ޑާކްރެއިން އެންޓަޓެއިންމެންޓުން އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު ރިލީޒްކުރަން ނިންމާފައިވާ ފިލްމު "މާމުއި"ގައި މޯލްޑިވިއަން އައިޑޮލް ސީޒަން ދެއަކުން ވިދާލި ހަމޫދު އަހުމަދު ގެ އެކްޓިން ފެންނާނެ ކަމަށް ހަބަރު ލިބިއްޖެއެވެ.

އެ ފިލްމުގައި އެކްޓް ކުރަން ނިންމާފައިވާ ކަމަށް ހަމޫދު ވެސް މިހާރު މިވަނީ ކަށަވަރުކޮށްދީފައެވެ. އަދި އެ ފުރުސަތު އޭނާ އަށް ދިނީތީ ހަމޫދު ވަނީ ޑާކްރެއިން އަށް ޝުކުރު ވެސް އަދާ ކޮށްފައެވެ.

"މާމުއި"ގެ ކާސްޓުގައި ހަމޫދު ހިމަނާފައިވާ ކަން މިއަދު ޑާކްރެއިން އިން ހާމަކުރި ނަމަވެސް އޭނާ ފެންނާނީ ކޮން ކަހަލަ ރޯލަކުން ކަމެއް އަދި ނޭންގެއެވެ.

ހަމޫދަކީ އަކީ އައިޑޮލް އަށްފަހު ބައެއް ދިވެހި ފިލްމު ތަކަށް ލަވަ ކިޔާދެމުން އަންނަ ފަންނާނެކެވެ. އޭނާ ވަނީ މިދިޔަ އަހަރު ޑާކްރެއިން އިން ރިލީޒްކުރި ލޯބީގެ ފިލްމު "ވަކިން ލޯބިން" ގެ ލަވަ އެއް ވެސް ކިޔާދީފައެވެ.

އޭގެ އިތުރުން އޭނާ ވަނީ ބައެއް ޝޯތަކުގެ އިތުރުން އެކި ކަހަލަ ހަފްލާތަކުގައި ވެސް ޕާފޯމް ކޮށްފައެވެ. އަދި އޭނާގެ އަމިއްލަ ރާގުގެ ލަވަ އަލްބަމެއް ރިލީޒްކުރަން އުޅޭ ކަމުގެ އަޑުތަކެއް ވެސް މީގެ ދުވަސްކޮޅެއް ކުރިން ވަނީ ފެތުރިފައެވެ.

"މާމުއި" އަކީ ބޮޑު ކާސްޓަކާއެކު ހަދާފައިވާ ކޮމެޑީ ފިލްމެކެވެ. އެ ފިލްމުގެ މަންޒަރުތައް ނެގުމުގައި ވެސް ވަރަށް ވަގުތު ހޭދަވި ކަމަށް މީގެ ކުރިން ޑާކްރެއިން އިން ވަނީ މައުލޫމާތު ދީފައެވެ. އަދި އެ މަންޒަރުތައް ފުރިހަމަ ކުރުމަށް ތަރިންގެ ފުރިހަމަ އެއްބާރުލުން ލިބުނު ކަމަށް ވެސް ޑާކްރެއިން އިން ބުންޏެވެ.

ފިލްމީ ދާއިރާގެ ނަން މަޝްހޫރު ތަރިންނާއި މުޅިން އާ ތަރިން ތަކަކާއެކު އަންނަ ޖުލައި މަހު "މާމުއ" ސިނަމާތަކަށް ގެންނަން ނިންމާފައިވާއިރު އެންމެ ފަހުން ޑާކްރެއިން އިން ގެނެސްދިނީ ކްރައިމް ތްރިލާ ފިލްމު "ގޮށްރާޅު" އެވެ.