މާދަމާއަކީ ސްކޫލުތައް ހުޅުވޭ ދުވަހެވެ. އައު ސްކޫލަކަށް ދާނަމަ ނުވަތަ އައު ޓީޗަރަކު އައިސްފިނަމަ ކުލާހުގައި ނަން ބުނަން ޖެހޭނެއެވެ. އަމިއްލައަށް ތަޢާރަފްވާން ޖެހޭނެއެވެ. ހަނދާން ހުރިކަމުގައިވިޔަސް ނުވަތަ ހަނދާނުން ކައްސާލައިގެން ދިޔަކަމުގައިވެސް އެނޫން ގޮތެއް ނޯންނާނެއެވެ.

ބައެއް ފަހަރު މީހުންގެ ނަން ހަނދާން ކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ކިތަންމެ ވަރަކަށް މަސައްކަތް ކުރިކަމުގައިވެސް މީހުންގެ ނަން ހަނދާނުގައި ނުހުންނަ ފަހަރު އާދެއެވެ. އޭގެ ބަދަލުގައި ކޮންމެވެސް އެހެން އެއްޗެއް ނުވަތަ އެމީހަކު ކޮށްފައިވާ އެހެން ކަމެއް ހަނދާނުގައި ހަރުލާފައި ހުންނަ ފަހަރުވެސް އާދެއެވެ.

އެހެންކަމުން މިއީ ކިހިނެއްވާ ކަމެއް ބާވައެވެ؟ ބައެއް މީހުންގެ ނަން ހަނދާން ހުރެފައި އެހެން ބައެއް މީހުންގެ ނަން ހަނދާން ނެތޭގޮތް ވަނީ ކީއްވެބާއެވެ؟

ޔުނިވަރސިޓީ އޮފް ކެލިފޯނިޔާގެ ޑިރެކްޓަރ އޮފް މެމަރީ އެންޑް ޕްލާސްޓިސިޓީ ޕްރޮގުރާމް، ޗަރަން ރަންގަނަތު ބުނާ ގޮތުގައި ދަސްކުރާ ހިތްވާ ނުވަތަ ދަސް ކުރަން ބޭނުންވާ އެއްޗެހި ދަސްވާނެއެވެ. އެހެންކަމުން، ބައެއް މީހުންގެ ނަން ދަސް ކުރަން ސިކުނޑި ބޭނުން ނުވަނީއެވެ. ނުވަތަ އެކަން ކުރަން "މޯޓިވޭޓް" ނުވަނީއެވެ.

އެހެންނަމަވެސް، މިއީ އެކަމަށް އޮތް ހަމައެކަނި ސަބަބުން ނޫންކަމަށް އޭނާވެސް ފާހަގަކުރެއެވެ. އެގޮތުން އެއް ނަމެއް ކިޔާ އެތައް ބަޔަކު އުޅޭކަމުގައިވާނަމަވެސް މިކަންތައް ކުރިމަތިވާކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ. މިކަމުގެ ސަބަބުން ސިކުނޑިއަށް މި ނަންތައް ގިނައިން ބޭނުން ކުރަން ޖެހި ބައެއް ފަހަރު ހަނދާން ނެތޭގޮތްވާކަމަށްވެސް ބުނެފައިވެއެވެ.

ނަފްސާނީ ދާއިރާއިން ޕީއެޗްޑީ ހާސިލް ކޮށްފައިވާ ޖޯޝުއާ ކްލަޕޯވ ބުނާގޮތުގައި މީހަކަށް އާދައިގެ ނުވަތަ ވަރަށް އާއްމު ނަމެއް ކިޔާނަމަ އެކަމަށް ސަމާލުކަން ނުދެވި ހުރެއެވެ. އެގޮތުން އަލީ، މަރިޔަމް ފަދަ ނަންނަމަށް، ވަރަށް މަދުން އިވޭ ރަގީބާ ނަންނަމަށް ދެވޭ ވަރުގެ ސަމާލުކަމެއް ކުއްލިއަކަށް ނުދެވޭކަމަށްވެސް ބުނެފައިވެއެވެ.