ލޯބިވާ މަންމާއެވެ.

ވަގުތު ފާއިތުވެއްޖެއެވެ. ފަހުފަހަރަކަށް ހިތުގެ އުދާސްތައް ބޭރުކޮށްލަން ގަލަމުގައި މި ހިފީ އަހަރެންގެ ވަގުތު ގާތް ވެއްޖެކަން އެނގިހުރެއެވެ. މަރުވަނީއެވެ. މަންމާއެވެ. އަހަރެން މި ދުނިޔެއާއި މި ވަކިވަނީއެވެ. ހިތުގައި ވަނީ ލައްކައެއްހާ ޝަކުވާއެވެ. އުނގުގުގައި ވަނީ ގުނަނުވާ ލޯތްބެވެ. ލޮލުން މި ފައިބަނީ އިޢުތިރާފްގެ ކަރުނައެވެ. ހިތް ތެޅޭ އަޑު ކަންފަތުގައި ވަނީ ހަރުލާފައެވެ. ސިކުންތު ކަށްޓާއި ވިންދު ވަނީ އެއް ހަމަ ކޮށްފައެވެ. މިއީ ހާދަ ފުން އިހުސާސެކެވެ.

އަހަރެންގެ ދިރިއުޅުމުގެ ފަހު ވަގުތުކޮޅު މި ސިޓީއަށް ހުސްކޮށްލަން ބޭނުންވީ ބައިވަރު ސަބަބުތަކާހުރެއެވެ.
ދުނިޔެއަށް އަހަރެން ގެނައީވެސް ތި މަންމައެވެ. ދުނިޔެއަށް އަހަރެންނަށް ލެވުނު ފުރަތަމަ ނޭވަޔާއެކު ލިބުނީ ނުހައްގުން ލަގަބެކެވެ. އަހަރެންގެ ނަމުގެ ކުރިއަށް "ހަރާން" ލެވުނު ހިސާބުންވެސް ދެން މި ކެހިވެރި މުޖުތަމައުގައި އަހަރެންނަށް މާ ފާގަތި ކުރިމަގެއް ނޯންނާނެކަން ދެނެގަނެވުނު ނަމައެވެ. މަންމަ ކުރި ކުށެއްގެ ސަޒާ ލިބުނީ އަހަރެންނަށެވެ.

އިނގޭ ހެއްޔެވެ؟ އަހަރެން މަންމަ ދެކެ ހާދަ ލޯތްބެއް ވަމެވެ. އެންމެ ތުއްތު އިރުއްސުރެ އެކަނި މާ އެކަނި އަހަރެން އުޅެން ޖެހުނަސް މަންމަގެ އެންމެ ފެނިލުމަކުން އަހަރެންނަށް ހާދަ ހިތްހަމަޖެހުމަށް ލިބެއެވެ. މަންމަ ކުރަމުންދިޔަ މަސައްކަތުގެ ގޮތުން ގިނަ ވަގުތު ބޭރުގައި ހޭދަކުރަން ޖެހޭކަން އަހަރެން ބަލައިގަތީމެވެ. އަހަރެންނަކީ ވަރަށް ވިސްނޭ ކުއްޖެކޭ މަންމަ ކިޔާ ހަނދާން ނުވޭ ހެއްޔެވެ؟ ކިޔަވައިގެން މޮޅު ކުއްޖަކަށް ވާން ބޭނުންވީ އެހެންވެއެވެ. މަންމައަށް މަސައްކަތް ކުރަން ނުޖެހޭނެ މަގެއް ފެނޭތޯއެވެ. އަހަރެންނާއެކު ގިނަ ވަގުތު ހޭދަކުރާނެކަމުގައެވެ. ޅަ ވިސްނުމެކެވެ. ނަމަވެސް ގުޑުވާ ނުލެވުނު އަޒުމެކެވެ. އުމުރުން އެންމެ ދިހަ އަހަރުގައި އަހަރެންގެ އެންމެ އަލި ގަދަ ތަރިއަކީ ތިއީއެވެ.

