ރޭ މަޝްހޫރު މީސް މީޑިއާ ފޭސްބުކް އަދި ފޭސްބުކްގެ ދަށުން ހިންގަމުން އަންނަ އިސްޓަގްރާމް, މެސެންޖާ, އަދި ވަޓްސްއެޕް ޑައުންވީ ހިދުމަތަށް ހެކް ވެގެން ނޫންކަމަށް އެކުންފުނިން ހާމަ ކޮށްފިއެވެ.

ފޭސްބުކް އަށް ވަނުމާއި ނިއުސް ފީޑް ރިފްރެޝް ކުރުމުގައި މައްސަލަތަކެއް ކުރިމަތިވި އިރު މިހާރުވެސް ބައެއް ފަރާތްތަކަށް ދަނީ ފޭސްބުކް ބޭނުން ކުރުމުގައި ދަތިތަކެއް ކުރިމަތިވަމުންނެވެ.

ފޭސްބުކް ކުންފުނިން ބުނި ގޮތުގައި ދިމާވެފައިވާ މައްސަލަ ހައްލު ކުރެވޭނެ އިރެއް އަދި ނޭނގޭ ކަމަށާއި މައްސަލަތަށް ހައްލު ކުރުމަށް މިހާރު ދަނީ މައްސަކަތް ކުރަމުން ކަމަށެވެ.

އިއްޔެ އާއި މިއަދު ފޭސްބުކަށް ލޮގިން ވުމުގައި ބައެއް ދަތިތައް ބައެއް މީހުންނަށް ދިމާވެފައި ވާއިރު އަނެއް ބަޔަކަށް ވަނީ ބައެއް ޕޭޖްތަކާއި، ޕޯސްޓްތައް ހޯދުމަށް ދަތިވެފައެވެ. ފޭސްބުކްގެ މެސެންޖާއިން ބައެއް މީހުންނަށް މެސެޖް ކުރެވުނު ނަމަވެސް ފޮޓޯ ފޮނުވުމުގައި ދަތިތައް ދިމާވެފައި ވެއެވެ.

ފޭސްބުކް ޑައުން ވުމުގެ މައްސަލަ ފަހަކަށް އައިސް ދޭތެރެ ދޭތރެއިން ދިމާވަމުން އަންނަ އިރު ރިޕޯޓްތައް ބުނާ ގޮތުގައި ފޭސްބުކާއި އެހެން އެޕްލިކޭޝަންތައް ބޭނުން ކުރުމުގެ ދަތިތައް ދުނިޔޭގެ ހުރިހާ ސަރަހައްދެއްގެ މީހުންނަށް ވެސް ވަނީ ކުރިމަތިވެފައެވެ.

ފޭސްބުކް ބޭނުން ކުރާއިރު، ފޭސްބުކް އެޕްލިކޭޝަން ބައެއް ފަރާތްތަކަށް ނުހުޅުވޭ ކަމަށް ބައެއް ފަރާތްތަކުން ޓްވިޓަރގައިވަނީ ބުނެފައެވެ.

ފޭސްބުކް, އިސްޓަގްރާމް, މެސެންޖަރ އަދި ވަޓްސްއެޕް ބޭނުން ކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާއިރު މިދިޔަ އަހަރު މެދުތެރޭގައި ފޭސްބުކްގެ 50 މިލިއަނަށް ވުރެ ގިނަ އެކައުންޓަށް ސައިބާ ހަމަލާއެއް ދީފި ކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ.