ޣައިބުގައިވާ ކަންތައްތަކަކީ އަހަރެމެން މުސްލިމުން ޤަބޫލުކުރަމުން އަންނަ ކަންކަމެވެ. މުސްލިމަކަށް ވުމަށްޓަކައި ވެސް ޣައިބުގައިވާ ކަންކަން ހިތުގެ އަޑިން ތެދުކޮށް ޤަބޫލުކުރަންޖެހެއެވެ. އެއީ އަޅުގަނޑުމެންގެ އީމާންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ވެސް މެއެވެ. ސުވަރުގެ އާއި ނަރަކަ އަހަރެމެންގެ ލޮލަކަށް ނުފެނެއެވެ. ނަމަވެސް ޤުރުޢާނާއި ރަސޫލާގެ ޙަދީޘްގައި މިތަންތަނުގެ ވާހަކަ އައިސްފައިވާތީ އަހަރެމެން ސުވަރުގެ އާއި ނަރަކަ ވާކަމަށް ޤަބޫލުކުރަމެވެ. އަހަރެމެންނަށް، އަހަރެމެން ހެއްދެވި ފަރާތެއް ނުފެނެއެވެ. ނަމަވެސް ކޮންމެ ދިރުމެއްގެ ފެށުން ވާ ހިސާބުން ކޮންމެވެސް ބާރެއް ނުވަތަ ކޮންމެވެސް ފަރާތެއް ވާކަން އަހަރެމެންގެ ބުއްދިއަށް ޤަބޫލުކުރެވެއެވެ. އެކަން އިތުރަށް ޔަޤީންވެގެން ދަނީ ކީރިތި ޤުރުއާނާއި، ރަސޫލާގެ ހަދީޘުންނެވެ. މީގެ އިތުރުން ކީރިތި ޤުރުއާނާއި ރަސޫލާގެ ހަދީޘުން ޖިންނި ޝައިތާނުންނަކީ ވެސް އަހަރެމެންނެކޭ އެއްފަދައިން އުޅޭ އެއްޗެއްކަން އަހަރެމެންނަށް އެނގިގެންދެއެވެ.

ޖިންނި ޝައިތާނުންނަކީ ވެސް ޤަބީލާތަކަށާއި ދީންތަކަކަށް ބައިތަކަކަށް ނިސްބަތް ވެގެންވާ ބައެއްކަން، އެއާ އެއްފަދަ އެހެން އެއްވެސް ފޮތެއް ނުވާ ޤުރުއާނާއި، ކީރިތި ރަސޫލާގެ ހަދީޘްތަކުން ވަނީ ބަޔާންކޮށްދީފައެވެ. ޖިންނީންގެ ތެރޭގައި، ޢާމިރު ޖިންނިއާއި، ޤަރީނު ޖިންނިއާއި، މާރިދު ޖިންނިއާއި، ޢިފުރީތު ޖިންނިއާއި، މިނޫން ޖިންނިތައް ހިމެނެއެވެ. މީގެތެރޭގައި މުސްލިމު ޖިންނިއާއި ކާފަރު ޖިންނިވެސް ހިމެނެއެވެ.

އަހަރެމެން ޤަބޫލުކުރާ ގޮތުގައި އަދި ކީރިތި ޤުރުޢާނުގައިވާ ފަދައިން ޖިންނީންނަކީ ސިފަ ބަދަލު ކުރެވޭ ބަޔެކެވެ. އެގޮތުން އިންސާނުންނަށް ޖިންނީން ފެންނަ ހިނދު، އެ ޖިންނި ބޭނުންވާ ސިފައެއްގައި ފެނިއުޅުމުގެ ބާރު އެ ޖިންނީންނަށް ލިބިގެންވެއެވެ. ލޯތްބާއި، ނަފްރަތާއި، ރުޅިވެރިކަމާއި ބަދަލު ހިފުމަކީވެސް ޖިންނީންގެ މިޒާޖުގައި ވެސް ހުންނަ ކަންކަމެކެވެ. ޖިންނި މޮޔަވެގެން އުޅޭ ވާހަކައާއި ޖިންނި އަވަލައިގެން އުޅޭ ވާހަކަ އަޑުއިވޭލެއް ވަކި މަދެއް ނޫނެވެ. އެކަމަކީ ގޯސްކަމެއް ކަމުގައި ވީ ނަމަވެސް އެއް އިންސާނަކު އަނެއް އިންސާނަކަށް އުނދަގޫ ކުރުމުގެ ގޮތުންނާއި، ގެއްލުން ދިނުމުގެ ގޮތުންނާއި، ބަދަލު ހިފުމުގެ ގޮތުން އެކި ކަހަލަ ޖިންނީން މަދަދުވެރިއަކަށް ބޭނުންކުރެއެވެ. އިންސާނުންނާއި ޖިންނީންނާ ދެމެދު ގުޅުންތަކެއް ވާކަން އަހަރެން ޤަބޫލުކުރަމެވެ. ނަމަވެސް، ސުވާލަކީ އަހަރެން އެކަންކަން ޤަބޫލުކުރުމެއް ނޫނެވެ. ތިބާ އެކަންކަން ޤަބޫލުކުރާ މިންވަރެވެ. އަހަރެން މިއަދު މި ކިޔައިދެނީ ޚުދު އަހަރެންނަށް ކުރިމަތިވި ހާދިސާއެކެވެ. ނަމަވެސް، މިކަމާމެދު ޤަބޫލުކުރާ ކުރުން ނިންމާނީ ތިޔަފަރާތުންނެވެ.

އަހަރެންގެ ނަމަކީ ޒާރާއެވެ. އޭރު އަހަރެން ކިޔަވަމުން ގެންދިޔައީ އެމް.އީ.އެސް ސްކޫލްގައެވެ. މިހާރުނަމަ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ބައެކެވެ. އަހަރެންގެ އުމުރުން އެންމެ 15 އަހަރެވެ. އެހެނިހެން ކުދިންނެކޭ ވެސް އެއްފަދައިން އަހަރެން ވެސް ދިޔައީ އަހަރެންގެ އެންމެ ޒުވާން ދުވަސްވަރު ގުނަމުންނެވެ. ފަހަކަށް އައިސް ލޯބީގެ ގޮތުން ޒުވާން އުމުރުގައި ނުވަތަ ކިޔަވާ ދުވަސްވަރުގައި ގުޅުން އޮތުމަކީ ހަޑިކަމަކަށް ނުވެއެވެ. އެގޮތުން ގްރޭޑް 9 ގައި އަހަރެން ކިޔަވަމުން ދިޔައިރު އަހަރެން ވެސް އުޅުނީ ކުއްޖަކާ ރައްޓެހިވެގެންނެވެ. އޭނާގެ ނަމަކީ އާމިރެވެ. އޭނާއަކީ އަހަރެންނާ އެއް ސްކޫލެއްގައި ކިޔަވަމުންދާ ކުއްޖެއް ނޫނެވެ. ވުމާއެކު، ދެމީހުން ވެސް ނިމޭގަޑީގައި ކުޑަ ތަފާތެއް އުޅޭތީ އާމިރަށް އަހަރެން ބަލާ އާދެވޭއިރު ހުންނަނީ ކުޑަ ވަގުތުކޮޅެއް ފާއިތުވެގެން ގޮސްފައެވެ. ނަމަވެސް، ކޮންމެ ދުވަހަކު ވެސް އާމިރުއާ އެކު ވަގުތުކޮޅެއް ހޭދަކުރަން ބޭނުންވާލެއް ބޮޑުކަމުން، އާމިރުއަށް އިންތިޒާރު ކުރުމަކީ އަހަރެން ވަރަށް ގަޔާވެ ކުރަމުން އަންނަ ކަމެކެވެ.

ދުވަހަކީ ހަފްތާގެ ބުރާސްފަތި ދުވަސްކަމުން ހުކުރު ދުވަހުގެ ގިނަ ވަގުތު ގޭގެ މަސައްކަތުގައާއި، ފިލާވަޅުތައް ހެދުމުގައި އަދި ދަސްކުރުމުގައި އުޅެން ބޭނުންވާތީ ކޮންމެހެން ވެސް ބުރާސްފަތި ދުވަހު އާމިރުއާ އެކު ވަގުތުކޮޅެއް ހޭދަކުރުމަކީ މުހިންމުކަމަކަށް ވާތީ އަހަރެން ސްކޫލް ނިމިގެން މަޑުކުރީ އަހަރެން ބަލާ އާމިރު އަންނަންދެނެވެ. އިންތިޒާރު ކުރަމުން ވަގުތުތައް ގުނަމުން ގޮސް އަހަރެން މަޑުކޮށްލީ ސްކޫލްގެ ކަންމަތީގައެވެ. އޭރު މަޣްރިބް ނަމާދު ބަންގި ގޮވައިފިއެވެ. ނަމަވެސް އާމިރުއާ ބައްދަލުކުރުން މުހިންމުކަމުން ގެއަށް ނުގޮސް އަހަރެން މަޑުކުރީއެވެ. އެއްވެސް އިހުތިޔާރަކާ ނުލާ ސްކޫލްގެ ކަންމަތީގައި ހުރި ޗާންދަނީ ގަހުން އަހަރެން ދެތިން މާ ބިނދެލީމެވެ. އަދި ވަސް ބަލާލީމެވެ. އާމިރު އޭނާގެ ބައިސްކަލުގައި އައިސް މަޑުކޮށްލުމަށްފަހު ބައިސްކަލުން ފޭބިއެވެ. އަދި ބައިސްކަލު އަތުން ހިފައިގެން އަހަންނާއެކު އަހަރެންގެ ގެއާ ދިމާއަށް ދެމީހުން ވެސް މިސްރާބު ޖެހީމެވެ. ހިނގަމުން ގޮސް އަހަރެންގެ އަތުގައި އޮތް މާ މަގުމައްޗަށް އެއްލާލީމެވެ.

ރަށުގައި ރަނގަޅު ތަޢުލީމެއް ލިބެން ނެތްކަމުން މާލޭގެ ގެއެއްގެ ކޮޓަރިއެއް ކުއްޔަށް ހިފައިގެން އަހަރެންނާ އެކު އަހަރެންގެ ދެ އެކުވެރިން އުޅެމުން އައީ ވަރަށް ހަމަޖެހިގެންނެވެ. އެއްވެސް ބައެއްގެ އުނދަގުލަކާނުލާ އުޅުމުގެ ފުރުސަތު ވަނީ ލިބިގެން ގޮސްފައެވެ. ގަޑިން ދަންވަރު 2 ޖެހީއެވެ. އަހަރެންނަށް ހޭލެވުނީ ބިއްލޫރި އެއްޗެއް ވެއްޓި ތަޅައިގެން ދިޔަ އަޑަށެވެ. އަހަރެން ފަރާތްފަރާތަށް ބަލައިލީމެވެ. އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. އަދި އަހަރެންގެ ދެ އެކުވެރިން ވެސް ތިބީ ގަދަ ނިދީގައެވެ. ތެދުވެގެން ގޮސް ފާހާނާ ބަލައިލުމަށްފަހު އަހަރެންނަށް ހީވިހީވުމެއް ކަމަށް ނިންމައި އަނެއްކާ ވެސް އޮށޯތީއެވެ.

ޖެހިގެން އައި ރޭ 2 ޖެހިއިރެވެ. އަނެއްކާވެސް ހޭލެވުނީ ހަމަ އެއަޑަށެވެ. ނަމަވެސް ކުރީ ރެއެކޭ އެއްފަދައިން އެއްވެސް ނިޝާނެއް ނެތެވެ. އެދުވަހު އާމިރުއާ ބައްދަލުވި ވަގުތު އަހަރެން އޭނާ ގާތު އެ ވާހަކަ ބުނީމެވެ. އެއީ އާމިރު އަހަރެންނާ ދުރުގައި މިހެން ހުންނަން ޖެހޭތީ އާމިރުގެ ހިތް ތަޅައިގެންދާ އަޑު ކަމަށް ބުނެ، އެކަން ސަމާސާއެއްކަމަށް ހަދައި އެ ވާހަކަ އޮއްބާލިއެވެ. އަހަރެން ވެސް މާބޮޑު ކަމަކަށް ނަހަދަމެވެ. އެރޭ 9 ޖެހިއިރު ތަންކޮޅެއް ކުރިން ނިދަން ތައްޔާރުވުމުގެ ގޮތުން ލައިގެން ހުރި ހެދުން ބާލަން ހިފައިލީމެވެ. އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައީ އަހަރެންގެ ނަމުން އަހަރެންގެ ކަންފަތް ކައިރީގައި ވައި އަޑަކުން މީހަކު ގޮވާލި އަޑަށެވެ. ހެދުން ބޮލުން ދަމައިގަތުމުގެ ބަދަލުގައި އަނެއްކާ ވެސް ތިރިކޮށްލީމެވެ. ރަނގަޅަށް އެނބުރި ބަލައިލީމެވެ. ނަމަވެސް އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. އަނެއް ދެ އެކުވެރިން ވެސް ކޮޓަރީގައި ނެތްކަމުން ހީވިހީވުމެއް ކަމަށް ނިންމައި، ދެވަނަ ފަހަރަށް ވެސް ހެދުން ބޮލުން ދަމައިގަންނަން ހިފާލި ތަނާ އަނެއްކާވެސް އަހަރެންގެ ކަންފަތް ކައިރީގައި ވައިއަޑަކުން މީހަކު ގޮވާލިއެވެ. އަހަރެން އަނެއްކާ ވެސް ހެދުން ތިރިކޮށްލީމެވެ. އަހަރެންގެ ކުރިމަތީގައި ހުރީ ބޮޑު ބިޔަ މީހެކެވެ. މުޅި ގައިގައި ވަނީ ފޮރި ކަހަލަ އެއްޗެއް ޖަހާފައެވެ. މޫނު އެހާ ސާފުކޮށް ނުފެނެއެވެ. ނަމަވެސް ދެ ލޮލުގެ ކަޅި ހުރީ ރަތް އަލިފާން ކުލައިގައި ހަނދު ފަޅިއެއް ހެންނެވެ. ކަންފަތް ސިފަ ވަނީ ރިޔަލަކާއެވެ.

އަހަންނަށް ހޭވެރިކަންވީ އަހަރެންގެ ދެ އެކުވެރިން އައިސް އަހަރެންގެ މޫނަށް ފެން ޖަހާ އަހަންނަށް ގޮވުމުންނެވެ. އަހަރެންނަށް އޮވެވުނީ ހޭނެތިފައި ތަޅުންގަނޑުމަތީގައިކަން އެނގުނެވެ. އަހަރެން ތަޅުންގަނޑު މަތިން ނެގުމަށްޓަކައި ދެ އެކުވެރިން އަހަންނަށް އެހީވިއެވެ. އަހަރެންގެ ހުރީ ވަރަށް ބޮޑަށް ހުން އައިސްފައެވެ. ވުމާއެކު، އަނެއް ދުވަހު ސްކޫލަކަށް ނުދަމެވެ. ޕެނެޑޯލް ގުޅައެއް ކާލައިގެން ބެލީ ވެފައިވާ ވަރުބަލިކަން ފިލުވާލުމަށާއި، ބޮލަށް ވެރިވެފައިވާ ބަރުކަން ލުއިކޮށްލުމަށްޓަކައި ނިދާލާށެވެ. އޭރު ގަޑިން 6:00 ޖެހީއެވެ. އިރުއޮއްސުނު ވަގުތެވެ. އަހަރެންނަށް ނިދިން ހޭލެވުނީ ކޮޓަރިތެރޭގައި މީހަކު އުޅޭހެން ހީވެގެންނެވެ. އެކި ކޮޅުކޮޅަށް ލޯ ހިންގާލީމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ދެ އެކުވެރިން ވެސް މިގަޑީގައި ވާނީ ސްކޫލުގައިކަން އެނގޭތީ އަހަރެން އަނެއްކާ ވެސް ނިދުމުގެ ގޮތުން ރަޖާ ގައިގައި އަޅައިގެން ލޯމަރާލީމެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. ގައިގައި އަޅާފައިވާ ރަޖާގަނޑު މީހަކު ނަގާ އެއްލާލުމުންނެވެ. ލޯ ހުޅުވާ ބަލާލީމެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އަހަރެން ތެދުވަން މަސައްކަތް ކުރީމެވެ. ނަމަވެސް އެހެން ބާރަކުން އަހަރެންގެ ބޮލުގައި ހިފާ ބާރުކޮށްފައިވާތީ އަހަރެން ކުރި މަސައްކަތްވީ ނާކާމިޔާބެވެ.

އަނގަ ހުޅުވާ ބާރަށް ހަޅޭއްލަވައިގަތުމަށް މަސައްކަތް ކުރީމެވެ. ތެދުވަން ވެގެން ގަދަ ދެއްކީމެވެ. ނަމަވެސް އެއްވެސް މަސައްކަތެއް ކާމިޔާބެއް ނުވިއެވެ. ނުފެންނަ އެ ބާރުގެ ކިބައިން އަހަރެން ސަލާމަތްވީ ދެ އެކުވެރިން އައިސް ދޮރު ހުޅުވުމުންނެވެ. އޭރު އަހަރެން ހުރީ ހާސްވެފައެވެ. މާނޭވާ ލެވިލެވިއެވެ. ދެ އެކުވެރިން ވެސް އެއް ފަހަރާ ކިހިނެއްވެފައިތޯ ސުވާލުކުރިއެވެ. ބިރުވެރި ހުވަފެނެއް ފެނުނީ ކަމަށް ބުނެ އަހަރެން ފާހާނާއަށް ވަނީމެވެ. ފެންވަރާލާ ހަމަޖެހިލުމުގެ ބޭނުމުގައި ލައިގެން ހުރި ޓީޝާޓާއި ހަރުވާޅު ބޭލީމެވެ. ދަތް އުގުޅުމަށް ލޯގަނޑު ކުރިމައްޗަށް ހުއްޓި ބުރުސް ޖަހާ ތަށިން ބުރުސް ނަގާ ބޭސް ޖަހަމުން ލޯގަނޑަށް ބަލައިލީމެވެ. އަހަރެންގެ މޭމަތީގައާއި ބަޑުގައި ރަތް ކުލައިގެ ނިޝާން ތަކެއް ހުއްޓެވެ. ވައްތަރީ މީހަކު ގަދަކަމުން ގައިގައި ހިފާފައި ހުރި ނިޝާންތަކަކާއެވެ. ކުޑަކޮށް ޖެހިލުންވެ ބިރު ގަތެވެ. އަވަސްއަވަހަށް ފެންވަރާލައިގެން ނުކުމެ އާމިރުއަށް ގުޅަން ފޯނު ނެގީމެވެ. ބައިވަރު މިސް ކޯލް ހުއްޓެވެ. ރަށުން މަންމައާއި އެކުވެރިންނާ އާމިރުގެ ކޯލުތަކެވެ. އަހަރެން އާމިރަށް ގުޅީމެވެ. އަދި މި ވާހަކަތައް ކިޔައިދިނީމެވެ. ފުރަތަމަ ފަހަރެކޭ އެއް ފަދައިން މިފަހަރުވެސް އެއީ ކުށް ހީއެއް ކަމަށާއި ނިދީގައި އަމިއްލައަށް މާބާރަށް ގައިގައި ހިފިފައި ހުރީކަމަށް އާމިރު ބުނެ އެ ވާހަކަ އޮއްބައިލިއެވެ.

ޖެހިގެން އައި ދުވަހެވެ. ސްކޫލަށް ދާ ގަޑި ކައިރިވީ ވަރަކަށް ބޮލުގެ ރިހުން އައީ ގަދަވަމުންނެވެ. ސްކޫލަށް ނުގޮސް ޕެނެޑޯލް ގުޅައެއް ކާލައިގެން އޮށޯވެލީމެވެ. ލޯ ހުޅުވަން ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް މީހަކު ވަނީ އަހަރެންގެ ދެ ލޯމަތީގައި އަތް އަޅާބާރުކޮށްފައެވެ. ހަޅޭއްލަވައިގަންނަން މަސައްކަތް ކުރީމެވެ. ނަމަވެސް އަހަރެންގެ ދެ ތުންފަތް ވެސް ވަނީ ޖެހި ބާރުވެފައެވެ. އަހަރެންގެ ހަށިގަނޑަށް ހޫނު ނޭވާތަކެއް އިހުސާސްކުރެވެން ފެށިއެވެ. ދެކޮޅަށް އެއްވެސް ކަމެއް ކުރެވޭ ވަރަށް ވުރެ އަހަރެން ވަނީ އެ ނޭނގޭ ބާރުވެރިފަރާތެއްގެ ކަސްތޮޅުގައެވެ. މަޣްރިބް ނަމާދަށް ގޮވާ އަޑު އިވެންފެށިއެވެ. އަހަރެންގެ ގަޔަށް ކުޑަ ލުއިކަމެއް ވެރިވި ވަގުތު އަހަރެން މަސައްކަތް ކުރީ ކޮޓަރިން ނުކުތުމަށެވެ. ކޮޓަރި މޭޒުމަތީގައި އޮތް ފޯނު ނެގުމަށްފަހު އަހަރެން ދޮރާ ދިމާއަށް އެނބުރުނީމެވެ. ދޮރުގެ ކުރިމަތީގައި ހުރީ ކުރީ ދުވަހުވެސް ފެނުނު ބިޔަ ބޮޑު އެއްޗެވެ. އަހަރެން ހުއްޓުން އެރިއެވެ. އެއްވެސް ކޮޅަކަށް ގުޑައެއް ނުލެވުނެވެ. އޭތި އައިސް އަހަރެންގެ މޫނާ ދިމާއަށް އޭގެ ދޫ ނެރުނެވެ. ހީވަނީ ހަރުފައެއްގެ ދޫހެންނެވެ. ކޮޅު ދެކަފިވެފައި އެހާމެ ރަތްކަން ގަދައެވެ. ފޭރާން ލައިގެން ހުއްޓައިވެސް އޭތި ދިޔައީ އަހަރެންގެ މުޅި ހަށިގަނޑުގައި ދޫ ކާއްތަމުންނެވެ. އަހަރެންނަށް ކުޑަކޮށް ނަމަވެސް ގުޑިއެއް ނުލެވުނެވެ. އެ އެތީގެ ކަސްތޮޅުގައި އަހަރެން ހުރީ ބެދިފައެވެ. އަހަރެންނަށް ރޮވެން ފެށުނެވެ. މިފަހަރު ވެސް އަހަރެން ސަލާމަތްވީ ކުރީ ދުވަހެކޭ އެއްގޮތަށް ދެ އެކުވެރިން ސްކޫލުން ނިމިގެން އައިސް ދޮރުހުޅުވުމާއެކުގައެވެ. އަހަރެން ފާހާނާއަށް ވަދެ ހެދުން ބާލާ މުޅި ގައިގައި ފެން ހާކަން ފެށީމެވެ. އޭތި ދޫ ހާކާފައިވާ ތަންތަނުގައި ފެން ޖެހުމުން ދިލަ ނަގަން ފެށިއެވެ. އަމިއްލަ ނަފްސު ދެކެ ރުޅިއަންނަން ފެށުނެވެ.

ޖެހިގެން އައި ދުވަހެވެ. ދެ އެކުވެރިންގެ ޓެސްޓެއް އޮތުމާއެކު ސްކޫލް ނިންމާ ފިލާވަޅު ދަސްކުރުމަށް ގްރޫޕް ސްޓަޑީއެއް ހަދަން ދާން ޖެހޭކަމަށް ބުންޏެވެ. އަދި އެ ދުވަހު ގެއަށް އަންނާނީ ގްރޫޕް ސްޓަޑީއަށް ފަހު 8 ޖަހާއިރުކަމަށް ބުންޏެވެ. އަހަރެން ނިންމީ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ސްކޫލަށް ދާށެވެ. ކުރީ ދުވަހެކޭ އެއްގޮތަށް މިއަދުވެސް ގަޑި ކައިރިވަމުން ދިޔަވަރަކަށް ބޮލުގައި ރިއްސަން ފެށިއެވެ. ނަމަވެސް ހިތްވަރު ކޮށްލައިގެން ސްކޫލަށް ދިޔައީއެވެ. ކިޔެވޭ ގޮތެއް ނުވިއެވެ. އެއްވެސް އެއްޗެއް ބޮލަކަށް ނުވަދެއެވެ. ހީވަނީ ކޮންމެވެސް މީހަކު އަހަރެން ކައިރީ އުޅޭ ހެންނެވެ. ސްކޫލް ނިމިގެން ނުކުތްއިރު އާމިރު ހުއްޓެވެ. މާ އަވަހަށް އައިސް ހުރުމުން ކިހިނެއް ވީތޯ އަހާލީމެވެ. ފަހު ޕީރިއަޑްގައި ޓީޗަރު ނާންނާތީ ގެއަށް ފޮނުވާލީކަމަށް ބުންޏެވެ. ދެ އެކުވެރިން ވެސް އަންނާނީ ލަހުންކަމަށް ވާތީ ގޭގައި ވެސް އެކަނި ހުންނަށް ބޭނުން ނުވާތީ، ގެއަށް އައުމަށް އާމިރަށް ދައުވަތު ދިނީމެވެ. ގޭ މަގަށް އެޅިތަނާ ވާރޭ ވެހެން ފެށިއެވެ. ނަމަވެސް ވަރަށް ތުނިކޮންނެވެ. ބާރުބާރަށް ގޮސް ދެމީހުންނަށް ގެއަށް ވަދެވުނީ ހަމަކިރިއާއެވެ. ވެހެމުން ދިޔަ ވާރޭ އިތުރަށް ބޯކޮށްލިއެވެ.

ކޮޓަރިއަށް ވަދެ މޭޒު ކައިރީގައި ހުރި ގޮނޑިމަތިން ފޮތްތައް ނަގާ އާމިރު އިށީނުމަށް ގޮނޑި ހުސްކޮށް ދިނީމެވެ. އަދި ހެދުމާއި ތުވާލި ހިފައިގެން ފާހާނާއަށް ވަދެ ހެދުން ބަދަލުކޮށްގެން ނުކުތްއިރު އާމިރު ހުރީ ފާހާނާ ދޮރުކައިރީއެވެ. ބާރު ގުގުރިއެއްގެ އަޑާއެކު އަހަރެންނަށް އާމިރުގެ ގައިގައި ބައްދައިގަނެވުނެވެ. އޯގާތެރިކަމާ އެކު އާމިރު ވެސް އަހަރެން ގައިގައި ބައްދާލިއެވެ. އަދި ކަންފަތް ކައިރީގައި ލޯބިވާ ކަމަށް ބުންޏެވެ. އަހަރެން ވެސް ލޯބިވޭ ބުނަމުން އިތުރަށް އާމިރުގެ ގައިގައި ހިފައި ބާރުކޮށްލީމެވެ. އެއްވެސް އިހުތިޔާރަކާ ނުލާ އަހަންނަށް އާމިަރުގެ ޔުނީފޯރމްގެ ގޮށްތައް ނެއްޓެން ފެށުމެވެ. އަހަންނަށް އެހީތެރިވުމުގެ ގޮތުން އާމިރު ވެސް ބައިވެރިވިއެވެ. ދެ މީހުންނަށް ވެސް އެއްވެސް އިހުތިޔާރަކާ ނުލާ އެކަކު އަނެކަކުގެ ދެމެދަށް ވައިރޯޅިއެއް ވެސް ނުވަދެވޭހާ ގާތްވެލިއެވެ. ބޭއިހުތިޔާރުގައި ދެމީހުން ވެސް ދިޔައީ ލޯބީގެ ފޮނި ރަހަ ހޯދަމުންނެވެ. އޭގެ އެންމެ ފުން މިނަށެވެ. ދެމީހުން ވެސް ހޭވެރިކަމެއް ވީ ލޯބީގެ އެންމެ ފުންކަނޑުގައި ޣަރަގުވެ ނިމުމުންނެވެ. ހަމަހޭވެރިކަންވުމުން އަހަރެން ލަދު ގަތެވެ. އަވަހަށް ދުވެފައި ގޮސް ފާހާނާއަށް ވަނީމެވެ. ނުކުތްއިރު އާމިރެއް ނެތެވެ. ކޮޓަރި ދޮރު ހުރީ އެތެރެއިން ތަންޑު އެޅި ގޮތަށެވެ.

އަހަރެންގެ ފޯނު ރިންގުވާން ފެށިއެވެ. އެއީ، އާމިރެވެ. ކޮންމެވެސް ވަރަކަށް ލަދު ގަތް ނަމަވެސް ފޯނު ނަގައި ހަލޯ އޭ ގޮވާލީމެވެ. އާމިރުގެ އަޑުގައި ވަނީ ހާސްކަމެވެ. ކިހިނެއްވީތޯ ސުވާލު ކުރީމެވެ. "ކިހިނެއް ނުވަނީ ޒާރާ! އަހަރެން ގޮސް ސްކޫލް ކައިރީ ހުރެހުރެ ޒާރާއެއް ނުނުކުތް. ޒާރާ ކްލާސް ކުއްޖެއް ކައިރީ އެހުމުން ޒާރާ ދިޔަކަމަށް ބުނި! އަހަރެން ގުޅާގުޅާ ވެސް ޒާރާ ފޯނެއް ނުނަގަމެއްނު." އާމިރު އެއް ޖުމްލައަކަށް ހުރިހާ އެއްޗެއް އަމުނާލިއެވެ. އެއްވެސް އިހުތިޔާރަކާ ނުލާ އަހަރެންނަށް ފޯނު ކަނޑާލެވުނެވެ. އަދި މިސް ކޯލްތައް ޗެކްކުރީމެވެ. ތެދެކެވެ. 15 ވަރަކަށް މިސްކޯލް އޮތެވެ. ކުއްލިއަކަށް އަނެއްކާވެސް ފޯނު ރިންގް ވިއެވެ. އާމިރެވެ. އަހަރެން ފޯނު ނަގައި ވަރަށް އަވަހަށް އައުމަށް އެދުނީމެވެ. 10 ވަރަކަށް މިނެޓް ތެރޭ އާމިރު ހުރީ ގޭ ދޮރުމަތީގައެވެ. ދެމީހުން ހިނގައިގަތީމެވެ. ދިޔަ މަގުމަތީގައި އާމިރު އެތައް ސުވާލެއް ކުރިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. އަހަރުމެން ހިނގަމުން ގޮސް ސަލްޓަނ ޕާކުގެ ގޮނޑިއެއްގައި އީށީނީމެވެ. އަހަރެންނަށް ރޮވެން ފެށުނެވެ. އާމިރު ސުވާލުކުރުމުން އަހަރެން ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. އާމިރު ހުރީ ބުނާނެ އެއްޗެއް ވެސް ނޭނގޭ ހާލުގައެވެ.

އަތްދަބަހުން ފޯނު ނަގާ އަހަރެން މަންމައަށް ގުޅީމެވެ. އަދި މިހުރިހާ ވާހަކައެއް އަހަރެން ކިޔައިދިނީމެވެ. މަންމަ ބޭނުންވީ އަހަރެން ދުވަސްކޮޅަކަށް ރަށަށް އައުމަށެވެ. އާމިރުގެ ވެސް އެދުމުގެ މަތީން އަހަރެން ހަފްތާއަކަށް ރަށަށް ދާން ނިންމީމެވެ. އޭގެ އަނެއް ދުވަހެވެ. އަހަރެން ފުރަން ވާން ޖެހޭ ހުރިހާ ތައްޔާރީއެއް ވެސް އާމިރު ވަރަށް ފުރިހަމައަށް ކޮށްދިނެވެ. ބޯޓުގެ ޓިކެޓާއި އެހެނިހެން ހުރިހާ ކަމެކެވެ. އަދި ބޯޓު މަތީގައި ކާނެ ބޯނެ ބައެއް ތަކެތި ވެސް ހޯދައިދިނެވެ. މާލޭގެ ފަޅުން ބޯޓު ނުކުމެ ކަނޑުމައްޗަށް ނުކުތެވެ. ކޯކް ދަޅެއް ކަނޑާލުމަށްފަހު އަހަރެން އެ ބޮމުން ބޯޓުގެ ދޮރެއް ކައިރިއަށް ޖެހިލީމެވެ. އަދި ބޭރު ބަލާލީމެވެ. ބޯޓުގެ މަތިވެސް ވަނީ މީހުންނަށް ތިބެވޭ ގޮތަށް ހަދާފައެވެ. ނަމަވެސް ހިޔާކޮށްފައެއް ނޫނެވެ. ފަރުހިކިވަސް ކަހަލަ ވަހެއް ދުވަން ފެށިއެވެ. ވަސް އަންނަނީ އަހަރެންގެ ބޮލާ ދިމާ މަތިންނެވެ. އަހަރެން މަތި ބަލާލީމެވެ. ފެނުނު މަންޒަރުން އަހަރެންގެ އަތުން ކޯކް ދަޅު ވެއްޓުނެވެ. އަހަރެންނާ އަޅައިގަނެގެން އުޅޭ އެތި އިނީ ދެފައި ތިރިކޮށްގެން އިށީނދެއެވެ. އަހަރެންގެ ހިތަށް ބިރުވެރިކަން ވަނެވެ. އަހަރެން އަވަހަށް ގޮސް ދަތުރުގައި ބައިވެރިވާ އާއިލާއެއްގެ ތެރެއަށް ވަދެ އިށީނީމެވެ. އެއް ރަށުގެ ބައެއް ކަމުން ވަރަށް ގާތްކޮށް ވާހަކަދައްކާ ހެދިއެވެ. އަދި މި ދަތުރުގައި އެކަނި ބައިވެރިވާތީ އެ އާއިލާއާއެކު ދަތުރުމަތީގައި ވަގުތު ހޭދަކުރުމަށް އަހަރެންނަށް ދައުވަތު ދިނެވެ. އަހަރެން އަވަހަށް އެ ދައުވަތު ޤަބޫލުކުރީމެވެ. އެއީ، އަހަރެންނަށް ވެސް އެންމެ ރަނގަޅު ގޮތް ކަމުގައި ޤަބޫލުކުރެވޭތީއެވެ.

ރަށަށް ދެވުނު އިރު މަންމައާއި ބައްޕައާއި އާއިލާގެ އިތުރު މެންބަރުން ތިއްބެވެ. ގެ ހުންނަނީ މާ ދުރުގައި ނޫންކަމުން އަހަރެމެން އެންމެން ހިނގާފައި ގެއާ ދިމާއަށް މިސްރާބު ޖެހީމެވެ. އަހަރެންގެ ފަހަތުން އެއްކަލަ އެތި ވެސް އައިސް ގޭގައި ހަދާފައިވާ އުނދޯލިތަކުގެ ތެރެއިން އުނދޯންޏެއްގައި އިށީނެވެ. މަންމަ އައިސް އަހަރެން އުނދޯޔެއްގައި ބޭންދުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ. އޭތީގެ ވާހަކަ ދައްކަން ފެށުމާއެކު ދެ ލޯ ބޮޑުކޮށްލިއެވެ. އަލިފާން ގަނޑެއްހެން ކަޅި ހުރިއިރު އުނދޯލި ހެއްލެން ފެށިއެވެ. އަހަރެން އުނދޯންޏާ ދިމާއަށް އިޝާރާތް ކޮށްލީމެވެ. އަހަރެންގެ އެ އިޝާރާތް މަންމައަށް ނަގައިގަނެވުނެވެ. މަންމަގެ ވާހަކަ ހުއްޓާލިއެވެ.

ދައްތަމެން ސައި ހަދައިގެން އައިސް އަހަންނަށް ގޮވިއެވެ. އެންމެން އެކީގައި ސައި ބުއީމެވެ. ރަށްރަށުގައި އަވަހަށް ނިދުމުގެ އާދަ ގެންގުޅޭތީ އަހަރެންވެސް އާއިލާއާއެކު އެރޭގެ ކެއުމަށް އިންސާފު ކުރުމަށްފަހު އާމިރަށް ގުޅީމެވެ. އަދި ހާލު ރަނގަޅުކަމަށާއި ނިދަން ތައްޔާރުވާން އުޅޭ ވާހަކަ ބުނީމެވެ.

މޭ ނުބައިކޮށް ހޮޑު ލެވޭގޮތް ވިއެވެ. މަންމައާ އެކު ގޮސް ގިފިލި ތެރެއަށް ވަދެވުނީ ކިރިޔާއެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި ހޮޑުތައް ބޭރުވިއެވެ. އެރޭވެސް ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ގަޔަށް ވެރިވިއެވެ. ނަމަވެސް އެހެން ރޭރޭއަށް ވުރެ ކުޑައެވެ. ޖެހިގެން އައި ދުވަހުގެ އިރުއޮއްސުނު ވަގުތެވެ. އެކި ވަރުވަރުގެ އުނދަގޫތައް ގަޔަށް ވެރިވަމުން ދިޔައެވެ. ފަރުހިކިވަސް ދިޔައީ ގަދަވަމުންނެވެ. ސަމާލުކަން ގެއްލުވާލީ ކޮންމެވެސް މީހަކު އައިސް ސަލާން ގޮވާލި އަޑަށެވެ. އޭނާއަށް ކިޔަނީ އަލިފުޅެވެ. އޭނާއަކީ ޖިންނި ކަންތައް ކުރުމުގައި ނަން މަޝްހޫރު މީހެކެވެ. އޭނާ އައިސް ބައްޕައާ ބައްދަލުކޮށް އިޝާ ނަމާދުން ނިމިގެން އަންނަންވާއިރަށް ބައެއް ތަކެތި ހޯދާފައި ބެހެއްޓުމަށް ބުންޏެވެ. އަދި މިހާރުން ފެށިގެން ބަޤަރާ ސޫރަތް ގޭގައި ޖަހާފައި ބެހެއްޓުމަށް ބުންޏެވެ. ދުވަސްވަރަކީ މޯބައިލް ފޯނުގެ ވާދަވެރިކަމުގެ ދުވަސްވެރިކަމުން ފޯނުގައި ހުރި ޤުރުއާން އެޕް ބޭނުން ކޮށްގެން ބަޤަރާ ސޫރަތް ޖެހީމެވެ. ދުވަމުން އައި ފަރުހިކި ވަސްގަނޑު ދިޔައީ މަޑުމަޑުން ކެނޑެމުންނެވެ.

އިޝާ ނަމާދުން ފޭބުމާއެކު ބައްޕައާ އެކު އަލިފުޅު ގެއަށް އައެވެ. އަދި ކޮޓަރި ތެރޭގައި ހުރި އެނދެއްގައި އަހަރެން ބޭއްވުމަށްފަހު ހުރިހާ އަންހެން ވެރިން ކޮޓަރިން ނުކުތުމަށް އެދުނެވެ. މަންމާއާއި ދައްތަ ކޮޓަރިން ނުކުތެވެ. ކޮޓަރި ތެރޭގައި ތިބީ އަހަރެންނާއި ބައްޕަގެ އިތުރުން ޅިޔަންބެއާ އަލިފުޅެވެ. އަލިފުޅު ޤުރުއާނުގެ ސޫރަތްތަކަކާއި އާޔަތްތަކެއް ކިޔަވަން ފެށިއެވެ. އަހަރެންގެ ބޮލަށް އެނބުރުން އަރާ ގޮތް ވިއެވެ. ފަންކާގެ އަޑު ގަދަވާން ފެށިއެވެ. ފަންކާއާ ދިމާއަށް ބަލާލިއިރު އެއްކަލަ އެތި އިނީ ފަންކާ މައްޗަށް އަރާ ދެފައި ބާލައިގެންނެވެ. އަލިފުޅު އަހަރެންނާ ސުވާލު ކުރިއެވެ.

އަލިފުޅު: ކޮބާ އޭތި މި ކޮޓަރި ތެރޭ އެބަހުރިތަ؟

އަހަރެން އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލީމެވެ.

އަލިފުޅު: ކޮން ނަމެއް ކިޔަނީ؟

އޭތި އެއްވެސް ޖަވާބެއް ނުދެއެވެ.

އަލިފުޅު: ކީއްވެ ކަލޭ މި މަންޖެ ގައިގައި އަޅާގަނެގެން ތިއުޅެނީ؟

މި ފަހަރުވެސް އޭތި އެއްވެސް ޖަވާބެއް ނުދެއެވެ.

ކައިރީގައި ހުރި ކުޑަ ފެން ރުނބާއިން އަތްގޮށިން ފެން ނެގުމަށްފަހު އަހަރެންގެ މޫނަށް ފެން ޖެހިއެވެ. އެއްވެސް ބަދަލެއް ނާދެއެވެ. އެ އެތި ޖަހާލި ހިނިގަނޑުގެ ސަބަބުން ހީވީ ބާރު ގުގުރިއެއް ޖެހިހެންނެވެ. އަހަރެންނަށް އެ ގަދަ އަޑު އިވުނު ފަދައިން އަލިފުޅަށް ވެސް އެ އަޑު އިވުނެވެ. ނަމަވެސް ބައްޕައާއި ޅިޔަންބެއަކަށް އެ އަޑު އިވުނުހެނެއް ހިޔެއް ނުވެއެވެ.

އަހަރެންނަށް މަޑުމަޑުން ނިދޭ ގޮތް ވިއެވެ. އަހަރެންނަށް ހޭލެވުނީ ބައްޕަ އަހަންނަށް ގޮވާ އަޑު އިވުމުންނެވެ. އަހަރެންނަށް ހޭވެރިކަން ވެރިވުމާއެކު އަލިފުޅު އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. އަހަރެންނަށް ނިދުމާ ހަމައިން ހޭއެރުމާ ހަމައަށް ކޮޓަރީގައި ހިނގި އެއްވެސް ކަމެއް ނޭނގެއެވެ.

އަލިފުޅު ވާހަކަ ދައްކަން ފެށިއެވެ. އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެ ވާހަކަތަކުގެ ތެދު ކަމުންނެވެ. އަހަރެންނަށް ހެދުނު ގޯހަކީ އިރުއޮއްސުނު ވަގުތު އެ ޗާންދަނީ ގަހުން ޗާންދަނީ މާ ބިދެ އެއިން ވަސް ބެލުމެވެ. އަހަރެންގެ ކުށަކީ ކޮބައިހެއްޔެވެ؟ އެ ގަހުން މާ ބިނުން ހެއްޔެވެ؟ ނުވަތަ ވަސް ބެލުން ހެއްޔެވެ؟ އޭތި ބުނާ ގޮތުން އަހަރެންގެ ކުށެއް ނެތެވެ. އަހަރެން އެ މާ ބިނދެލި ވަގުތު އޭތި އިނީ ފޮނި ބުއިމަށްޓަކައި އެ މަލުގެ ކަރުގަނޑުގެ ތެރޭގައެވެ. އަދި އޭތި ބޮމުން ދިޔަ ފޮނިކޮޅުގެ ވަސް އަހަރެން ބެލުމާއެކު އަހަރެންނަށް އޭތި ހިތް ކީއެވެ. ނުވަތަ އަޅައިގަތީއެވެ. އޭތި ބުނާ ގޮތުންނަމަ އަހަރެން މިހާރު ވަނީ އެ އެއްޗަށް އެތައް ދަރިންނެއް ދީފައެވެ. މިއީ، އަހަންނަށް އެނގޭ ކަމެއް ނޫނެވެ. އަދި އެ ބުނާ ދަރިންތަކެއް އަހަންނެއް ނުދެކެމެވެ. އަދިވެސް އޭތި ބުނާ ގޮތުންނަމަ އަލިފުޅުގެ ކިޔެވެލީގެ ބާރުން އޭތި އަންދާލައިފިނަމަ އޭތީގެ ދަރިންނާއި އާއިލާ އަހަރެމެންގެ އާއިލާގެ ކިބައިން ބަދަލު ހިފާނެއެވެ. އަލިފުޅު ބުނާ ގޮތުން އޭތީގެ އާއިލާގައި އެތައް ހާސް ބަޔަކު ވެއެވެ.

އަލިފުޅު ބުނާގޮތުން އަލިފުޅާއި އެ އެއްޗާއި ދެމެދު އެއްބަސްވީ އެދުވަހަށްފަހު އޭތީގެ ކިބައިން އެއްވެސް އުނދަގުލެއް އަހަންނަށް ނުފޯރުވާ އަދި އޭތީގެ ދަރިންނާއި އޭގެ އާއިލާގެ ކިބައިންވެސް އަހަރެންނަށް އެއްވެސް އުނދަގުލެއް ނުކުރުމަށެވެ.

އޭގެ އެތައް އަހަރެއް ފަހެވެ. މިހާރެވެ. މިހާރުވެސް ދުވަސް ދުވަސްކޮޅުން އަހަރެންނަށް ފަރުހަކިވަސް ދުވައެވެ. ނަމަވެސް އެފަދަ އެއްވެސް އުނދަގުލެއް ނުވެއެވެ. އެ ދުވަހަށްފަހު އަހަރެން އައީ ބަރާބަރަށް ފަރުޟު ފަސްނަމާދު އަދާކުރަމުންނެވެ. އަދި ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔަމުންނެވެ. އަދި ކޮންމެ ދުވަހަކުވެސް ޤުރުއާނުގެ ކޮންމެވެސް މިންވަރެއް ކިޔަވަމުންނެވެ. މިއަދު އަހަރެންނަކީ ލޯބިލޯބި ކުޑަ އާއިލާއެއްގެ އެންމެ އިސް މީހާއެވެ. ލޯބިލޯބި ދެ ކުދިންގެ މަންމައެކެވެ. އަދި ކިޔެވި ދުވަސް ވަރުން ފެށިގެން ރައްޓެހިވެގެން އުޅުނު އާމިރުގެ އަނބިމީހާއެވެ.

އަހަރެން އާމިރަށް މި ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. އާމިރުގެ ފަރާތުން އަހަންނަށް ލިބުނީ އަޅާލުމާއި އޯގާތެރިކަމެވެ. އެހެން ނަމަވެސް އަހަރެންގެ ހިތުގައި އަބަދުވެސް ބިރުވެރިކަމެއް ވެއެވެ. ހާސްވުންތަކެއް ވެއެވެ. އެއީ، އަހަރެންގެ މާޒީގައި ދިމާވި ކަންތައްތަކާ ގުޅިގެން އަހަރެންގެ މި ކުޑަކުޑަ ލޯބި އާއިލާއަށް އެއްވެސް ހުރަހެއް ނުވަތަ ބިރުވެރި ކަމެއް ކުރިމަތިވެދާނެކަމުގެ ބިރެވެ. އަހަރެންގެ އުންމީދަކީ އަދި އަހަރެންގެ ދުއާއަކީ މިފަދަ އެއްވެސް ކަހަލަ ކަމެއް މި ވާހަކަ ކީ އެއްވެސް ފަރާތަކަށް ނުވުމެވެ. ތީގެ ތެރެއިން މިވާހަކަ ޤަބޫލުކުރާނީ ކިތައް މީހުންކަމެއް އަހަރެންނަކަށް ނޭނގެއެވެ. ނަމަވެސް މިއީ އަހަރެންގެ އެންމެ ޒުވާން ދުވަސްވަރުގައި އަހަރެންނަށް ކުރިމަތިވި ހަޤީޤީ ހާދިސާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނިޝާ

    ގެނެސް ދީފަ ވާލެއް ވ.ސަޅި
    ކިޔާހިތުން ކިޔާލެވުނު ރީތި ވާހަކައެއް

    12
    1
  2. ހުދާ

    ތަފާތު ސަޅި ކޮންސެޕްޓެއް