މޭގަން މާކެލް އަކީ ވަރަށް ނުފޫޒުގަދަ އަންހެނެއް ކަމަށް މީގެ ކުރިން ވެސް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ. މިފަހަރު ވެސް މިއޮތީ އެފަދަ ޚަބަރެކެވެ.

އިނގިރޭސިވިލާތުގެ "ޓޯކް ރޭޑިއޯ" އަށް ޕްރިންސް ހެރީގެ ރަހުމަތްތެރިޔަކު ކަމަށްވާ ލިޒީ ކުޑީ ދިން އިންޓަވިއުއެއްގައި މޭގަންގެ ނުފޫޒުގެ ސަބަބުން ހެރީ އޭނާގެ ވަރަށް ގިނަ ރަހުމަތްތެރިންނާއި ގުޅުން ކަނޑާލައިފި ކަމަށް މިވަނީ ބުނެފައެވެ.

ލިޒީ ބުނާ ގޮތުގައި އޭނާ އަކީ ހެރީގެ ގާތް ރަހުމަތްތެރިއެކެވެ. އަދި ހެރީގެ އިތުރު އެހެން ރަހުމަތްތެރިންނާއި ވެސް އޭނާ ރަހުމަތްތެރި ކަމަށް ލިޒީ ބުނެއެވެ. އެރަހުމަތްތެރިންގެ ވާހާކަތައް އަޑުއެހުމަށް ފަހު އަދި ލިޒީގެ އަމިއްލަ ތަޖުރިބާ އަށް ވެސް ބެލުމަށް ފަހު ލިޒީ ބުނީ މިހާރު ހެރީ ގިނަ ރަހުމަތްތެރިންނާއި ގުޅުން ނުބާއްވާ ކަމަށެވެ.

"މިއީ މޭގަންގެ ނުފޫޒުގެ ސަބަބުން ދިމާވަމުންދާ ކަމެއް. ހެރީ ގުޅުން ބާއްވަން ޖެހޭ ރަހުމަތްތެރިން މިހާރު ކަނޑައަޅަނީ މޭގަން." އޭނާ ބުންޏެވެ.

ލިޒީ ބުނީ ހެރީ އަކީ މީގެ ކުރިން ރަހުމަތްތެރިންނަށް ދިމާވާ ހުރިހާ ކަމެއް ގައި ވެސް އެއްބާރުލުން ދެމުން އަންނަ ވަރަށް ރަނގަޅު ރަހުމަތްތެރިއެއް ކަމަށެވެ. ނަމަވެސް މިހާރު ހެރީގެ އެހީތެރިކަން ރަހުމަތްތެރިންނަށް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

ލިޒީ ދެއްކި ވާހަކަތަކާއި ބެހޭ ގޮތުން ހެރީ ވެސް އަދި ޝާހީ އާއިލާގެ ތަރުޖަމާން ވެސް މިހާތަނަށް އެއްވެސް އެއްޗެކޭ ނުބުނެއެވެ.

މޭގަން އާއި ބެހޭ ގޮތުން އިނގިރޭސިވިލާތުގެ މީޑިއާތަކުން ތަފާތު ޚަބަރުތައް ފަތުރަނީ ނަސްލީ ގޮތުން ތަފާތު ކުރުމުގެ ބޭނުމުގައި ކަމަށް ބުނެ އިނގިރޭސިވިލާތުގެ މީޑިއާތަކަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.