ފިލުމު ''ވިކްރަމް ވޭޑާ'' ގައި ރިތިކް ރޯޝަނާއި އެކު މަސައްކަތް ކުރުމަށް ފަހު ސައިފު ޢަލީ ޚާން ރިތިކްއަށް ތަޢުރީފް ކޮށްފިއެވެ.

ސައިފް ޢަލީ ޚާން ދިން އިންޓަވިއުއެއްގައި ރިތިކްއާއި އެކު މަސައްކަތް ކުރުމުގެ ތަޖުރިބާ ވަނީ ހިއްސާ ކޮށްފައެވެ.

''ރިތިކްއާއި އެކު ފިލުމެއް ކުޅުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނު. ރިތިކްއަކީ ކެމެރާއަށް ވެސް ލޯބިކުރާ ފަންނާނެއް. އޭނާއަކީ އޭނާގެ ކެރެކްޓަރއަށް ވަރަށް ބުރަކޮށް މަސައްކަތް ކުރާ ފަންނާނެއް. އެހެންވެ އަހަރެންނަށް ވެސް އެހާ ބުރަކޮށް މަސައްކަތް ކުރަން ޖެހުނު. އަހަރެން ގަބޫލު ކުރަނީ އަހަރެންނަށް އެހާ ބުރަކޮށް މަސައްކަތް ކުރެވުނު ކަމަށް. ރިތިކްއަކީ އަހަރެންނަށް ވުރެ ދިގު މީހެއް. އަހަރެންނަށް ވުރެ ރީތި މީހެއް'' ސައިފް ބުނެފައިވެއެވެ.

މީގެއިތުރުން ސައިފް ބުނެފައިވަނީ ގަޔާނުވާ ފިލުމެއް ކުޅުމަކީ އުނދަގޫ ކަމެއް ކަމަށާއި އެހެންވެ އޭނާ ހިތްހަމަ ނުޖެހޭ ގަޔާނުވާ އެއްވެސް ފިލުމެއް ނުކުޅެ ވޭތޯ ވަރަށް މަސައްކަތް ކުރާ ކަމަށް ވެސް ބުނެފައިވެއެވެ.

ސައިފްއާއި ރިތިކްގެ ފިލުމު ''ވިކްރަމް ވޭޑާ'' ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. މި ފިލުމުގެ ޓްރެއިލާ ބެލުމަށް ފަހު ގިނަ ބަޔަކު ބުނެފައިވަނީ މިއީ ކާމިޔާބުވާނެ ރީތި ފިލުމެއް ކަމަށެވެ.

މި ފިލުމަކީދެކުނު އިންޑިއާގެފިލުމު ''ވިކްރަމް ވޭޑާ''ގެ ރީމެކެކެވެ. މި ފިލުމުގައި ސައިފު އަދާ ކުރަނީ ފުލުސް އޮފިސަރެއްގެ ރޯލެވެ. މި ފިލުމުގައި ސައިފު އަދާ ކުރާ ކެރެކްޓަރއަކީ އޭނާގެ އެންމެ ފަހުން ރިލީޒް ކުރެވުނު ފިލުމު ''ބަންޓީ އޯރް ބަބްލީ 2'' ގެ ކެރެކްޓަރއާއި ވަރަށް ތަފާތު ކެރެކްޓަރއެކެވެ.