މަޝްހޫރު ތަރިއަކަށް ވުމަކީ ބޮޑު ބުރައެއް ކޮނޑުގައި އަޅައިގެން އުޅުން ކަމަށް ބޮލީވުޑްގެ ސުޕަ ސްޓާ ރިތިކް ރޯޝަން ބުނެފި އެވެ.

ދާދި ފަހުން ރިތިކް ދިން އިންޓަވިއުއެއްގައި ބުނީ އެކްޓަރަކަށް ވުމާއި ސްޓާރަކަށް ވުން ތަފާތު ކަމަށެވެ.

އެކްޓަރަކަށް ވުމަކީ ހިތްހަމަޖެހުން ލިއްބައިދޭ ކަމެއް ކަމަށާއި ނަމަވެސް ސްޓާރަކަށް ވުމަކީ ބޮޑު ޒިންމާއެއް ކަމަށް އޭނާ ބުނެއެވެ.

އެގޮތުން ސްޓާރަކަށް ވުމުން ވަރަށް ގަދައަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި މީހުންގެ އުއްމީދުތައް ވެސް ހުންނަނީ މާ މަތީގައި ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް އެކްޓަރަކަށް ވުމަކީ މީހުންގެ މާބޮޑު އުއްމީދެއް ހުންނަ ކަމެއް ނޫން ކަމަށް އޭނާ ބުނެއެވެ.

ކަހޯނާ ޕިޔާރު ހޭ އިން ބޮލީވުޑްއަށް ތައާރަފްވި ރިތިކް ވަނީ ކާމިޔާބު ފިލްމުތަކެއް ކުޅެފަ އެވެ. އޭނާގެ އެންމެ ފަހުން ރިލީޒްވި ފިލްމަކީ ވިކްރަމް ވެދާ ނަމަކަށް ކިޔާ ފިލްމެކެވެ. އެއީ ތަމަޅަ ފިލްމެއްގެ ރީމޭކެކެވެ.

ކާމިޔާބު ފިލްމުތަކެއް ކުޅުނު އިރު ރިތިކްގެ ހާޔާތުގައި ވެސް ވަނީ ނުތަނަވަސް ދުވަސްތަކެއް ހޭދަކޮށްފަ އެވެ.

އެގޮތުން ރިތިކް އޭނާގެ ކުރީގެ އަނބިމީހާ ސުޒޭން ހާންއާ އެތަކެއް އަހަރުތަކެއް ވަންދެން ކައިވެނިކޮށްގެން އުޅުމަށް ފަހު 2014 ވަނަ އަހަރު ވަނީ ވަރިވެފަ އެވެ. އެ ދެ މީހުން ވަރިވި އިރު ދެ ކުދިން ލިބިފައި ވެއެވެ. އޭގެ ފަހުން ރިތިކް އުޅެނީ ސަބާ އާޒާދު ނަމަކަށް ކިޔާ ފިލްމީ ތަރިއަކާއި ލޯބީގެ ގޮތުން ގުޅިގެންނެވެ.

ސުޒޭނާއި ރިތިކް ވަރިވެފައިވީ ނަމަވެސް އެ ދެމީހުންގެ ދެ ދަރިން ކަމަށްވާ ރިހާންއާއި ރިދާން ތަރުބިއްޔަތު ކުރުމުގައި ދެމީހުން ވެސް ވަނީ ނަމޫނާ ދައްކުވައިދީފައެވެ.