ތިޔަ ތަރީގެ އަލި ފަނޑުވެގެން ދިޔައީ އަހަރެން ހީވެސް ނުކުރާ ގޮތަކަށެވެ.

އަހަރެންނަކީ ސުވާލުގިނަ ކުއްޖެކެވެ. އަހަރެންގެ އަތަށްވުރެ އަނގަ ހަލުވިއޭ ބުނަމެއްނޫންހެއްޔެވެ؟ މަންމަ ކުރާ މަސައްކަތާމެދު ސުވާލު އުފެދެން ފެށީ ފުރާވަރަށް އެޅުމަށްފަހުއެވެ. ކުލާހުގައި އުޅޭ ކުއްޖަކު އަހަރެންގެ ކަންފަތްބުޑުގައި އިއްވަމުން ދިޔަ ނާނާއަކުންނެވެ. އަހަރެންގެ މަންމަ ކުރާ މަސައްކަތެއް އަހަރެންނަށް ނޭނގި އެހެން ބަޔަކަށް އެނގެންވީ ވަކި ކީއްވެހެއްޔެވެ؟ ފުރަތަމަ ފަހަރަށް މީހަކާ ދިމާލަށް އަހަރެންގެ އަތް އުފުލިގެން ދިޔައީ އެދުވަހުއެވެ. ހަނދާންވޭ ހެއްޔެވެ؟ މަންމަ ކިހާ ސުވާލެއް ކުރިން ހެއްޔެވެ؟ ޖެހީ ކީއްކުރަންތޯ އެހުނު އަދަދެއް ނޭނގެއެވެ. ނަމަވެސް އަހަރެންގެ އަތުގައި ދޭނެ ޖަވާބެއް އެވަގުތު ނެތެވެ. އަހަރެންނަށް އެންމެ ތޭރަ އަހަރެވެ. އަހަރެންގެ މަންމައަކީ ބަޑިއެކޭ ބުނި އަޑު އެ އިވުނީ ފުރަތަމަ ފަހަރަށެވެ.
ބަޑި އަކީ ކޯއްޗެއްހެއްޔެވެ؟ އަހަރެންގެ ޅަ ވިސްނުން މުޅިން ބަނަކޮށްލީ މި ދެއަކުރުގެ ލަފްޒެވެ. އަހަރެން ދަންނަ ބަޑިއަކީ ހަތިޔާރެކެވެ. ހަމަ ގައިމުވެސް އެ ވިޔާނުދާ ކުއްޖާ މަންމައަށް އެ ގޮވީ ހަތިޔާރަކަށް ނޫނެވެ. މިއީ އަހަރެންގެ އެތަކެއް ރެއެއްގެ ނިދި ގެއްލުވާލި ސުވާލުތަކެކެވެ. މި ޚިޔާލުތަކުން ރެކެން ދުވަނިކޮށް ފުރާވަރުގެ ލޮޅުންގަނޑުން އަހަރެންގެ މުޅި ޒަމީރަށް ބަދަލު ގެނުވައިފިއެވެ. މަންމައަށް ނޭނގިދާނެއެވެ. މަންމަ އެހާ ގިނައިން ގެއަކު ނުހުންނަމެއްނޫންހެއްޔެވެ؟

