އަޔަލޭންޑްގެ އަންހެނެއް ކަމަށްވާ ހެލީން މަގްރީ އަށް ލިބުނު ދަރިފުޅު ކަމަށް ހީކޮށް ބަލައި ބޮޑު ކުރެވުނީ އޭނާގެ ދަރިއެއް ނޫންކަން ދަރިފުޅުގެ އުމުރުން 50 އަހަރުވި ފަހުން އެނގިއްޖެއެވެ.

މިހާރު އުމުރުން 71 އަހަރު ވެފައިވާ ހެލީން މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ މިހާރު އުމުރުން 51 އަހަރު ވެފައިވާ އޭނާގެ "ދަރިފުޅު" ކްރިސްޓީން އަކީ އޭނާގެ ދަރިއެއް ނޫންކަން އެނގުނީ ޑީއެންއޭ ޓެސްޓެއް ހެދުމުން ކަމަށެވެ.

މިހާރު ވަރަށް ބޮޑަށް ގަބޫލު ކުރެވިފައިވާ ގޮތުގައި ހެލީން އާއި އެހެން މީހެއްގެ ދަރިއަކު ހަވާލު ކޮށްފައި ވަނީ ވިހެއުމަށް ފަހު ދަރިފުޅު ބޭއްވި ކްރިސްޓިން ފައްޅިއަކުންނެވެ. ފައްޅީގައި އެކުއްޖާ ބޭއްވީ ހެލީން އޭނާގެ މައިންބަފައިން ކައިރިއަށް ޒިޔާރަތް ކުރަން ބޭނުން ވެގެން ދަރިފުޅު ބެލެހެއްޓުމުގެ ގޮތުންނެވެ. ގާތްގަނޑަކަށް ދޮޅުމަސް ދުވަސް ވަންދެން ފައްޅީގައި ކުއްޖާ އޮތެވެ.

ދަރިފުޅާއި ހަވާލުވާން ހެލީން ދިއުމުން އެހެން ކުއްޖަކު އޭނާ އާއި ހަވާލު ކޮށްފައި ވަނީ އެކަން ކުރި މީހަކު ގަސްދުގައި ކަމެއް ނުވަތަ ނޫންކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ހެލީންގެ އަސްލު ދަރިފުޅު ވީތަނެއް އަދި ނޭނގެއެވެ. ހެލީންގެ ދަރިފުޅު ކަމަށް ހީކޮށް ބަލައި ބޮޑުކުރެވުނު ކްރިސްޓީންގެ ޑީއެންއޭ ހެދީ މިދިޔަ އަހަރު އަޔަލޭންޑްގައި ޤާނޫނާއި ހިލާފަށް ކުދިން އެޑޮޕްޓް ކޮށްފައިވާ މައްސަލައެއް ފެންމަތިވުމުން ޓެސްޓެއް ހަދާލުމުގެ ގޮތުންނެވެ. އެކަން ކުރީ ޝައްކު ކުރެވޭ ކަމެއް އޮވެގެންނެއް ނޫނެވެ.

"އަހަރެން ބޭނުން އަހަރެންގެ އަސްލު ދަރިފުޅު ހޯދަން. މަންމަ އާއި ވަކިން އެހެންތަނެއްގައި އުޅެން ޖެހުނީ މަންމަގެ ކުށަކުން ނޫންކަން ދަރިފުޅު ކައިރީ ބުނެދޭން ބޭނުން." ހެލީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު