ބަރުދަނުގައި 320.69 ކިލޯގްރާމް (707 ޕައުންޑް) ހުންނަ އުމުރުން 34 އަހަރުގެ މީހަކު، ހިކުމަށް އެއްވެސް މަސައްކަތެއްވެސް ނުކުރާނެކަމަށާއި އަދި ހިކުމުގެ އެއްވެސް ވިސްނުމެއްވެސް ނެތްކަމަށް ބުނެފިއެވެ. ދުނިޔޭގެ އެންމެ ފަލަ މީހުންގެ ތެރޭގައި ގުނާލެވޭނެ މި މީހާ ބުނެފައިވާ ގޮތުގައި އޭނާ ބޭނުންވަނީ މަރުވަންދެން ކާށެވެ.

"ޓީއެލްސީ" އިން ދެކި ޓީވީ ޕްރޮގުރާމެއްގައި ކެސީ ކިންގު ނަމަކަށް ކިޔާ މި މީހާގެ ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތްވަނީ ދައްކާލާފައެވެ.

މި ޕްރޮގުރާމުގައި ކެސީ ބުނެފައިވާ ގޮތުގައި ކޮންމެ ދުވަހަކުވެސް އޭނާ ނިދައިން ހޭލަނީ މެންދުރު 12 ޖަހާއިރުއެވެ. ނިދިން ހޭލުމާއެކު އެންމެ ފުރަތަމަވެސް ވިސްނާލަނީ އެދުވަހު ކާން ހުރި އެއްޗަކާމެދުގައިކަމަށް އޭނާ ބުންޏެވެ.

މެންދުރު ހޭލުމަށްފަހު ނާސްތާ ނަގައިގެން ދެން އޭނާ އެނބުރެނީ ކޮންމެ ދުވަހަކުވެސް އޭނާ ކުރާ މަސައްކަތަށެވެ. އެއީ ވީޑިޔޯ ގޭމް ކުޅުމެވެ.

ކެސީ ބުނި ގޮތުގައި އޭނާއަށް ހެޔޮވަރު އަންނައުނު ނުލިބުމުގެ ސަބަބުންނާއި، އޭނާގެ ހަށިގަނޑު ފަލަވަމުން އުފެދޭ ހޫނުގެ ސަބަބުން އެއްޗެއް ލައިގެން އުޅުމަކީ އޭނާއަށް ވަރަށް އުނދަގޫ ކަމަކަށް ވަނީ ވެފައެވެ. އެހެންކަމުން، ދުވަހުގެ ބޮޑުބައިގައި އޭނާ އުޅެނީ ޓީޝާޓެއް ފަދަ އެއްޗެއް ނުލައެވެ.

ހަށިގަނޑު ބިޔަވުމުގެ ސަބަބުން އެއް ތަނުން އަނެއް ތަނަށް ދިއުމުގައި ދަތިތަކެއް ކުރިމަތިވެފައިވާއިރު، އެއްޗެއް ނުލައި އުޅުމަކީ އޭނާއަށް މާ ބޮޑު މައްސަލައެއްވެސް ނޫނެވެ.

ބޭރުތެރެއަށް ނިކުމެ އުޅެން އުނދަގޫ ވެފައިވުމުގެ ސަބަބުން އޭނާ ހޭލާ ހުންނަ ހުރިހާ ވަގުތެއް ހޭދަކުރަނީ ވީޑިޔޯ ގޭމު ކުޅުމުގައެވެ. އެކަމުގައި އޭނާއަކީ ފާހަގަކޮށްލެވޭ މޮޅު މީހެކެވެ. އަދި، އެހެން މީހުން އޭނާ ޤަބޫލު ކުރަނީވެސް ގޭމުގެ ދުނިޔޭގައިކަމަށް އޭނާ ބުނެފައިވެއެވެ.

ކެސީ ހައި ސްކޫލު ނިންމިއިރުވެސް ވަރަށް ފަލަކަމަށް އޭނާ ފާހަގަ ކޮށްފައިވާއިރު، އޭގެފަހުން މަސައްކަތް ކުރީވެސް ރެސްޓޯރަންޓެއްގައެވެ. އެތަނުގައި އުޅޭއިރު އަބަދު ކެވޭތީ އޭނާ އިތުރަށް ފަލަވާން މަގުފަހިވިއެވެ. އެންމެފަހުން އޭނާގެ މަންމަ އޭނާ ގެއިންވެސް ނެރެލިއެވެ.

އޭގެފަހުން، ކެސީ އޭނާގެ ބައްޕަގެ ގާތުގައި އުޅޭއިރު ބޭނުންވާ ހުރިހާ ކަމެއް ބައްޕަ ފުއްދައިދެއެވެ. އޭނާގެ މައިންބަފައިން އުޅެނީ ވަރިވެގެންނެވެ.