މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަސް ތެރޭގައި ދޮންނަމެޝިނަށް ލައި މާބަނޑު ބުޅަލެއް މަރާލި މެލޭޝިއާ މީހަކު ދެ އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

ދަ ސެލަޔަންގ ސެސަން ކޯޓުން ޓެކްސީ ޑްރަވަރަކަށް ދެ އަހަރުގެ ޖަލު ހުކުމެއް އިއްވާފައި މި ވަނީ، މިދިޔަ ބުރަސްފަތި ދުވަހު ކޯޓުގައި އޮތް އަޑު އެހުމެއްގައި އެކަން ކުރިކަމަށް އަމިއްލައަށް އެއްބަސްވުމުންނެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު މި މީހާ ހައްޔަރުކޮށްފައިވާއިރު، އޭނާގެ ދެ އަހަރު ދުވަހު ޖަލު ހުކުމް ގުނަމުންދާނީ އެ ދުވަހުން ފެށިގެންކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ.

އޭ. މޮހަންރާޖް ނަމަކަށް ކިޔާ އެ ފިރިހެން މީހާ އާއި އިތުރު ދެ މީހަކު ވެގެން މިދިޔަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ކުއީން ސެލްފް ސާވިސް ލޯންޑްރީގައި އެބުޅާ މަރާލާފައިވާއިރު، މި މީހުން އެ ބުޅާ ދޮންނަމެޝިން ތެރެއަށް ލައިފައި ވަނީ، މަޖަލަކަށެވެ.

އެ މީހުން އެ ބުޅާ އެ ދޮންނަ މެޝިން ތެރެެއަށްލީކަން އެނގުނީ، އެތަނަށް އެ ދުވަހު ދިޔަ މީހަކު އެ ދޮންނަ މެޝިން ތެރޭގައި ބުޅާ ކެހެރިތަކާއި ލޭތަކެއް ހުރެގެން އެކަން ލޯންޑްރީ ބޮޑު މީހާގެ ސަމާލުކަމަށް ގެނައުމުންނެވެ. އަދި އެތަނުގެ ވެރި ފަރާތުން ވަނީ، އެތަނުގައި ހަރުކޮށްފައި ހުރި ސީސީޓީވީ ފޫޓޭޖުން އެކަން ހިނގި ގޮތް ބަލާފައެވެ.

އެ މައްސަލާގައި ހިމެނޭ އެކަކު އެކަމަށް އެއްބަސްވެފައިނުވާއިރު، ދެވަނަ މީހާ ވަނީ އެ މައްސަލައިން ސަލާމަތްވެފައެވެ.

މޮހަންރާޖް ކޯޓުގައި ވަނީ، އޭނާ ކުރި ކުށަށް މެލޭޝިއާ ރައްޔިތުންގެ ފަރާތުން މައާފަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު