ބާބު -01 ހުވަފެނަކީ ބިލާހެއް ނޫނެވެ.

ފުރަމެންދަމުގެ ވަގުތެވެ. މަގުތަކުން ފެންނަނީ ފަޅުކަމެވެ. ކަނު އަނދިރިކަމެވެ. އުޑު މެދުގައި ރަސްކަން ކުރަމުން ގެންދިޔަ ސާދާވިލޭރޭގެ ފުރިހަމަ ހަނދަށް ވަރުގަދަ ކަޅު ވިލާގަނޑެއްގެ ހިޔަނި އެޅިފައި ހުއްޓެވެ. ރަށުގެ ބޮޑު މަގުގެ މެދުން ހިނގާލައިފައި ދިޔަ މީހަކު އިރުއިރުކޮޅާ އުޑު މައްޗަށް ބަލާލައެވެ. ކަޅު ފޭރާމަކުން ނިވާވެގެން ހުރި އެމީހާގެ އަތުގައި ކުޑަ ފެންފުޅިއެއް އޮތެވެ. އޭނާ ހިނގަމުން ގޮސް ހުއްޓުނީ ރަށުގެ އެންމެ އުތުރުކޮޅުގައި ހުންނަ ބުލްބުލާގޭ ދޮރުމަތީގައެވެ. މަގުގެ ދެފަރާތަށް އަވަސް ނަޒަރެއް ހިންގާލުމަށްފަހު އޭނާ އެގޯތި ތެރެއަށް ދެމިގަތީ އަވިއްސެއް ހެންނެވެ.

އާދައިގެ ގޮތަކަށް ތެޅިގަލުން ރާނާފައިވާ އެގޭގެ ބިއްފަޅީގައި ހުރި ކުޑަދޮރުތައް ކައިރީގައި އޭނާ މަޑުކޮށްލިއެވެ. އެއީ ވިލު ނޫކުލައިގެ ދަވާދުލާފައި ހުރި 3 ދޮރުފަތްލީ އާދައިގެ ކުޑަދޮރުތަކެކެވެ. ގޯތި ތެރޭގައި ގަހާއި ވިނަ ބޯކަމުން ފެންނަނީ ނާމާން ބިރުވެރި ގޮތަކަށެވެ. އެހެނަސް، އޭނާގެ ހަރަކާތްތައް ހުރީ ޖެހިލުންވެ ބިރުގަންނަ ކަހަލަ ގޮތަކަށް ނޫނެވެ. ކުޑަދޮރާ ދިމާ ތިރީގައި ހައްދާފައި ހުރި މިސުރުގަނދަކޯޅި ގަސްތައް އަތުން ހާކޮށް، ދޮރުފަތާ ދިމާއަށް އަރިވެ އޭނާ އެ ދޮރުފަތުގައި ކަންފަތް ޖައްސާލިއެވެ. ގޯތިތެރޭގައި އޭނާ ފިޔަވާ އިތުރު އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. އޭނާގެ މަގްޞަދަކީ ކޮބައި ހެއްޔެވެ؟ މި ދަންވަރު ކަނު އަނދިރީގައި އެހާ ސިއްރިއްޔާތުގައި އެގެއަށް ވަދެ އެގޮތަށް ފާރައަށް ހުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ޔަޤީންވަނީ ހަމަ އެންމެ ކަމެކެވެ. އޭނާ އެގެޔަށް ވަދެ އެހުރީ ރަނގަޅު ނިޔަތެއްގައި ނޫންކަމެވެ. ކުއްލިއަކަށް ގޭތެރެއިން ކުޑަކުއްޖަކު ރޮއެ ގަތް އަޑު އިވުމާއެކު އޭނާއަށް ސިހުމެއް ލިބުނެވެ. އޭނާއަށް ލިބުނު ސިހުމުގައި ކުޑަދޮރާ ދުރަށް ޖެހިލީ ފުން ނޭވާއެއް ބޭރުކޮށްލަމުންނެވެ. އެ މާހައުލުގެ ތެރެއަށް ދެން ފޭދިގެން ދިޔައީ ލުއި ހިނިގަނޑެއްގެ އަޑެވެ.

"ތަޤުދީރުގެ ރޭވުން ވެސް މިރޭ މިއޮތީ އަހަންނާ އެއްކޮޅަށް." އޭނާ އުޑު މައްޗަށް ބަލާލަމުން ހިތާހިތުން ކިޔާލިއެވެ. "މިރޭ ހަނދަށް އެޅިފައި ހުރި ކަޅު ވިލާގަނޑުގެ ހިޔަނި މުސްކާންގެ ދިރިއުޅުމަށް ވެސް އެޅޭނެ! އެ ވިލާގަނޑު އެކަހެރިވެ ހަނދު ސާފުކޮށް ފެންނަން ފަށާއިރު މުސްކާންގެ މުޅި ދިރިއުޅުން އޮންނާނީ ބޮޑު އޮޅުންބޮޅުން ގަނޑަކަށް ވެފައި! 06 މަސް ދުވަހުގެ ދިގު އިންތިޒާރު މިރޭ ނިމުމަކަށް އަންނާނެ."

މުސްކާން އަވަސް އަވަހަށް ތެދުވެގެން އައިސް ކުޑަ އެނދުގައި އޮތް 06 މަހުގެ ޒީކް ނަގައި މައްސަލާ ކުރެވޭތޯ އުޅުނެވެ. މުސްކާންގެ ފިރިމީހާ ޒިޔާދު ވެސް ދެލޯ އުނގުޅަމުން އެނދުން ތެދުވިއެވެ. މުސްކާންގެ ކޮނޑުމަތީގައި ޒީކް ބާއްވާލައިގެން ދެކޮޅަށް ހިނގަން ފެށިއެވެ. މައްސަލާ ކުރެވޭތޯ އެކުއްޖާގެ ބުރިކަށީގައި ފިރުމަމުން ނާނާ ކިޔަމުންނެވެ. އެތައް އިރެއްވީ އިރުވެސް އެމަންޖެ ހުއްޓާލާކަށް ނޫޅުނެވެ. މިރޭ ކުރިމަތިވާން އޮތް ނުރައްކާ އެކުއްޖާފުޅަށް ވެސް ލިސާންވީ ކަހަލައެވެ.

"މަންމަގެ ދަރިފުޅާ! ދޮންދޫނީ! ކިހިނެއްވީ؟ ބިރުވެރި ހުވަފެނެއް ފެނުނީތަ؟ ތަނަކަށް ތަދުވަނީތަ؟" މުސްކާން ކަންބޮޑުވެފައި ހުރެ ކިޔަމުން ދިޔައެވެ. "އަޅޭ! މަންމަގެ ދޮންކަނބުލޯ! ދެން ހުއްޓާލާ!"

ޒީކްގެ މަޑުމަޑު ބޮލުގައި ފިރުމާލަމުން މުސްކާން ވާހަކަ ދައްކަމުން ދިޔައީ ކަންބޮޑުވެ ހިތްދަތިވެފައި ހުރެއެވެ. ޒިޔާދު ވެސް އިނީ ކަންބޮޑުވެފައެވެ. ޒީކް ރޮއެރޮއެ ގޮސް ހިނދޭގޮތް ވާން ފެށުމުން ޒިޔާދަށް ކެތްނުވެގެން އައިސް މުސްކާން އަތުން ޒީކް އަތުލައި އުރާލިއެވެ. އަދި ޒީކްގެ ރަތްވެފައިވާ ކޯތާފަތުގައި ބޮސް ދިނެވެ.

'ބައްޕަގެ ލޯބީ! ކިހިނެއްވީ؟ ދެން ހުއްޓާލާ! ބުއްކޮޅެއް ދޭންވީނު!" ކަންބޮޑުވެފައި ހުރެ މުސްކާނާ ދިމާއަށް ބަލާލަމުން ޒިޔާދު ބުންޏެވެ. "އޭރުންވެސް ވާ އެއްޗެއް އެނގިދާނު!"

"އެކަމު އަދި އޭނަ ބަނޑުހައި ވާހާ އިރެއް ނުވޭނު! ހިނގާބަލަދޯ! އެބަ އަންނަން ގިފިއްޔަށް ވަދެލާފަ!"

ޖަވާބުގައި ޒިޔާދު ބޯޖަހައިލުމުން މުސްކާން ބޭރަށް ނުކުންނަން ހިނގައިގަތީ ހޭވިފައި އޮތް ފަން އިސްތަށިގަނޑުގައި ހުޅިއެއް ޖަހަމުންނެވެ. ގެއާ ވަކިން ހުރި ގިފިލީގެ ދޮރާ ހަމައަށް މުސްކާނަށް ދެވުނުއިރު އޭނާގެ ފަސްފަހަތުން ފާރަލަމުން މީހަކު އައިކަމެއް މުސްކާން ނުދެނަ ހުއްޓެވެ. މުސްކާންގެ ހިޔާލާ ފިކުރު ހުރީ ޒީކަށް ގޮސް ހުސްވެފައެވެ. ގިފިލީގެ ދޮރުފަތް ހުޅުވާ އެތެރެއަށް އެއްފައި އެޅި ވަގުތު މުސްކާންގެ އިސްބޯދަށަށް އެރި ހޫނު ހަމަލާއަކާއެކު އޭނާ ހަބަރު ހުސްވެގެން ހުރި ތަނަން ދެމުނެވެ.

މުސްކާން ދެތުންފަތް ފިއްތާ ބާރުކޮށްލަމުން ދެލޯ ހުޅުވާލިއެވެ. ތުންފަތުގައި ލޮނު ރަހަލާހެން ހީވުމާއެކު މުސްކާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ފުރަތަމަ ވެސް އޭނާގެ ލޮލުގައި އަޅައިގަތީ އުޑު މެދުގައި ހުރި ބޮޑު ހަނދެވެ. ވާނުވާނޭނގި އޮތް މުސްކާންގެ ހުރިހާ ހިއްސުތަކެއް މަސައްކަތް ކުރަން ފެށީ އެހިސާބުންނެވެ. ރާޅުޖަހާ އަޑު ކަންފަތުގައި ޖެހުމާއެކު އޭނާއަށް މި އޮވެވުނީ އަތިރިމަތީގައިކަން ކަށަވަރުކުރެވުނެވެ. އެޔާއެކު ތެޅިގެންފައި މުސްކާނަށް ކޮޅަށް ތެދުވެވުނު ގޮތްވެސް ނޭނގުނެވެ. ހިތުގައި އުފެދިފައިވާ ބިރުވެރިކަމެއްގެ ސަބަބުން އޭނާގެ ބޮލުގައި އަޅަމުން ދިޔަ ވޭން ވެސް އިހްސާސްނުވާ ކަހަލައެވެ. މުސްކާންގެ ލޮލުގައި އަޅައިގަތީ ކުރިމަތީ ފެންނަން ހުރި މީހާއެވެ. ކަޅު ކުލައިގެ ފޭރާމަކުން ނިވާވެގެން ހުރި އެމީހާގެ މޫނު ނިވާކޮށްފައި ހުރުމުން، އެއީ ކާކު ކަމެއް ނޭނގުނެވެ. ނަމަވެސް އެމީހާ ލައިގެން ހުރި ހެދުމުން އެއީ އަންހެނެންހެން ހީވިއެވެ.

"ތީ ތީ ކާކު؟" މުސްކާންގެ އަޑުގައި މަޑު ތުރުތުރުލުމެއް ހުއްޓެވެ. "މަ މިތަނަށް ތި ގެނައީ ކީއްކުރަން؟"

ހާސްވެ ފެންކަޅިވެފައި ހުރި މުސްކާން ކޮޅުކޮޅުމަތި ބަލާލިއެވެ. މުސްކާންގެ ސުވާލުތަކަށް އެމީހާ ދިނީ ބީރު ކަންފަތެކެވެ. އޭނާ މުސްކާންއާ ކައިރިއަށް ފިޔަވަޅެއް އަޅާލިއެވެ. މުސްކާނަށް ފަހަތަށް ޖެހިލެވުނުއިރު ސިކުނޑިން ނުރައްކަލުގެ އިންޒާރުތަކެއް ދޭން ފަށައިފިއެވެ. އޭނާ ވާހަކައެއް ނުދައްކައެވެ. މުސްކާން ދުއްވައިގަންނަން މަސައްކަތް ކުރި ވަގުތު އޭނާ ފިސާރި ހުށިޔާރުކަމާއެކު މުސްކާނުގެ އަތުގެ މުލައްދަނޑީގައި ހިފައި އޮބިއެޅިއެވެ. މުސްކާންގެ ހިތުގައި އުފެދުނު ބިރުވެރިކަން ބޮޑުވެ ތެޅިފޮޅި ގަތެވެ. ހަޅޭއްލެވިއެވެ. ނަމަވެސް އެއަޑުތައް ފަޒާގެތެރެއަށް އޮބިގެން ދިޔައީ އެހެން އެއްވެސް އިންސާނެއްގެ ކަންފަތާ ހަމައަށް ވާސިލުވުމެއް ނެތިއެވެ.

"މައިތިރިވޭ!" އިވިގެންދިޔައީ މުސްކާން ދަންނަ އަޑަކަށްވުމުން މަޑު ޖެހިލެވުނެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލި ވަގުތު އެމީހާގެ އަތުގައި ހުރި ބާރެއްލައި މުސްކާންގެ ކަންކަށި މަތީގައި ޖެހިއެވެ. މުސްކާންގެ ބޮލަށް އެރި އެނބުރުންގަނޑާއެކު ގުޅައަކަށް ވެލިގަނޑު މައްޗަށް ޖެހުނެވެ. އެ މީހާގެ ހަރަކާތް އަވަސްވީ ދެނެވެ. ކަޅު ފޭރާން ތެރޭ ނިވާކޮށްފައި އޮތް ކުޑަ ފެންފުޅި ނަގާ އޭގައި ހުރި ފެން މުސްކާންގެ މޫނަން އޭނާ އަޅަން ފެށީ އަރަބި ބަހުން ކިޔެވެލި ތަކެއް ކިޔަވަމުންނެވެ.

މުސްކާންގެ މޫނުމަތިން ނަގަންފެށީ ޒަވި ދިލައެވެ. މޫނު މަތީގައި ދެއަތުން ތަޅަމުން އޭނާއަށް ރޮއެ ގަނެވުނެވެ. މަންމައާއި ބައްޕައަށް ގޮވަމުން ހޭރިގަތެވެ. އޭރު މުސްކާންގެ މޫނުގެ ހަންގަނޑުން ނޫކުލައިގެ ވިދުމެއް ފާޅުވަމުން ދިޔައެވެ. މޫނުމަތީ ވިދަމުން ދިޔައީ ކުދިކުދި ވެލިފުށްތަކެއްހެން ހުރި ރެދަން ތަކެކެވެ. މުސްކާންގެ މުޅި ހަށިގަނޑަށް އެ ރެދަންތައް ފެތުރިގަތުމާއެކު އޭނާ ލައިގެން ހުރި ހެދުމުގައި ނޫކުލައިގެ އަލިފާން ގަނޑެއް ރޯވިއެވެ. އިސާހިތަކު އެ އަލިފާނުގެ ނޫ އަލިން މުޅި ހިސާބު ދިއްލިގެން ދިޔައެވެ. މަންޒަރު ބަލަން ގަބުކައިފައި ހުރި މީހާއަށް ހޭވެރިކަމެއް ވީ އެ ހިސާބުންނެވެ. އޭނާ ތެޅިގެންފައި ފަހަތަށް ފިޔަވަޅެއް އަޅާލިއިރު އަތުގައި އޮތް ފުޅި ވެލިގަނޑު މައްޗަށް ވެއްޓި ޖެހިއްޖެއެވެ. ދުމެއް ނެތް އެ ކުޑަ އަލިފާންގަނޑުގެ ތެރެއިން މުސްކާންގެ ސިފައަށް އަންނަމުން ދިޔަ ބަދަލުފެނި އޭނާ ހަޅޭއްލަވަމުން ދުއްވައިގަތެވެ. ބުޅާބުޑުގައި އުނބުން ޖެހުމުން ދުވެ ރައްކާވާ އުސޫލުންނެވެ.

**18 އަހަރު ފަސް**

ވިއްސާރަ ރެއެކެވެ. ވައިގަދައެވެ. ޖެހެމުންދިޔަ ބާރު ރޯޅިތައް ގަސްތަކާއި ސަމާސާކުރަމުން ދިޔައިރު މުޅި ހިސާބުގައި އުފެދެމުން ދިޔައީ ނާމާން މިޔުޒިކީ އަޑެކެވެ. އެއަޑާ އެކުވެގެން ގޮނޑުދޮށަށް ބީއްސަމުންދިޔަ ރާޅުގެ މަޑު މިޔުޒިކެއްގެ އަޑުވެސް އިވެމުން ދިޔައެވެ. ޒީކް ހުރީ ރަށު ބޮޑުމަގު ކޮޅުގައެވެ. ދެއަތް އުރާލައިގެން ކުރިމަތިން ފެންނަން އޮތް މޫދަށް ނަޒަރު ސީދާކޮށްލައިގެންނެވެ. މޫދުގެ ލޮނުގަނޑަށް އެރި ކުއްލި ލޮޅުމަކާއެކު ލޮނުގަނޑު ތެރެއިން ހިރެމުންހިރެމުން ކަހަލަ ގޮތަކަށް އަރައިގެން އަންނަ މީހާ ފެނިފައި ޒީކަށް ދެލޯ ބޮޑުކޮށްލެވުނެވެ. ސިހިފައި ފަރާތްފަރާތަށް ބަލާލެވުނެވެ. އެ ބަލާލުމުގައި ހުރި ކަންބޮޑުވުމާއި ހާސްކަން ދޭހަކޮށް ދިނީ އެންމެ ކަމެކެވެ. އެއީ އެތަނަށް އާދެވުނު ގޮތް ޚުދު ޒީކަށް ވެސް ނޭނގޭކަމެވެ. ލޮނުގަނޑު ތެރެއިން އެއްގަމަށް އަރައިގެން އައި މީހާގެ މިސްރާބު ހުރީ ޒީކްއާ ދިމާއަށެވެ. އަނދިރިކަމުން އެމީހާ ފެންނަނީ ކަޅު އަނދިރިގަނޑެއްގެ ސިފައިގައެވެ. ޒީކް ދެފަޔަށް ލެވުނުހާ ބާރެއްލާފައި ދުއްވައިގަތެވެ. ކަނު އަނދިރީގެ ތެރެއިން އޭނާގެ ތެޅެމުންދިޔަ ހިތް ހަމައަކަށް އަޅުވަމުން ދުވަމުން ދިޔައިރު އެއްޗެއްގައި ލައިގަނެދާނެ ކަމަކަށް އޭނާ ބިރެއް ނުގަނެއެވެ. އެއަށް ވުރެން ބޮޑަށް އޭނާގެ ފަހަތުން އަޅުވާލި މީހާގެ ކިބައިން މިންޖުވާން އޭނާ ހުރީ ބޭނުންވެފައެވެ. ކުއްލިއަކަށް ވިދާލިވިދުވަރާއެކު މުޅިތަން އަލިވެގެން ދިޔައެވެ. ކުރިމަތީގައި ހުދު ހެދުމުގައި ހުރި މުސްކާން ފެނުނު ވަގުތު އޭނާގެ ދެފައި ބިންމަތީގައި ތަތްލިކަހަލައެވެ. އެ އަނދިރިކަމުގެ ތެރެއިން ނޫރާނީ އައްޔެއް ފާޅުވިކަހަލައެވެ.

"މަންމާ!" ޒީކް ދުވެފައި ގޮސް މުސްކާންގެ ގައިގާ އޮޅުލައިގަތެވެ.