އަހަރެންގެ ހަށިގަނޑަށް އަންނަން ފެށި ބަދަލުތަކާއެކު ފުރާވަރުގެ ފިރިހެންކުދިންގެ ވިސްނުމަށްވެސް ހާދަ ބަދަލެއް އަތުވެއްޖެއެވެ. އެމީހުން މަންމައޭ ކިޔައިގެން ދައްކާ ވާހަކަ އިނގޭނަމަ މަންމަ އަހަރެން ކުލާހަކަށް ނުފޮނުވީހެވެ. އެ ވިހަ ބަސްތަކުން ސަލާމަތް ކުރާކަށް ނޫނެވެ. މަންމަގެ ހަގީގަތް އަހަރެންނަށް ފަޅާއަރާފާނެތީއެވެ. އެގޮތް ކަމަކު ނުދާނެއެވެ. މަންމަ ބޭނުންވީ އަހަރެން އަނދިރީގައި ބަހައްޓާކަށް ނޫންހެއްޔެވެ؟ އެކަން ކިހާ ފަސޭހައިން ހާސިލްވި ހެއްޔެވެ؟ އަހަރެންގެ މައުސޫމު ވިސްނުމަށް މަންމަގެ ރޭވުން ތަންކޮޅެއް ކުރިން ރޭކާލެވުނު ނަމައޭވެސް ހިތަށް އަރައެވެ.

ފަނަރަ އަހަރުގައި އަހަރެން ފުރަތަމަ ފަހަރަށް މަންމައަށް ފާރަލީމެވެ. ސުކޫލަށް ނުގޮސް މަންމަގެ ފަހަތުން ހިނގާފައި ގޮސް ވަން ގެއަކަށް އަހަރެންވެސް ވަނީމެވެ. އެއީ ގެއެއް ހެއްޔެވެ؟ ނޫނީ ހޮހޮޅައެއް ހެއްޔެވެ؟ އަނދިރި ކަމުން އަހަރެންނަކަށް ބުނެދޭކަށް ނޭނގުނެވެ. ދުމާއި، ޖަހާފައިވާ އަޑުގަދަ ލަވައިގެ ތެރެއަށް އަހަރެން ވަދެގެން ދިޔައިރު ހިތް މުޅިން ކުދިކުދި ވި ކަހަލައެވެ. މަންމަ ބުނަމެއްނު ހެއްޔެވެ؟ އަހަރެންނަކީ ވިސްނޭ ކުއްޖެކެވެ. އަހަރެންނަށް ވިސްނިއްޖެއެވެ. މަންޒަރު ފަހުމްވެއްޖެއެވެ. ހިތް ބޭނުންވީ އެތަނުން ނިކުންނާށެވެ. ނަމަވެސް ސިކުނޑި އެކަމާ ދެކޮޅުހެދީއެވެ. ގަބޫލުކުރަން ދަތިވީއެވެ. މި ނިވާކަން ކުޑަ އަންހެންވެރިންގެ މެދުގައި ހަމަ އެހާ ނިވާކަން ކުޑަކޮށް އެ އުޅެނީ އަހަރެން މީގެ ކުރިން ދުށް މަންމައެއް ނޫނެވެ. އެ ދުވަހަކީ މަންމަ އަހަރެންނަށް މަރުވި ދުވަހެވެ.

އަހަރެންނާއި މަންމައާއި ދެމެދު ކުރިން އޮތް ދަގަނޑު ގުޅުން ހީނަރުވެއްޖެކަން އަހަރެންނަށް އެނގެއެވެ. މަންމައަށްވެސް ރޭކާލި ކަހަލައެވެ. މަންމަ އަހަރެންނާއި ވާހަކަ ދައްކަން މަސައްކަތްކުރި ނަމައެވެ. އަހަރެންގެ ހިތުގެ އުދާސްތައް ހިއްސާކޮށްލާނޭ ފުރުސަތެއް ދިންނަމައެވެ. ސުވާލުތައް ބައިވަރެވެ. އެނގެނީ މަދު އެއްޗެކެވެ. އަހަރެން ހުރީ މާޔޫސްވެފައެވެ. ކުލާހުގައި ކިޔައިދޭ އެއްޗެއް ނަގައެއް ނުގަނެވެއެވެ. ގާތް ރަހުމަތްތެރިއަކު ނުހުރެއެވެ. ވާހަކަދައްކާލާނޭ މިތުރެއް، ޔާރެއް ނެތެވެ. މަންމައެއް ހުއްޓަސް ނެތްކަހަލައެވެ.

ފިރިހެނަކަށް އަހަރެން ވިއްކާލަން މަންމައަށް މަޖުބޫރު ކުރުވީ ކާކުހެއްޔެވެ؟ އަހަރެންނަކީ މަންމަ ކުރިމަތީ ޒުވާބުކޮށް އުޅުނު ކުއްޖެއް ނޫނެވެ. ބުނި ގޮތަކަށް ބުނި ކަމެއް ކޮށްދިނީމެވެ. މަންމަގެ ހަގީގަތް އެނގިހުރެ އެކަން ފޮރުވީމެވެ. މޫނުމަތިން ދުވަހަކުވެސް މަންމަ ހިތުގައި ޖެހިދާނޭފަދަ ޖަޒުބާތެއް ފާޅުވިޔަ ނުދެމެވެ. ދެން އަހަރެންނަށް މިފަދަ އަނިޔާއެއް ދޭން ނިންމީ ކީއްވެހެއްޔެވެ؟
މޮޅު ކުއްޖަކަށް ވާން ދުށް ހުވަފެން ކަފުން ކުރިތާ ލައްކަ ދުވަހެއް ވެއްޖެއެވެ. މިހާރު އަހަރެންނަކީ އިންސާނަކަސް އިންސާނެއް ނޫނެވެ. ނިވާކޮށްގެން ހުއްޓަސް، ހާމައަށް ހުންނަ ކަހަލައެވެ. އަހަރެންނަށް އަމާޒުވާ ކޮންމެ ނަޒަރެއް އަހަރެންގެ އިއްފަތަށް ދަހިވެފައިވާ ކަހަލައެވެ. މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހިއްޖެއެވެ. އެކަމުގެ ޝުކުރު އެންމެ ހައްގީ މަންމައަށެވެ.

މިހެން ބަންދު ކޮޓަރިއެއްގައި އޮންނަތާ މަސްދުވަސް ވެއްޖެއެވެ. ކާން ލިބެނީ "މާލިކު" ހިތަށް އެރިއްޔާއެވެ. އަމުދުން ބަލިވާން ފެށިފަހުން އަޅާލުން ކުޑަވެއްޖެއެވެ. އަހަރެންނަށް ޖެހިފައިވާ ބަލި އިނގޭތީ ކައިރިނުވާކަންވެސް އެއީ ހަމަ ނަސީބެވެ. ކޮންމެ ދުވަހެއް ހީވަނީ މަރެއްހެންނެވެ. މަންމަ އޭޝާއި އަރާމުގައި އުޅޭ ފޮޓޯތައް ދޭތެރެ ދޭތެރެއަކުން ދައްކާލައެވެ. އަހަރެންނަށް ބަލަން ހާދަ އުނދަގުލެވެ. މަންމަގެ މޫނުމަތިން ފެންނަ ކޮންމެ ހިނިތުންވުމެއް އަހަރެންގެ ހިތް ފޫއަޅުވާލައެވެ. ހަނދާނެއް ނުވޭހެއްޔެވެ؟ އަހަރެންގެ ނަންވެސް ތިޔަ ދިރިއުޅުމުން ފުހެލީހެއްޔެވެ؟ އެންމެ ދެރަވެގެން އަހަރެންގެ އަގު ބުނެލިނަމައެވެ. 5000 ބާވައެވެ. ނޫނީ 50،000 ހެއްޔެވެ؟ އެވަރު އެނގުން އަހަރެންނަށް ހައްގު ނޫން ހެއްޔެވެ؟

