އިނގިރޭސިވިލާތުގެ 42 އަހަރުގެ އަންހެނެއް ކަމަށްވާ ނިކޮލާ ސްޕެންސާ ކައިވެނިކުރިތާ ހަވަނައަށް ވީދުވަހު ކުއްލި ގޮތަކަށް މަރުވުމުން އާއިލާއަށް ބޮޑު ހައިރާންކަމަކާއި ފުން ހިތާމައެއް ލިބިއްޖެއެވެ.

ނިކޮލާ ޢާއި އޭނާގެ ފިރިމީހާ ޖޭސަން ނިކޮލްސް ފުރަތަމަ ބައްދަލުވީ ނިކޮލާގެ އުމުރުން 15 އަހަރުގައި ސްކޫލުންނެވެ. ދެމީހުންގެ ދެމެދުގައި ހާއްސަ ގާތް ގުޅުމެއް އޭރުއްސުރެ އޮތް ނަމަވެސް ނިކޮލާ ފުރަތަމަ ކައިވެނި ކުރީ އެހެން މީހަކާއި އެވެ. އެކައިވެންޏަށް ކުދިން ވެސް ލިބުނު ފަހުން ކައިވެނި ވަނީ ރޫޅިފައެވެ.

ނިކޮލާ އާއި ޖޭސަން ކައިވެނި ކޮށްގެން ހަނީމޫނަށް ދިޔައީ ކެނަރީ އައިލެންޑް އަށެވެ.

ނިކޮލާގެ އާއިލާ އިން ބުނާ ގޮތުގައި ނިކޮލާ މަރުވި ދުވަހުގެ ކުރީ ދުވަހު ހެނދުނު އޭނާ ވަނީ ކޮންމެވެސް ކަހަލަ އުނދަގޫތަކެއް ވާކަމަށް ފިރިމީހާ ކައިރީ ބުނެފައެވެ. ނަމަވެސް އެއީ މާބޮޑު ކަމަކަށް ނުހަދާ އެދުވަހު ހެެދުނު ވެސް ދެމަފިރިން ބޭރަށް ނިކުމެ އެކި ތަންތަނުން ފޮޓޯ ނަގާ އުޅުނެވެ.

ނިކޮލާގެ ހާލަތު އިތުރަށް ގޯސްވީ އެދުވަހު ހަވީރުއެވެ. ހަވީރު އޭނާގެ ހަށިގަނޑުން ލޭ އަންނަން ފެށިއެވެ. އެހެންކަކުން ވަގުތުން ލޯކަލް ކްލިނިކަކަށް ގެންގޮސް އެނދުމަތި ކުރިއެވެ. އައިވީއެއް ގުޅައިގެން ފަރުވާ ދިނުމަށް ފަހު ކްލިނިކުން އޭނާ ދޫކޮށްލިއެވެ.

ޖެހިގެން އައި ދުވަހު އަނެއްކާވެސް އޭނާގެ ހާލަތު ގޯސްވުމުން އެނބުރި އިނގިރޭސިވިލާތައް ދިއުމަށް ޓިކެޓް ނެގިއެވެ. އިނގިރޭސިވިލާތައް ދިއުމަށް ދަތުރު ކުރަމުން ދަނިކޮށް ނިކޮލާގެ ހާލަތު ގޯސްވެ، ލޭ އަންނަން ފެށުމުން ފްލައިޓް ޕޯޓޯ އަށް ޑައިވާޓް ކުރިއެވެ. ނަަމަވެސް ޕޯޓޯގެ އެއާޕޯޓްގައި ފްލައިޓް ޖެއްސިއިރު އޭނާ މަރުވެއްޖެއެވެ.

ނިކޮލާގެ ދެ އޮޓޮޕްސީއެއް ވަނީ ހަދާފައެވެ. ނަމަވެސް އަދި އެއްވެސް އޮޓޮޕްސީއެއްގެ ނަތީޖާ އާއިލާ އަކާއި ހިއްސާކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު