ކުޑަ ދުވަސްކޮޅެއްގެ މެދުކެޑުމަކަށް ފަހު ރިތިކް ރޯޝަން ފިލްމެއްގެ ޝޫޓިން ފަށައިފިއެވެ.

މިފަހަރު ރިތިކް ކުޅެނީ ޕަތްނާއަށް އުފަން ހިސާބު ޓީޗަރެއް ކަމަށްވާ އަނާންދު ކުމާރުގެ ދިރިއުޅުމާއި ބެހޭގޮތުން އުފައްދާފައިވާ ފިލްމެކެއެވެ. މި ފިލްމަށް ކިޔާ ނަމަކީ "ސުޕަރ 30" އެވެ.

މި ފިލްމްގެ ބަތަލައާއި ބެހޭގޮތުން އެތަށް ވަާހަކައެއް ބޮލީވުޑްގައި ވަނީ ފެތުރުފައެވެ. އެގޮތުން މި ފިލްމްގައި ބަތަލާއަކީ އެވެނި މީހެކޭ ބުނެ އެކި މީޑިއާއިންވަނީ އެކި ގޮތަށް އަޑު ފަތުރާފައެވެ. ނަމަވެސް މިހާރު މި ވަނީ މި ފިލްމްގެ ބަތަލާ ޔަގީންވެފައެވެ. ރިތިކް ރޯޝަން އާއި އެކު މި ފިލްމްގެ ބަތަލާއެއްގެ ގޮތުގައި ހަރަކާތްތެރިވާނީ "ކުމް ކުމް ބަގްޔާ" ޑްރާމާގައި ބުލްބުލްގެ ރޯލް އަދާކުރި މުރޫނަލް ތަކޫރު އެވެ.

މީސް މީޑިއާގައި މިހާރު ދައުރުވަމުންދާ ރިތިކް އާއި މުރޫނަލްގެ ފޮޓޯއިން ޔަގީންވާ ގޮތުގައި "ސުޕަރ 30" ގެ ލީޑް ބަތަލާއެއްގެ ގޮތުން މުރޫނަލް ބޮލީވުޑަށް ނިކުތުމަށް ވަނީ ތައްޔާރުވެފައެވެ.

"ރިތިކް މި ރޯލް ކުޅެދޭތީ އަހަރެން މިހުރީ ވަރަށް އުފަލުން. މި ރޯލް އެންމެ ގުޅެނީ އޭނައާއި، އަދި މަސައްކަތަށް އޭނާ ބަހައްޓަ ފަރުވާތެރިކަމާއި މުޙިއްމުކަން އެއީ އަހަރެން އަބަދުވެސް ފާހަގަ ކުރާ ކަންތަށް. އަހަރެން އުންމީދުކުރަން ހުރިހާ ފަރާތްތަކަކަސްވެސް މި ފިލްމް ކަމުދާނެކަމަށް." ފިލްމްގެ ޕްރަޑަކްޝަން ޓީމްއިން ހާމަކުރިއެވެ.