"ދަރިފުޅާ! ވަގުތު ވަރަށް ކުޑަތަން ވެއްޖެ!" ޒީކް ހަށިގަނޑާ ދުރުކޮށްލަމުން މުސްކާން ބުންޏެވެ. "ބައްޕައަކީ ކުށްވެރިއެއްނޫން. ބައްޕައަށް ނަފުރަތު ނުކުރޭ. ބައްޕައާ ބައްދަ..."

މުސްކާނަށް ބުނެވުނީ އެހިސާބަށެވެ. ކުއްލިއަކަށް މުސްކާންގެ ހަށިގަނޑުގައި ނޫކުލައިގެ އަލިފާންގަނޑެއް ރޯވާންފެށިއެވެ. ފެޓްރޯލްގައި އަލިފާން ހިފާ ޒާތަށް ހަލުވިކަމާއެކުއެވެ. ޒީކަށް ފަހަތަށް ޖެހިލެވުނީ ރޮމުން ހަޅޭއްލަވަމުންނެވެ. މުޅި ހިސާބަށް އެނޫ ކުލައިގެ އަލި ފެތުރިގެން ދިޔައިރު ޒީކްގެ ދެލޯ ހުރީ މުދުނުގައެވެ. އިސާހިތަކު އެ އަލި ފަނޑުވެ އަނދައަނދާ ހުރި މުސްކާންގެ ހަށިގަނޑު ބިމަށް ތިރިވާން ފެށިއެވެ. އެވަގުތު މުސްކާންގެ ފަހަތުގައި ކަޅު ފޭރާމެއްގައި ހުރި މީހަކު ޒީކަށް ހާސާ ވެގެން ދިޔައެވެ. ހިނދުކޮޅަކަށްފަހު އެމީހާ ފަހަތަށް ޖެހެމުންޖެހެމުން ގޮސް އެ އަނދިރީގެ ތެރެއަށް ޣައިބުވެއްޖެއެވެ.

ޒީކަށް ދެން ބަލާލެވުނީ އަނދަމުން ދިޔަ އޭނާގެ މަންމަގެ ހަށިގަނޑާ ދިމާއަށެވެ. ރޯމަހެއް މަރަށް ތެޅޭހެން އަތްއަތަށް ލެނބެމުން ކުރުގެޅެމުން މުސްކާން ރޮއެ ހޭރެމުން ދިޔައިރު ޒީކް ހުރީ ހަމަ ރަނގަޅަށްވެސް ހަދާނެ ގޮތް ހުސްވެފައެވެ.

"ދަރިފުޅާ! ބައްޕައާ ބައްދަލު ކުރޭ!" މުސްކާންގެ ވޭނީ އަޑު މުޅި ތަނަށް ފެތުރިގެން ދިޔައެވެ. އެޔާއެކު މުޅި ތަނަށް އަނދިރިކަން ވެރިވެގެން ދިޔައެވެ.

ޒީކަށް ސިހިފައި ހޭލެވުނެވެ. ކޮޓަރިތެރެ އަނދިރިކަމުން ޒީކް އިތުރަށް ބިރުގަތެވެ. އެނދުކޮޅުގައި ހުރި ސުވިޗުބޯޑުގައި އަތް ޖައްސައިލަން ދިމާކުރި ވަގުތު ކޮޓަރީ ދޮރު ހުޅުވުނު އަޑު އިވުމާއެކު އިތުރު ސިހުމެއް ލިބުނެވެ. ހަޅޭއްލަވައިގަނެވުނެވެ.

"މާތް ކަލާކޯ! މީ މަށޭ!" މޯނާގެ ވަރުގަދަ އަޑުއިވުނެވެ. "ބަލަ ކަލޭ ނޫނަސް މިގޭގަ މީހުން އެބައުޅޭ! ކޮންމެ ރެޔަކު ދަންވަރު ކޮންހާ ހަޅޭކެއްތަ ތިލަވަނީ! މީނައަކާ ހުރެ އެހެން މީހަކަށް ލޮލުފިޔައެއް ޖޭހޭ ވަރެއް ނޫނޭ! މި ދެން ކިހާ ބޮޑު ދުއްޕާނެއް!"

ޒީކް ހަމައަކަށް އެޅިލަމުން މަޢާފަށް އެދުނެވެ. މޯނާ މޫނު ކުނިކޮށްލާފައި އަތުގައި ހުރި ވަރެއްލާ ދޮރުފަތް ޖަހާފައި ނުކުމެގެން ދިޔައީއެވެ. އެއީ މޯނާގެ އާދައެވެ. ޒީކް އެގެޔަށް އައި ދުވަހުން ފެށިގެން މޯނާގެ ފުސްމޫނު ނޫން އެހެން މޫނެއް ޒީކަށް ފެނިފައެއް ނުވެއެވެ. ހިތްހެޔޮކަމާއި އޯގާތެރިކަމަކީ މޯނާ ދަންނަކަންކަމެއް ނޫނެވެ. ސަބަބެއް ބުނަން ނޭނގުނު ނަމަވެސް ޒީކްދެކެ މޯނާ ރުޅި އަންނަކަމާއި ނަފްރަތުކުރާކަން ޒީކަށް އެނގެއެވެ.

ނިތްކުރިމަތީގައި އަތް ބާއްވައިލަމުން ޒީކް އެނދުގައި އޮށޯވެލިއެވެ. ފެނުނު ހުވަފެނާމެދު ވިސްނައިލީ ދެނެވެ. އެހެނިހެން ރޭތަކާއި ޚިލާފަށް މިރޭ ފެނުނީ ތަފާތު ހުވަފެނެއްކަން އޭނާގެ ހަނދާނުގައި ހުއްޓެވެ. ސިކުނޑިއަށް ވާންކޮށްލުމުން ހުވަފެނުގެ އެކިއެކި ބައިތައް ހަނދާނަށް އަންނަން ފެށިއެވެ. މަންމަގެ ފަހަތުގައި ހުރި މީހާއެވެ. މަންމަގެ ހަށިގަނޑަށް ވީ ގޮތެވެ. ހަންގަނޑު ނޫކުލައަށް ބަދަލުވެގެން ދިޔަ ގޮތެވެ. މަންމައަށް އެވީ ކިހިނެއް ހެއްޔެވެ؟ ކޮންމެ ރެޔަކު ހުވަފެނުގައި ފެންނަމުން މިދަނީ ކޮންކަހަލަ މަންޒަރުތަކެއް ހެއްޔެވެ؟ އެ ހުވަފެން އެގޮތަށް ފެނުމުގެ މުރާދަކީ ކޮބައި ހެއްޔެވެ؟ އެއީ މަންމަ ގެއްލުނު ރޭ ކަންތައް ހިނގައި ދިޔަ ގޮތާއި ގުޅުންހުރި ހުވަފެނެއް ހެއްޔެވެ؟ ޒީކްގެ ސިކުނޑީގައި ފުނިޖެހެމުން ދިޔައީ ޖަވާބު ނުލިބޭ އެތަކެއް ސުވާލުތަކެކެވެ. އުމުރުން 18 އަހަރުވެގެން ދިޔައިރު ޒީކަށް އޭނާގެ މަންމަ ފެނުމުގެ ނަސީބު ލިބިފައި ނުވިނަމަވެސް، އެ ހުވަފެންތަކުގައި ފެންނަނީ މަންމަކަމާމެދު ކުޑަވެސް ޝައްކެއްނެތެވެ.

