"ތިޔަ ބުނީ ރޫޙީ އުފާތައް، ސިފަ މަށަށް ކޮށްދޭނުހޭ، ނިޔަނަތިވި މަންމާ ނިކަން އަދު ސިފަ މަށަށް ކޮށްދޭނުހޭ." މިއީ މީގެ އަހަރުތަކެއް ކުރިން ފެށިގެން އަޅުގަނޑުމެންގެ މެދުގައި މަޝްހޫރު ޅެމެއްގެ ތަންކޮޅެކެވެ. އެތައް ބަޔަކަށް އެތައް އަސަރެއް ގެނުވާ މި ޅެމުގެ މި ތަންތަކޮޅަކީ ލޯފަން އެތައް ބަޔަކާ ގުޅިފައިވާ ތަންކޮޅެއްވެސްމެއެވެ.

ރާއްޖެއާ އެތައް ތަނެއް ދުރުގައި އޮންނަ ބްރެޒިލް އިން ފެނުނު މި މަންޒަރަކީ، މަންމައަކު، އުފާވެރި ވަގުތުތަކެއް، އޭނާގެ ދަރިފުޅަށް ސިފަކޮށްދޭ މަންޒަރެވެ.

ސިލްވިއާ ގްރެކޯ ނަމަކަށް ކިޔާ މި އަންހެން މީހާއަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓިގެން ދިޔައީ، އޭނާގެ ލޯފަން ދަރިފުޅަށް، ފުޓުބޯޅަ މެޗެއް ސިފަކޮށްދޭ މަންޒަރު، ޓީވީ މެދުވެރިކޮށް އެތައް ބަޔަކަށް ފެނުމުންނެވެ. ލައިވް ކޮށް މެޗު ބަލަމުން ދިޔަ އެތައް ބައެއްގެ ލޮލުގައި މި މަންޒަރު އަޅައިގަތްއިރު، އެކަމާ ގުޅިގެން އެތައް ވާހަކައެއް ދެކެވުނެވެ.

ސިލްވިއާ އަދި އޭނާގެ ދަރިފުޅު

އުމުރުން 56 އަހަރުގެ ސިލްވިއާ، އޭނާގެ 12 އަހަރުގެ ދަރިފުޅު، ނިކޮލަސް އަށް ސިފަކޮށްދެމުން ދިޔައީ އެމީހުން ސަޕޯޓު ކުރާ ބްރެޒިލްގެ ޕަލްމެރިއަސްގެ ފުޓުބޯޅަ މެޗެކެވެ. މި މެޗު ކުޅެވިފައިވަނީ މިދިޔަ އަހަރު، ސައޯ ޕައުލޯގައެވެ.

ސިލްވިއާ ބުނި ގޮތުގައި އޭނާއަކީ އެކަމުގެ ތަޖުރިބާކާރެއް ނޫނެވެ. އެހެންނަމަވެސް، މެޗު ހިނގަމުންދާ ގޮތާއި ކުޅުންތެރިންގެ ކަންކަން އޭނާ ސިފަކޮށްދެއެވެ.

"އަހަރެން ސިފަކޮށްދެނީ ތަފްޞީލުތައް: މި ކުޅުންތެރިޔާ ހުރީ އަތްކުރި ޖާޒީއެއް ލައިގެންނޭ، އެމީހުންގެ ބޫޓުތަކުގެ ކުލަތަކާއި، ބޮލުގައި ހުރި ކުލަތައް." އޭއެފްޕީއާ ވާހަކަ ދައްކަމުން ބުނެފައިވެއެވެ.

ހަމައެހެންމެ، އޭނާ ސިފަކޮށްދެނީ އޭނާގެ އިހުސާސްތައްކަމަށާއި އެއީ އޭނާއަށް ފެންނަ އަދި އިހުސާސްވާ ކަންކަންކަމުގައެވެ. ރެފްރީ ދެކެ ރުޅި އައިކަމުގައިވިޔަސް އެވާހަކަވެސް ކިޔައިދޭކަމަށް ބުންޏެވެ.

މިކަމުގެ ސަބަބުން ޕަލްމެރިއަސްގެ ތަމްރީނަކަށް ޒިޔާރަތް ކުރުމުގެ ފުރުޞަތުވެސް މި ދެމައިންނަށް ލިބިފައިވެއެވެ. އަދި ޕީއެސްޖީ އަށް ކުޅެމުންދާ ބްރެޒިލްގެ ނޭމާއާ ބައްދަލުކުރުމުގެ ފުރުޞަތުވެސް ލިބުނެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މައުސޫމް

    މާތް ﷲ އިރާދަ ކުރެއްވިއްޔާ އަދި އެކުއްޖާއަށް ލޮލުގެ ފެނުން ލިބޭނެ. ޔާﷲ. އެކުއްޖާއަށް ލޮލުގެ ފެނުން ދެއްވާނދޭވެ. އާމީން

  2. އަފީ

    އާމީން