ދުނިޔޭގެ އެކި ހިސާބުތަކަށް ފޭސްބުކް އާއި މެސެންޖާ ޑައުންވެފައިވާ ކަމަށް ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މިފަދަ ކަންކަން މޮނިޓާކުރާ ވެބްސައިޓެއް ކަމަށްވާ ޑައުން ޑިޓެކްޓާ އިން ބުނި ގޮތުގައި މައްސަލަތަކުގެ ރިޕޯޓްތައް އެންމެ ފުރަތަމަ ފެންމަތިވާން ފެށީ މިރޭ ގާތްގަނޑަކަށް 7:30 ހާއިރު އެވެ.

މިގޮތުން ގިނަ މީހުން ވަނީ މެސެޖު ތައް ނުފޮނުވޭ ކަމަށް ބުނެފައެވެ. އަދި އަނެއް ބަޔަކު އެ މެސެޖްތައް ނުލިބޭ ކަމަށް ރިޕޯޓްކޮށްފައިވާއިރު، ބައެއް މީހުން ބުނަނީ އެޕްލިކޭޝަނަށް ވެސް ނުވަދެވޭ ކަމަށެވެ.

އިނގިރޭސިވިލާތާއި އެމެރިކާ ފަދަ ގައުމުތައް ހިމެނޭހެން އެކަމުގެ އަސަރު ގިނަ ގައުމުތަކަކަށް ކޮށްފައި ވެއެވެ.

ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓާ އިން މި މައްސަލަތައް ދިމާވި ސަބަބެއް އަދި ހާމައެއް ނުކުރެ އެވެ.

ފޭސްބުކް އާއި މެސެންޖާގެ ހިދުމަތް ކެނޑުނީ މިދިޔަ އަހަރުގެ ޖުލައި މަހު ފޭސްބުކް، އިންސްޓަގްރާމް އަދި ފޭސްބުކް މެސެންޖާ އަށް ދެ ގަޑިއިރަށް މެދު ކެނޑުނުތާ ހަ މަހަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.