އަންހެނުނަށް އެއްވެސް ރައްކާތެރިކަމެއް ނެތް އިންޑިއާގެ ރާޖަސްތާނުގައި ފަސް މީހުން ވެގެން އަންހެނަކު ރޭޕް ކުރުމަށް ފަހު މީސް މީޑިއާ އަށް އެމީހުން ހިންގި އެ އަމަލުގެ ވީޑިއޯ ލައިފިއެވެ.

އުމުރުން 30 އަހަރުގެ މި އަންހެން މީހާ ރޭޕް ކޮށްލާފައިވަނީ ރައްޓެސަކާއި އެކު ފައްޅިއަކަށް ދިޔަ މަގުމަތީގައިއެވެ.

މި އަންހެން މީހާ ވަނީ ރޭޕް ކުރި ދުވަހު މައްސަލަ ފުލުހުނަށް ހުށައަޅާފައެވެ. އަދި ފުލުހުން ވަނީ ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ ފަސް މީހުން ޖެހިގެން އައި ދުވަހު ހައްޔަރު ކޮށްފައެވެ.

ރާޖަސްތާނުގެ ފުލުހުން ބުނި ގޮތުގައި މި ފަސް މީހުން ވަނީ އެމީހުން ހިންގި އަމަލުގެ ވީޑިއޯ ވެސް މީސް މީޑިއާއަށް އަޕްލޯޑް ކޮށްފައި ކަމަށެވެ.

މި ފަސް މީހުންގެ ތަހުގީގު ނިންމުމަށް ފަހު ކޯޓަށް ހާޒިރު ކުރަން ރާޖަސްތާނުގެ ފުލުހުން މީހާރު ދަނީ ތައްޔާރުވަމުންނެވެ.

އިންޑިއާގެ ރޭޕް ކުރުން އާންމުވެފައިވާއިރު، ކޮންމެ 15 މިނެއްޓަކު އަންހެނަކު ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ ކަމަށް ޖަމާއަތްތަކުން ލަފާކުރެ އެވެ. އިންޑިއާ ފާހަގަވެފައި އޮންނަނީ އަންހެނުންނާއި ކުޑަކުދިންނަށް މުޅި ދުނިޔެއިންވެސް އެންމެ ނުރައްކާ ގައުމުުގެ ގޮތުގައެވެ. އަދި އެއީ ދުނިޔެއިން ރޭޕްގެ މައްސަލަތަށް ތިންވަނައަށް އެންމެ ގިނައިން ފެންމަތިވާ ގައުމެވެ.

އިންޑިއާގެ ނެޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި 2016 ވަނަ އަހަރު އެގައުމުގައި ކުޑަކުދިން ވަގަށް ނަގައި ރޭޕް ކުރުމުގެ މައްސަލަތައް ވަނީ 2015 ވަނަ އަހަރާ އަޅާ ބަލާ އިރު 82 ޕަސެންޓަށް އިތުރުވެފަ އެވެ.