އުމުރުން އެންމެ ތިން ހަފްތާގެ ތުއްތު ކުއްޖަކަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުން، އެކުއްޖާގެ ހިތް ބަދަލު ކުރަން ޖެހޭކަމަށާއި އެހެންނަމަވެސް، އައު ހިތެއް ހޯދަން ލިބިފައިވަނީ މަދު ގަޑިއިރުކޮޅެއްކަމަށް އެކުއްޖާގެ މައިންބަފައިން ބުނެފިއެވެ.

ކާޓާ ކުކްސަން އަށް މިހާރުވަނީ ތިން ފަހަރެއްގެ މަތިން ހާޓް އެޓޭކް ޖެހިފައެވެ. އަދި މިހާރުވެސް އެކުއްޖާ އޮތީ ވެންޓިލޭޓަރުގެ އެހީގައެވެ.

އިނގިރޭސިވިލާތުގެ ނިއު ކާސަލްގައި ހުންނަ ފްރީމޭން ހޮސްޕިޓަލުގައި ބާއްވައިގެން މި ކުއްޖާއަށް ފަރުވާ ދެމުންދާއިރު، ކުއްޖާއަށް ހިތެއް ހޯދުމަށް ކުއްޖާގެ މައިންބަފައިން ކަމުގައިވާ ސެރާ އަދި ކްރިސް ކުކްސަން ދަނީ އެކި ތަންތަނުގައި އަތްފުނާ އަޅަމުންނެވެ. މީސް މީޑިޔާގައިވެސް މިކަމަށް އެފަރާތްތަކުން އެދިފައިވާއިރު، މިކަން އަދި ކާމިޔާބު ކުރެވޭ ގޮތް ވެފައި ނުވެއެވެ.

ކުއްޖާގެ ބައްޕަ ބުނާ ގޮތުގައި މިއީ އެމީހުންގެ ދެވަނަ ދަރިފުޅެވެ. އެމީހުންގެ ފުރަތަމަ ދަރިފުޅު ވަނީ މީގެ އަހަރުތަކެއް ކުރިން މަރުވެފައެވެ. އެކުއްޖާ މަރުވުމަށްފަހު، އޭގެ ފަސް އަހަރު ފަހުން ކާޓާ ލިބުނުއިރު، ކާޓާވެސް ގެއަށް ނުގެންދެވިދާނެކަމުގެ ބިރު ހީވެފައިވާކަމަށް ބުނެފައިވެއެވެ.

މި ދެމަފިރިންނަކީ މިހާރުވެސް އެތައް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ބައެކެވެ. އެމީހުންގެ ފުރަތަމަ ދަރިފުޅުގެ ހަނދާނުގައި މިކަން ކުރަމުން އަންނައިރު، އެމީހުން މިހާރުވަނީ އެހެން ފަރާތްތަކުގެ އެހީއަށް ޖެހިފައެވެ.