ފަތިސް ނަމާދުކޮށްލައިގެން ޒީކް ކޮޓަރިން ނުކުތީ ސައި ހެދުމުގެ ނިޔަތުގައެވެ. ބަދިގެ ފަރާތަށް ގޮސް ހެނދުނުގެ ނާސްތާ ތައްޔާރުކޮށް ނިންމާލިތަނުން ރުހާމް ތިރިއަށް އަޔެވެ. މޯނާގެ ފިރިމީހާ ރުހާމްއަކީ އުމުރުން 38 އަހަރުގެ މެދު އުމުރުގެ ޒުވާނެކެވެ. 04 އަހަރުގެ ކުއްޖެއްގެ ޒިންމާދާރު ބައްޕައެކެވެ. ޑޮކްޓަރެކެވެ. އާންމުކޮށް އެ އުމުރުގެ މީހުން ހުންނަ ސިނގު ބަނޑެއް އޭނާގެ ނެތެވެ. ހަމުގެ ކުލަ އައްޔެވެ. ހަށިގަނޑު ބިޔަވެފައި ވަރުގަދަކަމުން ފިރިހެންވަންތައެވެ. ތުނިކޮށް ކޮށާފައިވާ އިސްތަށިގަނޑާއި ތުނި ތުނބުޅިއާއި މަތިމަހުން ރުހާމް ފެންނަނީ އުމުރަށް ވުރެން ޅަ ކޮށެވެ. ބަލާ ބެލުމަށް 30 އަހަރުގެ ޒުވާނެއްހެން ވެސް ހީވެއެވެ. ޓީވީ ރިމޯޓު ނަގަމުން ރުހާމް ސޯފާގައި އިށީނެވެ. ކުރިމަތީގައި ހުރި ބިއްލޫރި މޭޒު މައްޗަށް ދެފައި އަރުވާލިއެވެ. އެވަގުތު ބަދިގެއިން ނުކުމެގެން އައި ޒީކް ރުހާމްގެ ލޮލުގައި އަޅައިގަތެވެ. ދެމީހުން ދެމީހުންނަށް ބަލާލާފައި ހިނިތުންވެލިއެވެ.

"ކޮފީއެއް ހަދައިދެންތަ؟" ޒީކް އެހިއެވެ. ރުހާމް ޖަވާބެއް ނުދިނެވެ. ޒީކްގެ ނޫކުލައިގެ ދެލޮލަށް ގެއްލިފައި އޭނާއަށް އިނދެވުނީއެވެ.

"ހާމްބޭ!" ޒީކް ގޮވައިލިއެވެ. ރުހާމް ކުޑަކޮށް ސިހުނެވެ. އެ މޫނުން ލަދުވެތިކަމެއް ފާޅުވިއެވެ.

"ކޮފީއެއް ބޭނުންހޭ؟" ޒީކް ސުވާލު ތަކުރާރުކޮށްލިއިރު ރުހާމަށް ވީ ގޮތް ފާހަގަކުރެވުނު ހެނެއް ހިޔެއް ނުވެއެވެ.

"ކަޅެއް އިނގޭ! މިއުޅެނީ ކުޑަކޮށް ބޮލުގަ ރިއްސާތީ." އަވަހަށް ޖަވާބުދީފައި ރުހާމްގެ ނަޒަރު ޓީވީއަށް ބަދަލުކޮށްލިއެވެ.

ޒީކް ވަނީ ބަދިގެއަށެވެ. ރުހާމް ވަށްކަޅިން ބެލިއެވެ. ރީތި އެއްޗެއްސަށް ބެލުމާއި އެފަދަ ތަކެއްޗަށް ލޯބިކުރުމަކީ އިންސާނީ ފިޠުރަތެވެ. ޒީކް ފެންނަ ކޮންމެ ފަހަރަކު ރުހާމްގެ ހަނދާނަށް އަންނަނީ މުސްކާނެވެ. އޭނާގެ ފުރަތަމަ ލޯތްބެވެ. ޒީކް ފެންނަ ކޮންމެ ފަހަރަކު ރުހާމްގެ ހިތުގައި މުސްކާނަށްޓަކައި ޖެހި ވިންދު އާލާވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ޒީކަށް ލިބިފައިވަނީ މުސްކާންގެ ދެލޮލެވެ. ނޫކުލައިގެ އެ މައުނަވީ ކަޅިއެވެ. ބަނިޔާދަން ހަށިގަނޑެވެ. އެ ރަންކުލައިގެ ވިދުމެއް ހުންނަ ފަން އިސްތަށިގަނޑެވެ. ކޮނޑާހަމައަށް ކޮށާފައި އޮންނަ ޒީކްގެ އިސްތަށިގަނޑުގައި ވެސް އެ ވިދުން ހުރެއެވެ. އެދެމައިންގެ ހަމައެކަނި ތަފާތަކީ ހަމުގެ ކުލައެވެ. މުސްކާނަކީ ދޮން މީހެކެވެ. ޒީކަށް ލިބިފައިވަނީ އޮޅަލި ކުލައެކެވެ. އޭނާގެ ބައްޕަ ޒިޔާދުގެ ކުލައެވެ.

ހެނދުނުގެ ނާސްތާ ތައްޔާރުކޮށް ގޭތެރެ ފޮޅާ އަވަދިވީއިރު ޒީކް ޔުނިވަރސިޓީއަށް ދާންޖެހޭ ގަޑި ވަނީ ކުޑަތަންވެފައެވެ. ކޮޓަރިއަށް ވަދެ ތުވާލި ހިފައިގެން ފާހާނާއަށް ވަންނަން އުޅެނިކޮށް މީހަކު ދޮރުގައި ޓަކި ދިން އަޑު އިވުނެވެ. ދޮރު ހުޅުވާލި އިރު ރުހާމެވެ. އޭނާގެ އަތްދަނޑި މަތީގައި ގަމީހަކާއި ފަޓުލޫނެއް އޮތެވެ.

"ޒީ ގަޑި ޖެހެނީތަ؟" ރުހާމް އެހިއެވެ.

"ނޫން ތި އިސްތިރިކޮށްލާނެހާ ވަގުތު އަދި އެބައޮތް! ގެނޭ!" ރުހާމް އަތުން ގަމީހާއި ފަޓުލޫން އަތުލުމަށްފަހު ޒީކް އަވަހަށް ދޮރުލައްޕާލިއެވެ.

"އިނދެގެން އުޅޭ މިހާއަށް މިވަރުވެސް ކޮށްލަ ނުދެވޭ! ކަންނެތްކަމުން ފުޅަ އަޅާފަ! ޔަޤީނޭ އަދި މިއަދު އޮތްތަނުން ހިއްލާވެސް ނުލަނީކަން!" ގަޑިއަށް ބަލާލަމުން ޒީކް ހިތާހިތުން ކުދިކިޔާލިއެވެ. އިސްތިރިކޮށް ފެންވަރާ ތައްޔާރުވެލައިގެން ބޭރަށް ނުކުމެވުނު އިރު ގަޑިން އަށެށް ޖަހައިފިއެވެ. އޭރު އޭނާގެ އިންތިޒާރުގައި އޭނާގެ އެންމެ ގާތް އެކުވެރިޔާ ގަޑި ގުނާލަގުނާލަ ހުއްޓެވެ.

"ސާބަހޭ! މިހާރު މިތާ ހުރެހުރެ ބިމަށް މޫލައިފި." ޒީކް ފެނުމާއެކު އަޝްވާ ޝަކުވާކޮށްލިއެވެ.

"ކީއްކުރާނީ! މީސްމީހުންގެ ތައްޕާހުގައި އުޅެވޭނީ ގުލާނުވެސް ކޮށްދީގެނެއްނު!" ހިތި ގޮތަކަށް ޒީކް ހިނިތުންވެލިއެވެ. "އަހަންނަކީ އަޅާލާނެ އެއްވެސް މީހެއް ހުރި މީހެއްނޫންވީމަ ކިޔަވާ ނިމެންދެން މިހެން އުޅެން މަޖުބޫރު."

"ހޫމް. ދެން ދެރަނިކަމެތި ޑްރާމާ ކުޅޭނެކަމެއްނެތް. ހާދަވަރަކަށް ގުޅައިފީމޭ! ފޯނުވެސް ނުގެންގުޅެނީތަ؟" ޒީކްގެ ޠަބީޢަތަށް ބަދަލު އައުމުން އަޝްވާ މަޢުޟޫ ބަދަލުކޮށްލިއެވެ.

ޒީކަށް އާދެވުނީ ބަދިގޭގައި ފޯނު ބާއްވާފައިކަން ހަނދާންވީ ދެނެވެ. އޭނާ ވަރަށް އަވަހަށް އަންނާނެކަމަށް ބުނެފައި ގޭޓު ހުޅުވާލައިފައި އެތެރެއަށް ވަނެވެ. ދިހަ ވަރަކަށް ފޫޓު ދުރުގައި ހުރި ދެބުރި އިމާރާތާ ދިމާއަށް ޒީކް ދިޔައީ ދުވެލާފައެވެ. ގެޔަށް ވަންނަން ދޮރު ހުޅުވާލައިފައި އެތެރެއަށް ވަން ވަގުތު ބޭރަށް ނުކުންނަން އައި ރުހާމްގެ ގައިގައި ލައިގަތެވެ. ފޮތްތައް އަތުން ދޫވެ ޒީކް އަރިއަޅާލައިގެން ދިޔަ ވަގުތު ރުހާމްގެ ދެއަތުގެ ހިމާޔަތް ލިބުނުއިރު، ޒީކަށް އޮވެވުނީ ރުހާމްގެ ގަމީހުގައި ބާރަށް ހިފަހައްޓައި ލައިގެންނެވެ. ސިޑިން ފައިބައިގެން އައި މޯނާއަށް އެމަންޒަރު ފެނި ހުއްޓުން އެރިއެވެ.

"ސޮރީ!" ޒީކް ދުރަށް ޖެހިލައިފައި މާފަށް އެދުނެވެ. ރުހާމް ފޮތްތައް ނަގައި ޒީކްގެ އަތަށް ދިއްކޮށްލުމުން ފޮތްތައް ހިފައިގެން ޒީކް ހިނގައިގަންނަން އުޅުމާއެކު ޒީކްގެ އަތުގައި ރުހާމް ހިފެހެއްޓިއެވެ. ޒީކް އެނބުރިލާފައި ރުހާމަށް ބަލައިލީ އޭނާގެ އަތަށް ބަލާލުމަށްފަހުއެވެ. ރުހާމް ދިއްކޮށްލީ ޒީކްގެ ފޯނެވެ.

"ޒީގެ ފޯނު ބަދިގޭގައި އޮއްވާ ފެނިގެން އެ ދޭންވެގެން މި ނުކުންނަނީ." ރުހާމް ބުނެލިއެވެ.

"ތޭންކްސް." ޒީކް ހިނިތުންވެލާފައި ނުކުމެގެން ދިޔައީއެވެ. ރުހާމް ހުރި ފިޔަވަޅު މަތީ ހުއްޓިލައިގެން ހުއްޓެވެ. ޒީކް ލޯމަތިން ގެއްލެންދެން އެގޮތުގައި އޭނާ ހުއްޓެވެ. އޭނާގެ ބަސްނާހާ ހިތަށް ވިސްނާ ދީދީ ވަރުބަލިވެއްޖެއެވެ. އޭނާއަކީ މީހެއްގެ ފިރިއެއްކަމާއި ދަރިއެއްގެ ބަފައެއްކަން ހަނދާނުގައި ބެހެއްޓުމަށް ކުރާ މަސައްކަތަށް އެދެވޭ ކުރިއެރުމެއް ލިބޭގޮތެއް ނުވެއެވެ. ފާއިތުވަމުންދާ ކޮންމެ ދުވަހަކާއެކު ހިތުގެ ލަގަން އަތުން ދޫވެގެންދާކަމުގެ އިޙްސާސް އެނާއަށް ކުރެވެއެވެ. ޒީކް ފެނުމުން މުސްކާންގެ ހަނދާންތައް އާވަނީ މާ ވަރަށެވެ. ރުހާމް ވިސްނަން ހުރުމަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. ނިތުގައި އަތުގެ އިނގިލިތައް ކާއްތައިލަމުން އެނބުރުނުއިރު މޫނު ޖެހޭ ހިސާބުގައި މޯނާ ހުއްޓެވެ. ރުހާމް ސިހުން ނަމަވެސް އިސާހިތަކު ހަމަޖެހިލިއެވެ.

"ދޮރު ހުޅުވައިގެން ތިހުރީ މީހަކު އަންނަނީތަ؟" ބޭރު ބަލާލަމުން މޯނާ އެހިއެވެ. އޭނާ ބޭނުންވީ ރުހާމްގެ ތެދުވެރިކަން ވަޒަންކުރާށެވެ. ޒީކް އެގެޔަށް އައި ފަހުން ރުހާމަށް ބަދަލުތަކެއް އަންނަމުންދާކަން މޯނާއަށް ވަނީ ފާހަގަކުރެވިފައެވެ. މުސްކާނަކީ ރުހާމަށް ކިހާ ހާއްސަ މީހެއްކަން މޯނާ ދަނެއެވެ. މުސްކާންގެ ސިފަތައް ޒީކަށް ލިބިފައިވުމުން މޯނާ ބިރުގަނެއެވެ. ޒީކް ފެނުނު ފުރަތަމަ ދުވަހުން ފެށިގެން މޯނާގެ ހިތުގައި އުފެދުނު ބިރުވެރިކަން ދުވަހެއް ދުވަހަކަށް ދަނީ ބޮޑު ވަމުންނެވެ. އާންމު ގޮތެއްގައި ޒީލަގަދަ ރުޅިއެއް އަންނަ މޯނާ ވަރަށް ކެތްކުރެއެވެ. ރުހާމްއާ އެ މަޢުޟޫގައި ޒުވާބު ނުކުރަން އަމިއްލަ ނަފުސަށް ވަޢުދެއްވެފައިވާ ކަހަލައެވެ.

"އުހުން! މި ޒީކް ފޯން ބާއްވާފައި ދިޔައީމަ." ރުހާމް ހިނގައިގަތެވެ. ރުހާމް ހަޤީޤަތް ހާމަކުރުމުން އެދެމީހުންގެ ދެމެދުގައި އެއްވެސް ގޯސް ގުޅުމެއް ނެތްކަން މޯނާގެ ހިތަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. އެކަން ކާމިޔާބު ނުވުމުން މޯނާގެ ތަބީޢަތު ގޯސްވިއެވެ. އެވަރުން ވެސް މޯނާ އިޚްތިޔާރުކުރީ ހަމަހިމޭންކަމެވެ.

ވިލިނގިލީ ފެރީ ގިމަތައާ ދިމާއަށް ދަމުން ރޭގައި ފެނުނު ހުވަފެން ވަރަށް ތަފްސީލުކޮށް ޒީކް ކިޔައިދިނެވެ. އަޝްވާ ފަރުވާތެރިކަމާއެކު އެވާހަކަތައް އަޑުއެހިއެވެ.

"ތީ ތެދެއްކަމުގައި ވާނަމަ ޒީ މަންމަ ގެއްލުނުރޭ އެ ހިނގާދިޔަ ހާދިޘާގެ ފަހަތުގައި ހުރީ ބައްޕައެއް ނޫނެއްނު. ކުއްވެރިޔަކީ އެހެން މީހެއްނު." އަޝްވާ ވިސްނަން ހުރެފައި ބުނެލިއެވެ.

"ހުވަފެނަކީ ބިލާހެއް." ހަޤީޤަތް ޤަބޫލުކުރާކަށް ޒީކް ބޭނުމެއް ނުވިއެވެ.

"ޒީކް މަންމަ ބުނަން ބޭނުންވާ އެއްޗެއް ހުވަފެނުގައި ފެންނާނެ ވާހަކަ ހަސަންފުޅު ބުންޏެއްނު." އަޝްވާ ހަނދާންކޮށްދިނެވެ. "ހަސަންފުޅު ބުނި ގޮތަށް 03 ރޭ ނިދުމުގެ ކުރިން އޭނަ ބުނި އެއްޗެހި ކިޔެވީމެއްނު."

ޒީކަށް އަށާރަ އަހަރުވީ ފަހުން ކޮންމެ ރެޔަކު ކަހަލަ ގޮތަކަށް ހުވަފެނުގައި މުސްކާން ފެނެއެވެ. މުސްކާން ހުންނަނީ ހުދު ހެދުމެއްގައެވެ. އަބަދުވެސް މަސައްކަތްކުރަނީ ކޮންމެވެސް ވާހަކަތަކެއް ޒީކަށް ކިޔާދޭށެވެ. ނަމަވެސް އުދުހިފައި އަންނަ ކަޅު ހިޔަންޏެއް އައިސް މަންމަ ޖަހައިގަނެގެން ގެންދާތީ އެކަން ކާމިޔާބު ނުވަނީއެވެ. އެ ހިޔަނި މަންމަ ގެންގޮސް އެއްލާލަނީ ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރެއަށެވެ. އެ ހިސާބުން ޒީކަށް ހޭލެވެނީއެވެ. އެ ހުވަފެން ތަކުރާރުކޮށް ފެންނަން ފެށުމުން ޒީކްގެ ބޮލުގެ ރިހުމަކަށްވިއެވެ. ކޮންމެ ރެޔަކު ތަކުރާރުކޮށް އެއް ހުވަފެނެއް ފެނުން އެއީ އިއްތިފާޤެއް ނޫންކަން ޒީކަށް ވެސް ޤަބޫލުކުރެވުމުން އެ ހުވަފެނުގެ ހަޤީޤަތް ހޯދުމަށް ޙަސަންފުޅު ކައިރިއަށް ޒީކް ދިޔައީ އަޝްވާގެ އެދުމަކަށެވެ. ޙަސަންފުޅަކީ ސިހުރުވެރިއެކެވެ.

"ޒީ. ހަސަންފުޅު ބުނި ގޮތަށް ކަންތައް ކުރީމެއްނު." އަޝްވާ ބޭނުންވީ ޔަޤީންކުރާށެވެ. އަޝްވާއަށް ޒީކް ބަލައިލިއެވެ. އޭރު ފެރީ ގިމަތައާއި ހަމައަށް އާދެވިއްޖެއެވެ.

"އެގޮތަށް ކަންތައް ކުރިން." އަތްދަބަހުން ފެރީ ކާޑު ނަގައި ސެކިއުރިޓީ މީހާއަށް ދައްކާލަމުން ޒީކް ބުންޏެވެ. "އެކަމަކުވެސް. ރަށު މީހުންގެ ވާހަކަތަކާ މަންމަ ހުވަފެނުގައި އެބުނާ ވާހަކައާ ދިމައެއް ނުވޭ. އެހެންނޫނަސް އަހަންނަކަށް ނޭނގެ ކުއްލިއަކަށް މަށަށް ހުވަފެންތަކެއް ފެންނަންޖެހޭ ސަބަބެއް ވެސް. މަންމަ ދުނިޔޭގައި ނެތްއިރު ހުވަފެނެއްގައި އައިސް ބައްޕައަކީ ކުށްވެރިއެއްނޫނޭ ބުނަންވީ މިއަދުތަ؟ އެވެސް 18 އަހަރު ފަހުންތަ؟"

"ތީ ބިލާހަކަށްވުމަށް ވުރެން ގާތީ ހަޤީޤަތަކާ." ޒީކްގެ ފަހަތުން ގިމަތާގެ ތެރެއަށް ވަންނަމުން އަޝްވާ ބުންޏެވެ. "މަށަށް ހީވަނީ އެ ހުވަފެނުގެ ޒަރީއާއިން މަންމަ ޒީކަށް ބުނެދޭން އެއުޅެނީ އެ ބައްޕަގެ އެއްވެސް ކުށެށް ނެތްކަން ހެން."

ފުރަންތައްޔާރުވެފައި އޮތް ފެރީއެއް ނެތުމުން ދެމީހުން ގޮސް ގޮނޑިބަރީގައި އިށީނެވެ.

"އަޝްއަށް ކިހިނެތް އެނގެނީ އެއީ ބައްޕަގެ ކުށެއްނެތްކަން އަހަންނަށް ސާބިތުކޮށްދޭން ބައްޕަ މީހަކު ލައްވާ ކުރުވާކަމެއް ނޫންކަމެއް ވެސް؟" ޒީކްގެ މޫނުމަތިން ފެނުނީ ނަފްރަތުގެ ކުލަވަރެވެ. "ކަންތައްތައް މިވާގޮތުން މިހާރަކަށް އައިސް މަށަށް މި އުނދަގޫތައް މިވަނީ ކޮންމެވެސް ސަބަބަކާ ހުރެ ދޯ؟"

"ނޫން ޒީ! ތިކަން ތިހެން އޮތްނަމަ ހަސަންފުޅަށް ވެސް އެނގުނީސް ދޯ؟ ގައިމު އޭނައަށް އެނގޭނެތާ ޒީއަށް މީހަކު ކަމެއް ކުރަންޏާވެސް! އެކަމު އެކަހަލަ އެއްވެސް އެއްޗެއް އޭނަ ނުބުނޭނު!" އަޝްވާ އެނާއަށް ފެންނަގޮތް ހާމަކުރިއެވެ.

ޒީކް ވެސް ބޭނުންވަނީ އަޝްވާ ބުނިގޮތަށް އެ ހުވަފެން ހަޤީޤަތަކަށް ވާށެވެ. ބައްޕަގެ ކުށެށް ނެތްކަން ޤަބޫލުކުރާށެވެ. ރަށު މީހުންގެ ކުރިމަތީގައާއި ޤާނޫނުގެ ކުރިމަތީގައި ބައްޕަ ވަނީ ކުށްވެރިޔަކަށް ވެފައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. މޫދުގެ ލޮނުގަނޑު ތެރެއަށް މަންމަ ގަންބުވާ ދޫކޮށްލީ ބައްޕައެވެ. ރަށުގެ އެތައް ބަޔަކަށް އެމަންޒަރު ފެނި އެކަމަށް ހެކި ވިއެވެ.

"ދެންވެސް ގޮތްދޫކޮށްފަ ބައްޕައާ ބައްދަލުކުރަން އުޅޭ! ބައްޕަ ކައިރިން އަހާ އޮޅުންފިލުވާ." އަޝްވާ ހިޔާލެއް ދިނެވެ. "މަންމައަށްޓަކައި ނަމަވެސް ޒީ ވާނެ އެއްފަހަރު ނަމަވެސް ބައްޕައާ ބައްދަލުކުރަން."

މޭޒު މަތީގައި އޮތް ރުހާމްގެ ފޯނު "ވައިބުރޭޓް" ވިއެވެ. އިސްކުރީނަށް އަރާފައިވާ ޒީކްގެ ނަން މޯނާގެ ލޮލުގައި އަޅައިގަތެވެ. މެސެޖުގައި އޮތް އެއްޗެއް ކިޔާލުމުގެ ނިޔަތުގައި ބޯ އަރިކޮށްލިތަނުން ރުހާމް ފޯނު ނެގިއެވެ. ރުހާމް ތުންފަތް މަތިން ފާޅުވި މާނަ ފުން ހިނިތުންވުން މޯނާގެ ހިތުވިންދު އަވަސްކުރުވިއެވެ. ރުހާމް މެސެޖު ކިޔާލުމަށްފަހު ހެވިފައިހުރެ ނިކަން އަވަހަށް ދެއަތުގެ އިނގިލިތަކުން މެސެޖެއް ލިޔެލާފައި ފޮނުވާލިއެވެ. އިސްއުފުލާ ބަލާލިއިރު މޯނާ ހުރީ ފާޑަކަށް ބަލަހައްޓައިގެންނެވެ. ޝައްކުގެ ނަޒަރުންނެވެ.

"ޒީކް މެސެޖުކުރީ." މޯނާ ސުވާލު ނުކުރަނީސް ރުހާމް ތަފްސީލު ދިނެވެ. "މާދަމާ ޑިއުޓީއަށް ދާންޖެހޭ ދުވަހެއް ހެއްޔޯ؟"

މޯނާގެ މޫނު އިތުރަށް ބަނަވިއެވެ. ރުހާމް ޑިއުޓީއަށް ދިޔަސް ނުދިޔަސް ޒީކަށް ކޮންކަމެއް ހެއްޔެވެ؟ އެއީ ޒީކް ބަލަންޖެހޭކަމެއް ހެއްޔެވެ؟

"އަދި އެއީ ވެސް އޭނަ ބަލަންޖެހޭ ކަމެއްތަ؟" މޯނާގެ ދުލުކުރިޔާ ހަމައަށް އެ ބަސްތައް ނުގެނެސް ފަރުނުޖެއްސުނެވެ. (ނުނިމޭ)

* ދެވަނަ އެޕިސޯޑަށް އިންތިޒާރު ކޮއްލައްވާ !
* "ޒީރު" ކޮންމެ ދުވަހެއްގައި.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހޮޅިމީހާ

    ކޮބައިބާ މައްސަލާ ކުރުމަކީ؟ އަނެއްކާ، މަސަލަސް ކުރުމޭ ބުނަން އުުޅެފަބާ އެ އޮތީ، ނޫނީ ... ދުވަހަކު އަޑުނާހާ ބަހެއްވީމާ އަހާލެވުނީ.