ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ކެންސަރަށް މަގުފަހިވެ، ފުއްޕާމޭ ހަލާކުވުމަށް މަގުފަހިވާ ވާހަކަ އަކީ އެއްވެސް މީހަކަށް އައު ވާހަކައަކަށް ނުވާނެއެވެ. އެހެންނަމަވެސް ދުނަފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން އަޑުއިވުމުން މަޙްރޫމް ވެދާނެކަން ދެނަހުރިން ހެއްޔެވެ؟

ދާދިފަހުން ޖަޕާނުގައި ކުރިއަށް ގެންދިޔަ ދީރާސާއެއްގެ ނަތީޖާ ދައްކާގޮތުން، ގިނަގިނައިން ދުންފަތުގެ އިސްތިއުމާލު ކުރާވަރަކަށް، އެފަދަ މީހުންނަށް އަޑުއެހުމާއި އަޑު އިވުމުގެ މައްސަލަތައް ކުރިމަތިވެއެވެ.

"ދުންފަތުގައި ހިމެނޭ ބާވަތެއް ކަމުގައިވާ ނިކޮޓިންގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ބެލެވެނީ" ދިރާސާ ކުރެއްވި ފަރާތްތަކުން ބުނެފައިވެއެވެ.

މި ދިރާސާއިން ހާމަވާ ގޮތުގައި، ދުންފަތުގެ އިސްތިއުމާލް ކުރާ މީހުންނަށް އަޑު އިވުން މަހްރޫމްވުމުގެ 60 އިންސައްތަ ފުރުސަތު ބޮޑެވެ. ވަކިން ހާއްސަކޮށް، ދުވާލެއްގެ މައްޗަށް 11 އާއި 20 ދެމެދުގެ އަދަދެއްގެ ސިނގިރޭޓް ބޯ މީހުންނަށެވެ. އަދި ހަމަ އެހެންމެ، ދުވާލެއްގެ މައްޗަށް 20 ސިނގިރޭޓަށް ވުރެ ގިނައިން ބޯ މީހުންނަށް، އަޑުއިވުމުން މަޙްރޫމް ވުމުގެ 70 އިންސައްތަ ފުރުސަތު އޮވެއެވެ.

ކުރިން ސިނގިރޭޓް ބޮމުން ދިޔަ މީހެއް އެކަން އެއްކޮށް ހުއްޓާލައިފި ނަމަ، ފަސް އަހަރު ދުވަސްތެރޭ މި ފުރުސަތު ކުޑަ ވެގެން ދާނެ ކަމަށްވެސް ދިރާސާ ކުރެއްވި ފަރާތްތަކުން މައުލޫމާތު ދެއްވައެވެ.

"އެއްކޮށް ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރުވާން އުނދަގޫ ނަމަ، އެންމެ ރަނގަޅު ގޮތަކީ މަދުން ބޭނުން ކުރުން. އެކަމަކު އޭރުންވެސް ކުޑަކޮށް ނަމަވެސް މި ކަންތައް ކުރިމަތިވުމުގެ ފުރުސަތު އޮންނާނެ" ދިރާސާ ކުރެއްވި ޓީމުން ބުނެފައިވެއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން، 'ފަލަ' ބަލީގެ މައްސަލަތައް ކުރިމަތިވުމާއި، ބްލަޑް ޕްރެޝާ މައްޗަށް ދިޔުމާއި ހަކުރުބަލި ޖެހުމުގެ ފުރުސަތުވެސް ބޮޑުވެގެންދެއެވެ.