ފިލްމަކީ އެއެއްޗެއްގެ ސަބަބުން މީހާ، އަސްލު ދުނިޔެއިން ޚިޔާލީ ދުނިޔެއަކަށް ގެންދިއުމުގެ ޤާބިލުކަން ލިބިފައިވާ އެއްޗެކެވެ. ހަމައެހެންމެ، އެއީ، މީހުންގެ ހިތްތަކާއި ވިސްނުމާ ކުޅެލުމުގެ އެތައް ބާރެއްވެސް ލިބިފައިވާ އެއްޗެކެވެ. މި ޙާދިސާއަކީ އެކަން ކިތަންމެހާވެސް ރަނގަޅަކަށް އެނގި ހާމަވެގެންދާ ކަމެކެވެ.

އެގޮތުން 2015 ވަނަ އަހަރު ނެރުނު ބޮލީވުޑު ފިލްމެއް ބަލައިގެން، އިންޑިޔާގައި ވަނީ މީހަކު މަރާލާފައެވެ. ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ފިލްމެކޭ އެއްގޮތަށް، އަސްލަށްވެސް މަރާލާފައިވަނީ 22 އަހަރުގެ އަންހެނެކެވެ.

އެޤައުމުގެ ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި މަރުގެ މި މައްސަލައިގައި ޝާމިލުވަނީ އެއް އާއިލާއެއްގެ މީހުންނެވެ. އެގޮތުން، އެޤައުމުގެ ވެރިކަން ކުރާ އަދި ބޮޑުވަޒީރު ނަރެންދުރަ މޯދީ ނިސްބަތްވެވަޑައިގަންނަވާ ބާރަތިޔާ ޖަނަތާ ޕާޓީގެ ސިޔާސީ ލީޑަރެއް ކަމުގައިވާ ޖަގްދިޝް ކަރޯޓިޔާ އާއި އޭނާގެ ތިން ދަރިން ވަނީ މިކަމުގައި ބައިވެރިވެފައެވެ.

ޖަގްދިޝް އާއި އޭނާގެ ތިން ދަރިން މަރާލި 22 އަހަރުގެ ޓްވިންކަލް ޑަގްރޭ އަކީ އެޤައުމުގެ އިދިކޮޅު އެންމެ މައި ޕާޓީ ކަމުގައިވާ ކޮންގްރެސްގެ މުމްބާއީ ސަރަޙައްދުގެ އިސް ފަރާތެކެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި އަންހެން މީހާ އަކީ ޖަގްދިޝްއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހެކެވެ. އަދި، މި އަންހެން މީހާ، ޖަގްދިޝްއާއެކު ދިރިއުޅުމަށް ބަހަނާތައް ދައްކަމުން ދިޔަކަމަށްވެސްވެއެވެ.

މިއީ ފިލްމުގެ ސަބަބުން ވީކަމެއްކަމަށް ފުލުހުންވެސް ހާމަކޮށްފައިވާއިރު ބައްޕައާއި ތިން ދަރިން މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.