭރުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި، މި ވަރުގަދަ ހަދިޔާ ދިން ފަރާތަކީ ރޮޑްރިގޭޒް ޖެކޫޒް ބްރޯޑްނެކްސް ނަމަކަށް ކިޔާ ލަވަކިޔުންތެރިއެކެވެ. މިސް ރިކީގެ ނަމުގައި ސްޓޭޖުގައި މަޝްހޫރު މި ލަވަކިޔުންތެރިޔާ، އޭނާގެ މަންމައަށް މި ހަދިޔާ ދީފައިވަނީ މަންމަގެ ދެވަނަ ކައިވެނި ޙަފްލާގެ ތެރެއިންނެވެ.

އިންސްޓަގްރަމްގައި އާއްމުކޮށްފައިވާ ވީޑިޔޯ އަކުން ފެންނަ ގޮތުގައި، މި ލަވަކިޔުންތެރިޔާ އެންމެ ފުރަތަމަ މައިކު ހިފައިގެން ގޮސް ޙަފްލާ ހިނގަމުންދާ ތަނުގެ މެދުގައި ހުއްޓެނީއެވެ. އެއަށްފަހު، މުޅި ތަނުގެ މެދަށް ފައިސާ ގޯނި ބަންޑުން ޖަހަނީއެވެ. ވީޑިޔޯ އިން ފެންނަ ގޮތުގައި މި ފައިސާތައް ހުރި ބޮނޑި ބޮނޑިއަށް ބަނދެފައެވެ. އަދި، މުޅި ފައިސާ ގޯނީގައި ހުރި ފައިސާގެ އަދަދުގެ ޖުމުލަ، 100،000 ޑޮލަރަށް އަރާނެކަމަށް ވެއެވެ.

ފައިސާ ގޯނި ބަންޑުން ކޮށްލުމަށްފަހު މި ލަވަކިޔުންތެރިޔާ ގޮސް އޭނާގެ މަންމަގެ ގައިގައި ބައްދާލުމަށްފަހު، މަންމަ ދެކެ ލޯބިވާކަމަށް ބުނިކަމަށްވެއެވެ. ހަމައެހެންމެ، އިންސްޓްގްރަމްގައި އޭނާ ކޮށްފައިވާ އެހެން ޕޯސްޓެއްގައި ބުނެފައިވަނީ މި ލޯތްބަކީ ފައިސާއިން އަގު ކުރެވޭނެ ލޯތްބެއް ނޫންކަމުގައެވެ.