އިންޑިއާ މީހެއްގެ ބޮލުގައި އުފެދުނު ބޮޑު ޓިއުމަރެއް ކާމިޔާބުކަމާއެކު ނަގައިފިއެވެ.

11 ޕައުންޑް ހުރި އެ ޓިއުމަރު ނަގާފައިވާ ވަނީ 20 އަހަރު ވަންދެން އެ ޓިއުމަރުގެ ނުރައްކަލާއި ކުރިމަތިލަމުން ދިޔަ ޝަކްތީވަލް ނަމަކަށް ކިޔާ ފިރިހެނެއްގެ ބޮލުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ޓިއުމަރު އޭނާގެ ބޮލުގައި އުފެދި ބޮޑުވަމުންދިޔަ ނަމަވެސް އެކަމާއި ހެދި އޭނާ ޑޮކްޓަރަށް ދައްކާފައި ނުވަނީ، އޭނާގެ ބޭބެ އެފަދަ އޮޕަރޭޝަނެއްގެ ތެރެއިން މަރުވުމާއި ގުޅިގެން ސިއްޙީ ނިޒާމަށް އިތުބާރު ނުކުރެވޭތީއެވެ. އެހެން ނަމަވެސް އުމުރުން 31 އަހަރުގެ މި މީހާ އެތައް ދުވަހެއް ވަންދެން އެކަމުގެ ވޭނުގައި އުޅުމަށްފަހު އެންމެފަހުން ޑޮކްޓަރަށް ދައްކަން ނިންމީ ހާލަތު އިތުރަށް ގޯސްވަމުން ދާތީއެވެ.

އޭނާ އޮޕަރޭޝަންކޮށްފައި ވަނީ އިންޑިއާގެ މަދުރާއީގައި ހުންނަ ރަޖާޖީ ހޮސްޕިޓަލްގައެވެ. އެ ހޮސްޕިޓަލުން ބުނީ، މެއި މަހުގެ ފުރަތަމަ ހަފްތާގައި އެ ހޮސްޕިޓަލަށް އައި އެ މީހާގެ ބޮލުގައި ބޮޑު ޓިއުމަރެއް ހުރި ކަމަށެވެ. އަދި އެ މީހާ ބެލުމަށްފަހު 10 ގަޑިއިރުގެ އޮޕަރޭޝަނެއް ކުރުމަށްފަހު އެ ޓިއުމަރު ވަނީ އެ މީހާގެ ބޮލުން ނަގާފައެވެ.

އެ މީހާގެ ބޮލުގައި އުފެދުނު އެ ޓިއުމަރު އޭނާގެ ބޮލާއި ގާތްގަނޑަކަށް އެއްވަރުކަމަށް އޭނާގެ އޮޕަރޭޝަން ކުރި ނިއުރޯސާޖިއަން ޑރ. ޖޭ ސްރިސަރަވަނަން ބުންޏެވެ. އެ ޑޮކްޓަރު ބުނީ، އޭނާ ނިއުރޯސާރޖިއަންއެއްގެ ގޮތުގައި، ހޭދަވި 15 އަހަރު ތެރޭގައި މީހެއްގެ ހަށިގަނޑުން އެހާ ބޮޑު ޓިއުމަރެއް ފެނިފައިނުވާ ކަމަށެވެ.

އޮޕަރޭޝަނަށް ފަހު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު