އިންޑިއާގެ މަޝްހޫރު ޓިކްޓޮކް ސެލެބްރިޓީއެއްގެ ގަޔަށް ބަޑި ޖަހާ އިއްޔެގެ ވަގުތެއްގައި މަރާލައިފިއެވެ.

މޯހިތް މޯރް ނަމަކަށް ކިޔާ އުމުރުން 27 އަހަރުގެ މި ޒުވާނާއަކީ އޭނާގެ އެކްޓް ކުރުމުގެ ހުނަރާއި، ފިޓްނެސްގެ ވީޑީއޯތައް ޓިކްޓޮކްގައި އާއި އިންސްޓަގްރާމް މެދުވެރިކޮށް ދައްކަމުން އަންނަ ޓިކްޓޮކްގައި މަޝްހޫރު މީހެކެވެ އޭނާއަކީ ޖިމް ޓްރެއިނާއެއްކަމަށްވެސް އިންޑިއާގެ ނޫސްތައް ބުނެއެވެ.

އޭނަ މަރާލާފައި ވަނީ ތިން މީހަކު ވެގެން ދިއްލީގައި ހުންނަ ފިހާރައެއްގެ ތެރެއިންނެވެ.

މޯހިތް މަރާލާފައި ވަނީ ރަހުމަތްތެރިއަކާއި ވާހަކަދައްކާލުމަށް އޭނާ ދިރިއުޅެމުންދާ ގެއާއި މާ ދުރުނޫން ހިސާބެއްގައި ހުންނަ ފޮޓޯކޮޕީ ނަގާ ފިހާރައެއްގެ ތެރޭގައި ހުއްޓައެވެ. މޯހިތް އެތާ ހުއްޓާ ހަތިޔާރާއެކު އެ ފިހާރަ ތެރެއަށް ވަން ތިން މީހަކު އޭނާގެ ގަޔާއި ދިމާލަށް 13 ވަޒަން ޖެހިއެވެ. އެއާއި އެކު މޯހިތް ވަގުތުން އެ ފިހާރަ ތެރޭގައި ހުރި ސޯފާއެއްގެމައްޗަށް ވެއްޓުނެވެ.

އޭނާ ވަގުތުން ހޮސްޕިޓަަލަށް ގެންދިޔަ ނަމަވެސް، ހަތް ވަޒަން އޭނާގެ ހަށިގަނޑަށް އަރާ އޭނާ މަރުވެފައިވާކަމަށް އެ ގައުމުގެ ފުލުހުންނާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ވެއެވެ.

ޓިކްޓޮކް އަދި އިންސްޓަގްރާމްގައި 3000 އަށްވުރެ ގިނަ ފޮލޯވާސް ހިމެނޭ މޯހިތް މަރާލި މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖް ފުލުުހުންނަށް ލިބިފައިވާއިރު، އެ މީހުން ހޯދުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ފުލުހުން ބުނީ، އެ މީހުން ހޯދުމުގެ މަސައްކަތުގައި އިންސްޓަގްރާމް އަދި ޓިކްޓޮކްގެ އޭނާގެ ވީޑިއޯތަކަށް ކޮމެންޓްކޮށްފައި ހުރި މީހުންގެ މައުލޫމާތުތަކާއި، އޭނާގެ ކޯލް ރެކޯޑިންގތައް ބަލާ އޭނާގެ މަރާއި ގުޅުން ހުރި އެއްވެސް އެއްޗެއް ފެނޭތޯ ބަލާނެ ކަމަށެވެ.