ކެނެޑާގެ މީހަކު މާގިނައިން ވިޓަމިން ޑީ ބޭނުން ކުރުމުގެ ސަބަބުން ކިޑްނީ ފެއިލް ވެއްޖެއެވެ.

އުމުރުން 54 އަހަރުގެ މިމީހާ ވަނީ ދެ އަހަރު ވަންދެން ހުއްޓާ ނުލާ ވިޓަމިން ޑީގެ ހައި ޑޯޒް ބޭނުން ކޮށްފައެވެ. އާންމުކޮށް ޑޮކްޓަރުން ބޭނުން ކުރަން އިރުޝާދު ދޭ މިންވަރަށް ވުރެން 12 ގުނަ އިތުރަށް އޭނާ ވަނީ ވިޓަމިން ޑީ ބޭނުން ކޮށްފައެވެ.

ޓެސްޓް ތަކުން ދައްކާ ގޮތުގައި އޭނާގެ ހަށިގަނޑުގައި މިހާރު ވަނީ ވިޓަމިން ޑީ އާންމުކޮށް ހުންނަން ނުޖެހޭ މިންވަރަށް ވުރެން އިތުރުވެ ލޭގައި އާދަޔާ ހިލާފަށް ކެލްސިއަމް އުފެދިފައެވެ. އެކަމުގެ ސަބަބުން އޭނާގެ ދެ ކިޑްނީ ވެސް މިހާރު ވަނީ މަސައްކަތް ކުރުން ހުއްޓާލާފައެވެ.

އެންމެ ގިނަ ވެގެން ވެސް ދުވާލެއްގެ މައްޗަށް ނަގަން ޑޮކްޓަރުން އިރުޝާދު ދެއްވަނީ 1000 UI ވިޓަމިން ޑީގެ މިންވަރެވެ. ނަމަވެސް މި މީހާ ވަނީ 12000 UI ގެ މިންވަރު ދުވާލަކަށް ބޭނުން ކޮށްފައެވެ.

ވިޑަމިން ޑީ އަކީ ހަށިގަނޑު ހެދި ބޮޑު ވުމަށް މުހިންމު މާއްދާއެކެވެ. ދަތްތަކާއި، ކަށިތަކުގެ ދުޅަހެޔޮކަމަށް ވިޓަމިން ޑީ ބޭނުންވެއެވެ. ހަމަމިހެން ކެލްސިއަމް ހަށިގަނޑަށް ދެމުމަށް ވެސް އެހީތެރިވެދެއެވެ. ޗީޒް، ޕާންގައި ގިނައަދަދަކަށް ވިޓަމިން ޑީ އެކުލެވެއެވެ.

ވިޓަމިން ޑީ މަދުވުމުން ބްލެޑާގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށް ދިރާސާތަކުން ދައްކާއިރު މީގެ ކުރީގެ ބައެއް ދިރާސާތަކުން ވަނީ ވިޓަމިން ޑީ މަދުވުމާ ހިތުގެ ބަލިތަކާ ގުޅުން ހުރި ކަމަށް ވެސް ދައްކާފަ އެވެ.