"ޓިކްޓޮކް" އެޕްލިކޭޝަން މެދުވެރިކޮށް، އަދަބާ ޚިލާފު އަދި އާއްމު އިޖުތިމާޢީ މިންގަނޑާ ޚިލާފު ކަންކަން ކުރުން، އިތުރުވެގެން ގޮސްފައިވާ ކަމަށް ބުނެ އިންޑިއާގެ ބައެއް ސަރަޙައްދުތަކުގައި މި އެޕްލިކޭޝަން މަނާކޮށް، "ބޭން" ކުރުމަށް ނިންމި ނިންމުމާއި ގުޅިގެން އެތައް ބަޔަކު ނުރުހުން ފާޅުކޮށް ދެކޮޅު ހެދިއެވެ. ނަތީޖާއެއްގެ ގޮތުން އެޤައުމުގައި ފަހުން ވަނީ ޝަރުތުތަކަކާއެކު، ޓިކްޓޮކް މަނާކުރުމަށް ނިންމި ނިންމުން ބަދަލުކޮށްފައެވެ.

ޓިކްޓޮކް މަނާކުރި ކުރުން އަނބުރާ ގެންދިއުމުން އެކަމުގެ އުފާ ފާޅުކުރަމުން ގޮސްފައިވާއިރު، އަނެއްކާވެސް މި އެޕްލިކޭޝަންގެ ސަބަބުން މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އިންޑިއާގައި މީގެ ކުރިން ޓިކްޓޮކް ބޭން ކުރުމަށް ނިންމީ، އޭގެ ސަބަބުން ބަރަހަނާ މަންޒަރުތައް އާންމުވާކަމަށް ބުނެ ނަމަވެސް، މިފަހަރު ޖެހުނީ އެފަދަ މައްސަލައެއް ނޫނެވެ. މިހާރު އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ މީހަކު ފުލުހުންގެ ވެހިކަލެއްގެ ތެރޭގައި ޓިކްޓޮކް ވީޑިއޯއެއް ކުޅޭ މަންޒަރެވެ.

"ރިޓާން އޮފް ޓިކްޓޮކް"ގެ ނަމުގައި އިންޑިއާގައި ޓިކްޓޮކްގެ ފޭނުން އުފާފާޅުކުރުމުގެ ބޮޑު ކެމްޕޭނެއް ކުރަމުންދިޔަ މި ދަނޑިވަޅުގައި އާންމުވި އެ ވީޑިއޯގެ ސަބަބުން ގިނަ ބައެއްގެ ނުރުހުން ވަނީ އެކަމަށް އަމާޒުވެގެން ގޮސްފައެވެ. އެގޮތުން އާންމު ފަރުދަކު ސަލާމަތީ ބާރުތަކުން ބޭނުންކުރާ ވެހިކަލެއްގެ ތެރޭގައި ވީޑިއޯއެއް ނަގައި އާންމު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އެފަރާތްތަކުން ބުނެއެވެ.

މަހާރަޝްތްރާގެ ނަގްޕޫރުގައި ރެކޯޑުކޮށްފައިވާ މި ވީޑިއޯއަށް އެތައް ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، އެއް ދުވަސް ތެރޭ މި ވީޑިއޯއަށް ވަނީ 10000 އަށްވުރެ ގިނަ ވިއުސް ލިބިފައެވެ. މި ވީޑިއޯއިން ފެންނަނީ ފިރިހެނަކު ފުލުހުންގެ ވެހިކަލެއްގެ ދޮރު ހުޅުވާފައި އޭގެތެރެއިން ނިކުންނަ މަންޒަރެވެ. އޭގެފަހުން މި ވީޑިއޯއިން ފެންނަނީ ފުލުސް ސްޓޭޝަނެއްގެ އެތެރެ ކަމަށް ބެލެވޭ ތަނެއްގައި ނަގާފައިވާ މަންޒަރެކެވެ.

https://youtu.be/set6cF03S-g

ބައެއް ނޫސްތަކުގައި މިކަމާއި ގުޅިގެން ބުނެފައިވަނީ މި މައްސަލަ މިހާރު އިދާރާތަކުގެ ސަމާލުކަމަށް ވެސް ވަނީ އައިސްފައި ކަމަށެވެ. ނަމަވެސް ރަސްމީ ފަރާތަކުން އަދި މިކަމާއި ބެހޭގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ.