މޮނާކޯގެ ޕްރިންސް އަލްބާޓްގެ ނަމުގައި ބަޔަކު އާންމު ރައްޔިތުންނަށް ގުޅައިގެން ފައިސާ ވަގަށް ނަގަމުންދާކަމުގެ ރިޕޯޓްތަކެއް އާންމުވެއްޖެއެވެ. މޮނާކޯގެ ފުލުހުންވެސް މި ވާހަކަތައް ތެދުކޮށްފައިވާއިރު ފައިސާ ވަގަށް ނަގަން އުޅޭ މީހުން އަބަދުވެސް އަމާޒުކުރަނީ މޮނާކޯގެ މަޝްހޫރު ފަރާތްތަކުގެ އަތުން ފައިސާ ވަގަށް ނެގުމަށްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އެފަދަ އެއް ފަހަރު ވައްކަންކުރަމުންދިޔަ މީހުން ވަނީ ޕްރިންސް އަލްބާޓް، ގަނޑުވަރުގައި އިންނަވައިގެން ވިޑިއޯ މެދުވެރިކޮށްގެންވެސް ފައިސާއަށް އެދިފައިވާތަން އެ މީހުންގެ ޝިކާރައިގައި ޖެހުނު އެއް ފަރާތަށް ދައްކުވައިދީފައެވެ.

އޭގެ އިތުރުންވެސް ޕްރިންސް އަލްބާޓްގެ ނަމުގައި ވައްކަންކުރާ މީހުން ވަނީ ވަޓްސްއެޕް މެދުވެރިކޮށް މޮނާކޯގެ މަޝްހޫރު ނޫސްވެރިޔެއްގެ ކިބައިން ޖިހާދިސްޓު ގުރޫޕަކުން ވަގަށްނަގާފައިވާ އެގައުމުގެ އެހެން ނޫސްވެރިޔެއް މިނިވަންކުރުމަށްވެސް ފައިސާއަށް އެދިފައެވެ. ބައެއްފަހަރު ފަހަރު ސަރުކާރުގެ އޮފިޝަލް ނިޝާންތަކާއި އިސް ފަރާތްތަކުގެ ސޮއި ހިމެނޭ ޑޮކިއުމެންޓް ބޭނުންކޮށްގެންވެސް މީހުން އަތުން ފައިސާ ވަގަށްނަގަން އުޅެފައިވާކަމަށް ވަނީ ރިޕޯޓްކުރެވިފައެވެ. ސަރުކާރު އޮފީސްތަކުގެ ރަސްމީ ފޯނު ނަންބަރު ދައްކުވައިދޭގޮތަށްވެސް ވައްކަންކުރާ މީހުން ވަނީ ފައިސާ ނަގަން މަސައްކަތްކޮށްފައިވެއެވެ.

ފައިސާއަށް އެދޭ ފަރާތްތަކުން އަބަދުވެސް މަސައްކަތްކުރަނީ މޮނާކޯއިން ބޭރު ގައުމުތަކުގެ އަދި ވަކިން ހާއްސަކޮށް އޭޝިޔާ ސަރަހައްދުގެ ބޭންކުތަކުގެ އެކައުންޓްތަކަށް މީހުން ލައްވައި ފައިސާ ފޮނުވުމަށްކަމަށް ހަބަރުލިބިފައިވާއިރު އެކަންކުރާ މީހުން އެގޮތަށް ވަގަށްނަގާފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއްކަމެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެ މައްސަލަ ތަހުގީގުކުރެވެމުންދާއިރު މޮނާކޯގެ ސަރުކާރުން ވަނީ އެއީ އެއްވެސް ހާލެއްގައި ސަރުކާރުގެ ފަރާތުން ކުރެވޭކަމެއް ނޫންކަމަށް ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު