މަޝްހޫރު ރިއަލިޓީ ޓީވީ ޝޯވ "ކީޕިން އަޕް ވިތު ކާޑޭޝިއަން" ގެ ތަރި ކައިލީ ޖެނާ އިތުރު ދަރިއަކަށް ބަނޑު ބޮޑުވެއްޖެ ކަމަށް އަޑު ފެތުރެން ފަށައިފިއެވެ.

ކައިލީ އަނެއްކާވެސް ބަނޑު ބޮޑު ވެއްޖެ ކަމަށް ވާހަކަ ދެކެވެން ފެށުނީ ކައިލީ ކޮށްފައިވާ ޓްވީޓަކާއި ގުޅިގެންނެވެ.

ކައިލީގެ މިޓުވީޓުގައި ވަނީ އޭނާގެ ފޭނުންނަށް ހިއްސާކުރަން ބޭނުން ވަރަށް ބޮޑުކަމެއް ކުރިއަށް އެބައޮތް ކަމަށް ބުނެފައެވެ. މި ޓުވީޓާއި އެކު ކައިލީގެ އެތައް ހާސް ފޭނުންނެއްގެ ހިތުގައި ވަނީ ސުވާލު އުފެދިފައެވެ.

"އަހަރެންގެ ފޭނުންނަށް ހިއްސާކުރަން ބޭނުން ވަރަށް ބޮޑުކަމެއް އެބައޮތް. މި އާ ކަންތައް ހިއްސާކުރަން މިހިރީ ކެތްމަދުވެފައި" ކައިލީ ކުރި ޓުވީޓުގައި ވެއެވެ.

މި ޓްވީޓާއި ގުޅޭގޮތުން ކައިލީގެ ގިނަ އަދަދެއްގެ ފޭނުން ބުނެފައިވަނީ ކައިލީ ދެވަނަ ދަރިފުޅަކަށް ބަލިވެއިނީ ކަމަށެވެ.

ނަމަވެސް ފޭނުންގެ މި ހީކުރުން ތަކަށް ކައިލީ ވަނީ ވަރަށް ސާފު ޖަވާބެއް ދީފައެވެ. ކައިލީ ޖަވާބުގައި އިނީ ހިނގައިގެން އުޅެނީ އެފަދަ ކަމެއް ނޫން ކަމަށާއި އޭނާ ހިއްސާ ކުރަން އުޅެނީ ސީކްރެޓް ޕްރެޖެކްޓެއް ކަމަށް ބުނެފައެވެ.

ކައިލީ އިތުރު ދަރިއަކަށް ބަޑު ބޮޑު ކަމަށް އަޑު ފެތުރިފައިވާއިރު ކައިލީ ވަނީ އޭނާގެ ފުރަތަމަ ދަރިފުޅު "ސްޓޯމީ" މިދިޔަ އަހަރު ވިހާފައެވެ. ކައިލީ ވިހާފައިވަނީ މިދިޔަ އަހަރު ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސެންޑައި ސިނައި އެލް އޭ ހޮސްޕިޓަލްގަ އެވެ. ކައިލީ ބަނޑުބޮޑުވެ ވިހާފައި ވަނީ މަޝްހޫރު ރެޕާ ޓްރާވިއާ ސްކޮޓްގެ ދަރިއަކަށެވެ.