ދުނިޔޭގެ އެކި ޤައުމުތަކުގެ ޒުވާން ރީތީގެ ރާނީން ބައިވެރިވި "މިސް ޓީން ވޯލްޑް 2019" މުބާރާތް، އިންޑިއާގެ ފަރާތުން ބައިވެރިވި ސުޝްމިތާ ސިންހަ އަށް ކާމިޔާބު ވެއްޖެއެވެ.

އެމެރިކާގެ އެލް ސެލްވެޑޯގައި ކުރިޔަށްދިޔަ މި މުބާރާތުގައި މިއަހަރުގެ މިސް ޓީން ވޯލްޑުގެ ތާޖު ސުޝްމިތާއަށް ލިބުނުއިރު ރަނަރަޕަށް ދިޔައީ ޕެނަމާ އާއި ޑޮމިނިކަލް ރިޕަބްލިކްގެ ފަރާތުން ބައިވެރިވި ދެ ބައިވެރިންނެވެ.

އެކި ޤައުމުތަކުން އުމުރުން 20 އަހަރު ނުފުރޭ ޒުވާން އަންހެން ކުދިން ބައިވެރިވެގެން ކުރިޔަށްގެންދާ މި މުބާރާތުގައި އެއްވަނަ ބައިވެރިއަކު ހޮވުމަށްޓަކައި ބައިވެރިންގެ ރީތިކަމުގެ އިތުރުން އެމީހުންގެ އުޅުމާއި އަހުލާގު އަދި ވިސްނުންތޫނު ކަމާއި ދުޅަހެޔޮކަމަށް ބަލައެވެ.

އަށް ދުވަހުގެ މުއްދަތަކަށް، މި މުބާރާތް ކުރިޔިޔަށްގެންދާ ފަރާތުން ހަވާލުކުރާ ޚާއްސަ ހަރަކާތްތަކާއި އިމްތިހާނުތަކެއްގެ ތެރެއިން މާކްސް ދިނުމަށްފަހު ހޮވާ މިސް ޓީން ވޯލްޑްގައި މިއަހަރު ވާދަކޮށް ކާމިޔާބުކުރި މުމްބާއީއަށް ނިސްބަތްވާ ސުޝްމިތާއަކީ އިންޑިއާގައި ތައުލީމި ހާސިލް ކުރަމުންދާ އުމުރުން 18 އަހަރުގެ ޒުވާނެކެވެ.

މި މަޤާމު އޭނާއަށް ލިބުމާއި ގުޅިގެން ސުޝްމިތާ ބުނެފައިވަނީ، އޭނާއަކީ ރީތި މީހެއް ނޫން ކަމަށާއި ނަމަވެސް އެހައި ހިސާބަށް ދެވުމަކީ، އޭނާ އެތައް ދުވަހެއް ވަންދެން ގަދައަޅައި ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އެހެންކަމުން ކާމިޔާބާއި ހަމައަށް ވާސިލުވުމުގެ ހުވަފެންދެކޭ ހުރިހައި ޒުވާނުންވެސް އަޒުމެއް ކަނޑައަޅައި ކަންކަމާއި ކުރިމަތިލުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ބުނެފައި ވެއެވެ.

މިއީ އިންޑިއާގެ ބައިވެރިޔަކަށް މި މުބާރާތް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރުގެ މިސް ޓީން ވޯލްޑުގެ ތާޖު ހޯދާފައި ވަނީ މިފަހަރު ރަނަރަޕަށް ދިޔަ ޑޮމިނިކަން ރިޕަބްލިކްގެ ބައިވެރިއެކެވެ.