ކޮރަޕްޝަނާއި ފަސާދައާއި އޭގެތެރޭގައި ހިމެނޭ ރިޝްވަތަކީ ދުނިޔޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ބޮޑުވެފައިވާ މައްސަލަތަކެކެވެ. މި މައްސަލަތައް ހައްލުކުރުމަށް ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ބޮޑެތި މަސައްކަތްތައްވެސް ދަނީ ކުރެވެމުންނެވެ.

އެގޮތުން، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ޤައުމުކަމުގައިވާ ސިންގަޕޫރުގައި، އެންމެ ޑޮލަރެއްގެ ރިޝްވަތު ހިފި ބަޔަކުވަނީ ޖަލަށް ލުމަށް ޙުކުމް ކޮށްފައެވެ. މި މައްސަލައިގައި ދެ މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފައިވާއިރު، އެމީހުން ޖަލަށް ލަނީ ފަސް އަހަރުގެ މުއްދަތަކަށެވެ.

"ރޮއިޓަރސް" އިން ބުނެފައިވާ ގޮތުގައި އުމުރުން 47 އަހަރުގެ ޗެން ޒިލިއަންގ އާއި އުމުރުން 43 އަހަރުގެ ޒާއޯ ޔުސިން އަކީ ފޯކްލިފްޓް ޑްރައިވަރުގެ ގޮތުގައި ބަނދަރެއްގައި މަސައްކަތް ކުރަމުން އަންނަ ބައެކެވެ. އަދި، އެމީހުންވަނީ އެ ބަނދަރުތެރެއަށް ލޮރީ ދުއްވާ ބަޔަކު އަވަހަށް ވަންނަންވެގެން މި ފޯކްލިފްޓް ޑްރައިވަރުންނަށް އެއް ޑޮލަރުގެ ރިޝްވަތު ދީފައެވެ.

ސިންގަޕޫރުގެ ކޮރަޕްޓް ޕްރެކްޓިސަސް އިންވެސްޓިގޭޝަން ބިއުރޯ އިން ހާމަކޮށްފައިވާ ގޮތުގައި އެފަރާތްތަކުން ބެލި ބެލުންތަކުން ހާމަވެފައިވާ ގޮތުގައި، ދެ އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތެއްގެ ދުވަސްވަރު އެމީހުން މި ގޮތަށް ކަންތައް ކޮށްފައިވެއެވެ. އަދި، ކުށްވެރިވަނީ މިގޮތަށް މިކަން ތަކުރާރު ކުރަމުން ގޮސްފައިވާތީކަމަށްވެސް ބުނެފައިވެއެވެ.

ތަހުގީގު ބިއުރޯ އިން އިތުރަށް ބުނެފައިވާ ގޮތުގައި ހުރިހާ މުވައްޒަފުންނަކީވެސް އެމީހުންނަށް ލިބޭނޭ މާލީ މަންފާތަކަށް ބެލުމެއް ނެތި، އަދި ހޯދައިދެވޭނެ މަންފާތަކުގެ ބަދަލުގައި އަގެއްގައި ހިފުމެއް ނެތި މަސައްކަތް ކުރަން ޖެހޭނޭ ބައެކެވެ.

ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް އިން ހާމަކުރާ ގޮތުގައި ސިންގަޕޫރަކީ ދުނިޔޭގައި ހަތްވަނައަށް އެންމެ ކޮރަޕްޝަންގެ އަމަލުތައް ނުހިނގާ ޤައުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޫސާ

    ކޮބާ އިންސާނީ ޙައްޤު ތަކުގައި ހިފައިގެން ދުވާ މީހުން؟

  2. ހުސޭނުބޭ

    ވީމާ ރާއްޖޭގެ މަޖިލިސް މެމްބަރުންނާއި ޤާޟީން ސިންގަޕޫރު ހާބަރަށް ފޯކްލިފްޓް ދުއްވަން ފޮނުވާ! ރާއްޖެއަކުން ތިކަމެއް ނުވާނެ!

  3. ނިހާން ހަމީދު

    ޅާރި ކޮޅު މަދުވީމަ ތިޖަލައްލީ