އަހަރެން މި ސިޓީ ލިޔަން ފެށީ މަންމައަށްޓަކައި ހިތް ސާފުކުރާށެވެ. ހިތުގައި ހުރިނަމަ ހުރި ޝަކުވާއެއް ވިއްޔާ ބޭރުކުރާށެވެ. ނަމަވެސް އެކަން ހާސިލްކުރަން މިހާރު ނިކަން ދަތިވެއްޖެއެވެ. ހިތުގައި އަނދަމުން މިދަނީ ހާދަ އަސަރުގަދަ އަލިފާނެކެވެ. ނަމަވެސް މަސައްކަތްކުރާނަމެވެ. އަހަރެންނަށްޓަކައި ކެތްތެރިވާށެވެ. އަހަރެންނަށް ނިމިގޮސް ވެސް އުފަލެއް ނެތެވެ. އުޅެން މި ޖެހުނީ ވަހުޝީ އަޅުވެތިކަމެއްގެ ހާއްޔެއްގައެވެ. މިތާނގައި ގަދަބާރުން އަހަރެން އަތުން ފައިން ނުކުރުވާ ކަމެއް ނެތެވެ. ދެން ހަމައެކަނި އޮތް ތަސައްލީއަކީ ތިޔަ މަންމަގެ ފައިތިލައިގެ ދަށުގައިވާ ސުވަރުގެއެވެ.

މަޢާފަށް އެދެން އަހަރެން ބޭނުމެވެ. ނަމަވެސް އެދެންވީ ކޮންކަމަކަށް ހެއްޔެވެ؟ އަހަރެންގެ ބައްޕަ މަންމައަށް އޮޅުވާލި އޮޅުވާލުމަށްހެއްޔެވެ؟ ނޫނީ، ސަލާމަތުން އޮވެ މި ދުނިޔެއަށް ލީ ނޭވާއަށް ހެއްޔެވެ؟ އަހަރެން ދުނިޔެއަށް ތި ގެނައީ މި ދުނިޔެ ނުފެންނަނީސް އަހަރެން ނެތިކޮށްލަން ހެއްޔެވެ؟ މަންމާއެވެ. މި ސުވާލުތަކުގެ ޖަވާބު ލިބޭނީ ކޮން ދުވަހަކުން ހެއްޔެވެ؟ އަހަރެން ހާދަ އިންތިޒާރެއް ކޮށްފީމެވެ. ހާދަ ރުއިމެއް ރޮއެފީމެވެ. މިހާރު މި ނިމިދަނީ ޝިފާއެއް ނެތް ބައްޔަކުންނެވެ. މިއީ އަހަރެންނަށް ހައްގު ނިމިދިއުމެއް ހެއްޔެވެ؟

މަންމާއެވެ. އަދިވެސް ވަގުތު އެބައޮތެވެ. ތައުބާވާށެވެ. މިފަދަ ވޭނެއް އިހުސާސު ކުރަން ޖެހިއްޖެ ދުވަހަކު މަންމައަށް ވިސްނިދާނެއެވެ. ނަމަވެސް އޭރުން ވަގުތު ފައިތުވެދާނެއެވެ. އަހަރެންގެ އަތުގައި ނެތީ ވަގުތެވެ. އަހަރެން ރޯނެ ރުއިމެއް މިހާރު ރޮއެ ފީމެވެ. ފައިން ވާގި ނެތޭ ވަރަށް ދުޢާވެސް ކޮށްފީމެވެ. ދެން އަހަރެން ބޭނުމީ މަންމަގެ ހިތް ހަލާލެވެ. ތިޔަ ހިތް އަހަރެންނަށްޓަކައިވެސް ސާފުކޮށްދޭށެވެ. އޮޅުމަކުން ނަމަވެސް ގޯހެއް ކުރެވިފައިވާނަމަ އަހަރެންނަށް މަޢާފްކޮށްދޭށެވެ. އަހަރެން ނިމި ދިޔުމުން އަހަރެންގެ މައްޗަށް ދުޢާ ކޮށްދޭށެވެ. މިއީ އަހަރެންގެ ހަމައެކަނި އާދޭހެވެ.

މާޔާ