އާނަންދު އެލް ރާއީ ޑައިރެކްޓްކޮށް، ކަންގަނާ ރަނާވަތު ބަތަލާގެ ރޯލް ކުޅޭ ކާމިޔާބު ފްރެންޗައިޒް "ތަނޫ ވެޑްސް މަނޫ" ގެ ތިން ވަނަ ބައެއް ހަދަން ނިންމައިފި އެވެ.

ކަންގަނާ ދިން އިންޓަވިއުއެއްގައި ވަރަށް އަވަހަށް އާނަންދު ފިލްމު އިއުލާން ކުރާނެ ކަމަށާއި ފިލްމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން ވެސް އަންނަ ވެސް ކަންގަނާ ވަނީ ބުނެފައެވެ.

2011 ވަނަ އަހަރު "ތަނޫ ވެޑްސް މަނޫ" ގެ ފުރަތަމަ ބައި ގެނެސް ދިނުމަށް ފަހު، 2015 ވަނަ އަހަރު ދެވަނަ ބައިވެސް ނެރެފައިވެއެވެ. "ތަނޫ ވެޑްސް މަނޫ ރިޓާންސް" ގައި ޑަބަލް ރޯލެއް ކުޅެގެން ކަންގަނާ އަށް އެ އަހަރު ވަނީ އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ވެސް ލިބިފަ އެވެ.

މި ފްރެންޗައިޒްގެ ގެ ދެ ފިލްމު ވެސް ބެލުންތެރިންގެ ލޯބި ހޯދި އިރު، ބޮކްސް އޮފީހުގައި ވެސް ދެ ފިލްމު ވަރަށް ހިނގި އެވެ. ކަންގަނާއާ އެކު އާރް މަދަވަން ބަތަލުގެ ރޯލް ކުޅުނު "ތަނޫ ވެޑްސް މަނޫ" އަށް 70 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބުނު އިރު، އެ ފިލްމު ހަދަން ހަރަދުވީ 17.50 ކްރޯޑް ރުޕީސް އެވެ.

"ތަނޫ ވެޑްސް މަނޫ ރިޓާންސް" ހަދަން 39 ކްރޯޑް ހަރަދު ކުރި އިރު، ބޮކްސް އޮފީހުގައި އެ ފިލްމަށް ޖުމްލަ 258 ކްރޯޑް ލިބިފައިވެ އެވެ.

ކަންގަނާގެ ކުރިއަށް އޮތް ފިލްމަކީ އޭނާ ޑައިރެކްޝަނުގައި ވެސް ހިއްސާވި "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އެވެ.

އާނަންދުގެ އެންމެ ފަހުގެ ފިލްމު "ޒީރޯ" ވަނީ ފްލޮޕްވެފައެވެ.