މަޝްހޫރު ރިއަލިޓީ ޓީވީ ސްޓަރ އަދި މޮޑެލް ކައިލީ ޖެނަރ އާއި އޭނާގެ ލޯބިވެރިޔާ ޓްރެވިސް ސްކޮޓް އަނެއްކާވެސް ވަކިވެއްޖެއެވެ.

ކައިލީގެ ގާތް ރަހުމަތްތެރިއެއް ޔޫއެސް ވީކްލީއަށް މައުލޫމާތު ދީފައިވާ ގޮތުގައި މިދެމީހުންގެ ގުޅުން ހީނަރުވީކަން އެނގިގެންދަނީ ދެމީހުން ޗުއްޓީ އެކީގައި ހޭދަކުރަން ޤަސްދުކޮށްފައި އޮއްވާ ކައިލީ ކުއްލިއަކަށް ޚީޔާލު ބަދަލުކުރުމުންނެވެ. ޓްރެވިސް އާއި އެކީ ޗުއްޓީ ހޭދަކުރުމުގެ ބަދަލުގައި ކައިލީ ދިޔައީ އޭނާގެ ދައްތަ ކެންޑަލް ޖެނަރ އަދި ބީބަރ ދެމަފިރިންނާއި އެކީ ގްރީސްއަށް ޗުއްޓީއަށެވެ.

ނަން ހާމަކުރަން ބޭނުންނުވާ އިތުރު މަސްދަރަކުން ބުނެފައިވާ ގޮތުން ނަމަ އަދިވެސް މި ދެމީހުންގެ ގުޅުން އެއްކޮށް ވަކިވީކަމަށް ހީނުވާކަމަށެވެ. ދެކުދިންގެ ބެލެނިވެރިކަން ކުރަމުންދާ ޒުވާން ތަރިޔާ ކައިލީ އާއި ޓްރެވިސްގެ ދޭތެރޭގައި ހިޔާލު ތަފާތުވުންތައް އޮތުމުގެ ސަބަބުން ވަރަށް މައްސަލަތައް އުފެދެއެވެ. އެހެން ނަމަވެސް ދަރިންނަށްޓަކައި އުފާވެރި އާއިލާއެއް ބިނާކުރުމަށްޓަކައި ކައިލީ އަދި ޓްރެވިސް ވަރަށް ބޮޑަށް މަސައްކަތްކުރާ ކަމަށްވެސް އޭނާ ހާމަކުރިއެވެ.

މިދެމީހުން ވަނީ މީގެ ކުރިންވެސް ރައްޓެހިވެފައި ރުޅިވެފައެވެ. މިދެމީހުން އެންމެ ފުރަތަމަ ރައްޓެހިވެފައިވަނީ 2017 ވަނަ އަހަރުގައިއެވެ. އެއަށްފަހު 2018 ވަނަ އަހަރުގައި މި ދެ ތަރިންގެ އަލަތު ދަރިފުޅު ސްޓޯމީ ޖެނަރ ދުނިޔެއަށް އުފަންވިއެވެ. ކައިލީ އާއި ރެޕަރ ޓްރެވިސް އެންމެ ފަހުން ވަކިވެފައި ވަނީ ކޮވިޑް-19 ޕެންޑަމިކް ތެރޭގައި އެކުގައި ކަރަންޓީން ވުމަށްފަހުއެވެ.

އެއަށް ފަހު، މިދިޔަ އަހަރުގެ ފެބްރުވަރީގައި މިދެމީހުންނަށް ފިރިހެން ކުއްޖަކު ލިބުނެވެ. އެކުއްޖާއަށް ވޫލްފް ވެބްސްޓަރގެ ނަން ދެވުނެވެ. އެހެން ނަމަވެސް މި އުފާވެރިކަމަށް މާކަށް ގިނަ ދުވަސްތަކެއް ނުވިއެވެ.

ޓްރެވިސްގެ ކުރީގެ ލޯބިވެރިޔެއް ކަމަށް ޝައްކުކުރެވޭ މޮޑެލްއެއް ކަމަށްވާ ރޯޖިއަން ކާރ ވަނީ ޓްރެވިސްގެ ވަފާތެރިކަމާއި ދޭތެރޭ ސުވާލު އުފައްދާފައިއެވެ. ނިމިދިޔަ އޮކްޓޫބަރ މަހުގައި ސޯޝަލް މީޑިއާގައި ފޮޓޯތައް ދައުރުކޮށް، ޓްރެވިސް ވަނީ އޭނާއާއި އެކީ ވަގުތު ހޭދަކޮށް ކައިލީއަށް ބޭވަފާތެރިވެފައި ކަމަށް ރޯޖިއަން ތުހުމަތު ކުރިއެވެ. ޓްރެވިސް ވަނީ މި ވާހަކަތައް ދޮގުކޮށްފައިއެވެ.